ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް އިދާރާގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި - (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އައްޑޫ ބައިނުކޮށް އާބާދީ 50،000އަށް މަތިކުރަން ޖެހޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހިޔާލަކީ ގާނޫނުއަސާސީގައި ޝަރުތުހަމަވާ ބޭރު މީހުނަށް ރަށްވެހިކަން ދީ، އައްޑޫގައި ވަޒީފާ އަދާކުރުމަށް ޝަރުތު ކުރުން
20 އޮކްޓޯބަރު 2025
2

އައްޑު އަތޮޅު އެއް ސިޓީއެއްގެ ގޮތުގައި އޮވެ، އެ އަތޮޅުގެ އާބާދީ 50،000 މީހުނަށް މަތިކުރާނެ ގޮތެއް ހޯދުން މާ ބުއްދިވެރިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އައްޑޫގެ ތިން ރަށެއްގައި އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގަނީ، އައްޑޫ ސިޓީ ކައުންސިލްގައި ހިމެނުމުގެ ބަދަލުގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭ ގޮތުންނެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތެއް، އެކްސްގައި މިއަދު ޕޯސްޓްކުރެއްވި އެވެ.

ބުނީ ކީކޭ؟ - "އައްޑޫ ސިޓީ ބައިބައިކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް. އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް،" ނަޝީދު ލިއުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި އާބާދީ އިތުރު ކުރެވޭނެ އެއް ގޮތަކީ ގާނޫނުއަސާސީގައި ބުނާ ޝަރުތުހަމަވާ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫގައި ވަޒީފާ އަދާކުރުން ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމެވެ.

ހާއްސަކޮށް ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން، ޓީޗަރުން، އަދި މި ނޫން ވެސް ފަންނީ މީހުން ބައިވަރު. އައްޑުއަކީ50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ،" ނަޝީދު ލިއުއްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ ސިޓީ ކައުންސިލް މިހާރު މި އޮތް ގޮތަށް އެކުލަވާލީ ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ސިޓީއެއްގެ ލަގަބު ދެނީ ރަށެއްގައި ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދެއްގައި މަދުވެގެން 25،000 މީހުން ހަމަވާނަމަ އެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީގެ ލަގަބު ދިނުމަށް، ގާނޫނަށް ގެނައި ބަދަލަކީ މިހާރު 10،000 މީހުން ރަށެއްގައި ހަމަވާނަމަ ސިޓީގެ ލަގަބު ދެ އެވެ.

ނަމަވެސް 2011ގައި އައްޑޫ ސިޓީ ކައުންސިލް އެކުލަވާލި ގޮތަށް އަދިވެސް ހިންގަމުން ދަނީ މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ. 

ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.

ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

ކޮމެންޓް (2)

ކޮޅުކެހި

20 އޮކްޓޯބަރު 2025
ފޭދޫ ވަކިކުރަން ބައިއަތު ހިފައިގެން އުޅެނީ އައިބީގެ ދެބަފައިން.
1 0

ސުހާނާ

20 އޮކްޓޯބަރު 2025
ކަލެއާއި ކަލޭގެ އަޢުވާނުން އައްޑޫ މީހުނާ އިނދެގެން ދަރިން ހޯދަން ފަށާ. އޭރުން އައްޑޫގެ އާބާދީ އިސާހިތަކު މަތިވެދާނެ.
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް