އިންތިހާބެއްގައި މީހަކު ވޯޓު ލަނީ؛ އައްޑޫގައި މުހިންމު ވޯޓެއް ނަގާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވި - (ދައުރު ފޮޓޯ)

އައްޑޫ

އައްޑޫ ސިޓީ ކައުންސިލް އޮންނަ ގޮތާ މެދު އައްޑޫގައި ވޯޓެއް ނަގަނީ

ރައީސް މުހައްމަދު މުއިއްޒު 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫގައި ނަގާ ވޯޓަކީ ވަކިވަކި ރަށްރަށަށް ކައުންސިލެއް އޮންނަންތޯ ނުވަތަ މުޅި އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުންތޯ ހިންގަން ބޭނުންވަނީ ބެލުމަށް ނަގާ ވޯޓެއް
17 ސެޕްޓެމްބަރު 2025

އައްޑޫ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން އެއް ސިޓީ ކައުންސިލެއް އޮތުމާ ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރައީސް އޮފީހުން ކުރިއަށްގެންދާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާ މެދު ބައެއް ރަށްރަށުން ކަންބޮޑުވުންތަކެއް ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނާ ހިއްސާކުރި ކަމަށެވެ.

އެނގުން މުހިންމު - އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.

މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އައްޑޫގައި ނަގާ ވޯޓަކީ، މިހާރު އޮތް ގޮތަށް އެއް ސިޓީ ކައުންސިލުން ހިންގަންތޯ ބޭނުންވަނީ ނުވަތަ ވަކިވަކި ރަށްރަށަށް ވަކި ރަށު ކައުންސިލެއް އޮންނަންތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށެވެ.

"އައްޑޫ ހުޅުދޫ ކައުންސިލެއް ވަކިން އޮންނަންތޯ ބޭނުންވަނީ. ނޫނީ މިހާރު އޮންނަ ގޮތަށް އައްޑޫ ސިޓީ ކައުންސިލްތޯ. ހަމަ އެ ގޮތަށް އައްޑޫ މީދޫގައި ވެސް. އައްޑޫ ފޭދޫގައި ވެސް. އައްޑޫ މަރަދޫގައި ވެސް. އައްޑޫ މަރަދޫފޭދޫގައި ވެސް،" ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ވެރިކަންކުރާ ރަށް ހިތަދޫއަކީ 15،000އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާތީ އެ ރަށަށް ވަކިން އެކަނި ސިޓީ ކައުންސިލެއް ހެދޭނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ގާނޫނެއް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައި މިހާރު ދަނީ އަމަލުކުރަމުންނެވެ. މަޖިލީހުން ބިލު ދިރާސާކުރުމަށް ފަހު ވަކި ސަރަހައްދެއްގައި ވަކިން ވެސް ވޯޓަށް ނެގޭނެ އުސޫލެއް ހިމަނާފައިވެ އެވެ.

އައްޑޫގައި ނަގާ މި ވޯޓަކީ އެ ގާނޫނުގެ ދަށުން ނަގާނެ ފުރަތަމަ ވޯޓަށް ވާނެ އެވެ. އަދި އަންނަ އަހަރު އޭޕްރީލްގައި ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތްކުރަމުންދާއިރު އޭގެ ކުރިން އައްޑޫގައި މި ވޯޓު ނަގާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް