އައްޑޫގެ މޭޔަރު ނިޒާރު (ވ) އާއި ރައީސް މުއިއްޒު (ކ) - (ފޮޓޯ/ ރައީސް އޮފީސް)

އަލީ ނިޒާރު

އައްޑޫ ރޫޅާލަނީ ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން: ނިޒާރު

އައްޑޫ ރޫޅާލަން ސަރުކާރުން އުޅޭ ކަމަށް އެ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގައި ވަކިވަކި ކައުންސިލް ހެދުމާ މެދު ވޯޓެއް ނަގާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވުމުން
17 ސެޕްޓެމްބަރު 2025
1

އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން 'އައްޑޫ ރުޅާލަން' ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.

މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

ވީކިހިނެއް؟ - ރައީސް އޮފީހުން ގެންދާ 'ރައްޔިތުންނާއެކު' ޕޮޑްކާސްޓްގެ މިއަދު އޮތް އެޕިސޮޑްގައި ރައީސް މުއިއްޒު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލް އޮތްގޮތަށް ބާއްވަން ނުވަތަ ވަކިވަކި ރަށްރަށަށް ރަށު ކައުންސިލް ހަދަން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި:

  • އައްޑޫގެ ކޮންމެ ރަށެއްގައި ވެސް ވޯޓު ނަގާނީ އެ ރަށު ކައުންސިލެއް އޮންނަންތޯ ނުވަތަ މިހާރު އޮތް ގޮތަށް ސިޓީ ކައުންސިލް އޮންނަންތޯ

  • ވަކިވަކި ކައުންސިލްތައް ހެދުމަށް ފަހު ވެސް އައްޑޫ ހިތަދޫގައި ސިޓީ ކައުންސިލެއް ހެދޭނެ ކަން

ތަފްސީލް - ރައީސްގެ އެވާހަކައަށް ރައްދު ދެއްވަމުން ނިޒާރު ފޭސްބުކްގައި ލިއުއްވީ އެއީ އެއްވެސް އިލްމެއީ ދިރާސާއެއް ވެސް ނެތި، ހަސަދަވެރި މަދު ބައެއްގެ ވިސްނުމަކަށް އެމަނިކުފާނު ކުރައްވާ ކަމެއް ކަމަށެވެ.

އައްޑޫ ރައްޔިތުންނަށް ރައީސް ވައުދު ނުފުއްދޭނެކަން ޔަގީންވުމުން އައްޑޫ ރައްޔިތުންގެ ތެރޭ ހަމަނުޖެހުން އުފައްދައި ވައުދުން ރެކެން ޖަހާ މަޅިއެއް ގޮތަށް ނިޒާރު އެ ކަން ސިފަކުރެއްވި އެވެ.

"އައްޑޫ ބްރިޖްގެ ދޮގު ވައުދުން މިންޖުވާނެ މަގެއް ކޮށާލުމެއް،" 18ވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލްކުރެއްވި ނިޒާރު ލިއުއްވާފައިވެ އެވެ.

"ރައީސް މުއިއްޒު އައްޑޫ ސިޓީ ރުޅާލަނީ ހުދުމުހުތާރު ޑީއާރުޕީ ފިކުރަށް ހަޖަމުނުވި އައްޑޫގެ އެއްބައިވަންތަކަމާއި ތަރައްގީއަށް ކުރާ ޑިމާންޑް ނެތިކޮށްލަން ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމަށް،" ނިޒާރު އިތުރަށް ވިދާޅުވި އެވެ.

ނިޒާރުގެ ޕޯސްޓްގައި ދެން ފާހަގަކުރައްވާފައިވަނީ:

  • ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ 'ހުދުމުހުތާރު ވެރިކަމާ' ދެކޮޅަށް ދިވެހިން ކުރި މަސައްކަތުގެ އެންމެ ބޮޑު ހިއްސާއެއް ހިމެނިގެން ގޮސްފައިވަނީ އައްޑޫ ރައްޔިތުންގެ އެއްބައިވަންތަކަން

  • އަތޮޅުތައް ފަޅުކޮށް މާލެއަށް މީހުން ޖަމާކުރުމުގެ ސިޔާސަތަށް ފާޅުގައި ތެދުވުމަށް ހިތްވަރު ދިނީ އައްޑޫ ރައްޔިތުންގެ އެއްބައިވަންތަކަން

  • އަތޮޅުތެރޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައި ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގަން މިސާލު ދެއްކީ އައްޑޫ ސިޓީގެ ކައުންސިލުން

ފާހަގަކޮށްލެވޭ ކަމެއް - ރައްޔިތުންގެ އާންމު ހިޔާލު ހޯދުމުގެ ގާނޫނެއް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައި މިހާރު ދަނީ އަމަލުކުރަމުންނެވެ. މަޖިލީހުން ބިލު ދިރާސާކުރުމަށް ފަހު ވަކި ސަރަހައްދެއްގައި ވަކިން ވެސް ވޯޓަށް ނެގޭނެ އުސޫލެއް ހިމަނާފައިވެ އެވެ.

އައްޑޫގައި ނަގާ މި ވޯޓަކީ އެ ގާނޫނުގެ ދަށުން ނަގާނެ ފުރަތަމަ ވޯޓަށް ވާނެ އެވެ.

އޮކްޓޯބަރު މަހު މި ވޯޓު ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު އަންނަ އަހަރު އޭޕްރީލްގައި ކައުންސިލް އިންތިހާބު އޮންނާނެ އެވެ.






ކޮމެންޓް (1)

ސިކުނޑި

18 ސެޕްޓެމްބަރު 2025
ހުޅުމީދޫ އާ ގައުމަކަށް ހެދިޔަސް، ދަތުރު ފަތުރު ކުރަން ބްރިޖް ބޭނުންވާނެ! ވައުދު ނުފުއްދޭނަމަ، ގަދަކަން ނުދައްކައި އެކަމަށް މާފަށްއެދި ކުރިޔަށް ހުރި ކަންކަން ރަނގަޅު ކުރަންވީ! މިސަރުކާރުގެ ދެ ފުށް ފެންނަށް ޖެހޭނެ! އެއީ ރިޔާސީ ވައުދެއް! ފައިސާއެއް ޚަރަދު ކުރަންނުޖެހޭ ވައުދެއް!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް