އައްޑޫ، ހުޅުމީދޫ: މި އަވަށުގައި ބަހައްޓާ ސޯލާ ގުރިންޑުން ކައިރި ރިސޯޓްތަކަށް ކަރަންޓު ދޭން ވަނީ ނިންމާފައި

އެއީ ބައިބައިކުރުމަށް ނަގާ ވޯޓެއް

އައްޑޫ މީހުންނަކީ ޑިމޮކްރަސީއަށް މި ކުރި ދަތުރުގައި މުހިންމު ދައުރެއް އަދާ ކުރި ބައެއް. އެ މީހުންގެ ފަރާތުން ޑިމޮކްރަސީއާ ފުށުއަރާ ޒާތުގެ ކަމެެއް ފެނުން ވާނީ ދެރަކަމަ ކަށް

މުޖުތަމައުގައި މަޝްހޫރު ވާހަކަ އެކެވެ. ބަފަޔަކު އޭނާ އުމުރުން ދުވަސްވުމުން އޭނާގެ ދަރިންކޮޅު އެއްތަން ކުރި އެވެ. އަދި އެ ކުދިން ކައިރީ ބުނެގެން ދަނޑިތަކެއް ގެނުވި އެވެ. އެ ތަނުން އެއް ދަނޑި އެ ކުދިން ކައިރިއަށް ދީފައި ބިންދާލުމަށް އެދުނެވެ. ޖެހިލުމެއް ނެތި އެ ކުދިން އެ ދަނޑި ބިންދާލި އެވެ. ދެން ދިނީ ހުރިހާ ދަނޑިއެއް އެއްކޮށްލާފައި ބިންދާލުމަށެވެ. އުޅެ އުޅެ ވެސް އެ ކުދިންނަށް އެ ކަމެއް ނުކުރެވުނެވެ.

އޭނާ ދިން މެސުޖު އެނގިވައިގަންނަވާތޯ ދެއްތޯ އެވެ؟ އެ މެސެޖަކީ، ވަކިވުމަކީ ނިކަމެތި ކަމެއް ކަމަށް އެ ކުދިންނަށް ވިސްނައިދީ އުނގަންނައިދިނުމެވެ. އަދި އެކަތިގަނޑެއްގެ ގޮތުގައި ދެމި ތިބޭ ނަމަ ކާމިޔާބީ އޮތްކަން ބުނެދިނުމެވެ.

އައްޑޫގެ އެހެން ރަށްތަކާ ހިލާފަށް އެކަހެރިކޮށް އޮންނަ، ނަމަވެސް އެއްފަސްކޮށް އޮންނަ، އެކަމަކު ދެ ރަށެއްގެ ގޮތުގައި ބަލާ ހުޅުދު އާއި މީދޫގެ މީހުންގެ ދެމެދުގައި އޮންނަ 'ކޯޅުން' އަޅުގަނޑަށް ވަނީ ވަރަށް ގާތުން ފެނިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެކި ފަހަރު މަތިން އެ ދެ ރަށް ވަކިން ވެސް އަދި އެއްކޮށް ވެސް އިދާރީ ގޮތުން ހިންގި އެވެ. އެެއް ފަހަރު ހުޅުމީދޫ ކިޔައިފިއްޔާ އަނެއް ބައި ފަހަރު ހުޅުދޫ އާއި މީދޫ ވެސް ކިޔައިގެން ހިންގާފައިވެ އެވެ.

އެހެން ހާދިސާއެކެވެ. އަޅުގަނޑު އޭރު މަސައްކަތް ކުރީ އެޑިޔުކޭޝަން މިނިސްޓްރީގަ އެވެ. ހަނދާންވާ ގޮތުގައި އެއީ 1980ގެ އަހަރުތަކުގެ މެދުތެރެ ނޫނީ ފަހުކޮޅެވެ. އެ ދެ ރަށުގެ ކޯޅުންގަނޑު އެ ވަރެއްގައި އޮތް ނަމަވެސް އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ނިންމަވަނީ، ޖަޕާން ސަރުކާރުގެ އެހީގައި އިމާރާތް ކުރި އެ އަތޮޅު އަތޮޅު މަދަރުސާ އެ ދެ ރަށުގެ، އެ މީހުންގެ ބަހުން ނަމަ ބޯޑަރުގައި، އެޅުމަށެވެ. މާނައަކީ ކިތަންމެ ހިތްހަމަނުޖެހުނަސް ދެ ރަށުގެ ދަރިވަރުން އެއް ސްކޫލެއްގެ އެއް ފުރާޅެއްގެ ދަށުން ތައުލީމު ހާސިލު ކުރުމަށް މަޖުބޫރު ކުރުމެވެ. 

އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)

އެ ސްކޫލް ހުޅުވަން ކުރި ދަތުރަކީ ވެސް ތާރީހީ ދަތުރެކެވެ. ޖަމާހިރިއްޔާ ލޯންޗުގައި އެޑިޔުކޭޝަން މިނިސްޓަރު އަރިހުގައި އަޅުގަނޑުމެން އެ އަތޮޅަށް ކުރި ދަތުރުގައި އެ ފަސްގަނޑަށް އަރަން ޖެހުނީ ބޮޑު ކަންތައްގަނޑަކާ ކުރިމަތިލުމަށް ފަހު އެވެ. ރަށަށް އެރީ ހުޅުދޫ ކޮޅުން ވިއްޔާ ފައިބާން ޖެހުނީ މީދޫ ކޮޅުގެ ފާލަމުންނެވެ. ވާދަވެރިކަމާއި 'ބޯޑަރުގެ' ކޯޅުން އެހާ ވެސް ވަރުގަދަ އެވެ. 

އަނެއްކާ ވެސް މި ބޯމަތި ވަނީ އައްޑޫގެ ކުރިމަގާ ގުޅޭ އިތުރު ސުވާލެކެވެ. މި ފަހަރު އެ ދެ ރަށުގެ މައްސަލަ އެކަންޏެއްް ނޫނެވެ. ހާއްސަކޮށް އެ ދެ ރަށާއި ފޭދޫ، އައްޑޫގެ މައި ރަށް، ހިތަދޫން ވަކިވުމުގެ ވާހަކަ އެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ހިތަދޫ މީހުން މުހާތަބު ކުރާ 'ވިލެޖު'، ނޫނީ ހުޅުދު އާއި މީދޫ ޔަގީނުން ވެސް ހިތަދޫން ވަކިވާނެ އެވެ.

ފޭދޫގެ ގޮތެއް ނޭނގެ އެވެ. ބޮޑަށް ބުރެވެވެނީ ފޭދޫ ހިތަދޫއާ އެކު އޮންނާނެ ކަމަށެވެ. އެއީ އެއް ފަސްގަނޑަކުން ހިތަދުއާ ގުޅިފައި އޮތުމުގެ އިތުރަށް އެ ރަށުގެ ކުރިމަގަށް ބަޔަކު އަޅާ ޓޫރިސްޓް އެނދުތަކުގެ މައްސަލައަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނާނެތީ އެވެ. އަދި އެ މީހުންނަށް ހުޅުދު އާއި މީދޫ މީހުން އެ ކުރާ ޒާތުގެ ކަންކަން ތަޖުރިބާ ކުރަން ނުޖެހޭތީ އެވެ.

އައްޑޫ ފޭދޫ މަތިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/އައްޑޫ ސިޓީ،ފޭސްބުކް ޕޭޖް)

ޒަމާނުއްސުރެ މުޅި އައްޑު އަތޮޅު މީހުންނަކީ ވަރަށް ވަތަނީ ބައެކެވެ. ނަމަވެސް ހޮނިހިރު ދުވަހު ނަގާ ވޯޓަކީ އެ ވަތަނީ ކަމާ ދެކޮޅަށް ނަގާ ވޯޓެކެވެ. މުޅި އަތޮޅުގެ ޔުނިޓީއާ ދެކޮޅަށް ނަގާ ވޯޓެކެވެ. އެ ވޯޓުގައި އެ ދެ ރަށާއި ފޭދޫ، މައި ރަށް ހިތަދޫން ވަކިވާން ނިންމައިފި ނަމަ އެ ވަނީ ފަހަތަށް އަޅާ ފިޔަވަޅަކަށެވެ. ކައްޗަށް އަޅާ ބިންގަލަކަށެވެ. ޗެއިން އޮފް ކޮމާންޑާ ދެކޮޅަށް ނަގާ ވޯޓަކަށެވެ.

އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އަތޮޅެއްގެ އެއް ރަށެއް މާ ބޮޑު ވެއްޖެ ނަމަ އެ ރަށެއްގެ ނުފޫޒާއި ބާރު ދެން ހުރި ރަށް ރަށަށް ކުރާ ވަރު ބޮޑުވެދާނެ އެވެ. އަދި އިދާރީ ގޮތުން ވެސް ގޮންޖެހުންތަކެއް ހުރެދާނެ އެވެ. އެހެން ނަމަވެސް އެކަންކަން ހައްލު ކުރުމަށް މަޝްވަރާކޮށް ގޮތް ހޯދުމުގެ ބަދަލުގައި ވަކިވެ ގަތުމަށް މަސައްކަތްކޮށްގެން ލިބޭ ފައިދާއަށް ވުރެ ލިބޭނެ ގެއްލުން ބޮޑުވާނެކަން ގަބޫލު ކުރަމެވެ.

އެހެން ބަހުސެކެވެ. އަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށް އެ އަތޮޅެއްގެ އެހެން ރަށް ރަށާ ވަކި ކުރުމަށް، ނޫނީ އަތޮޅު ވެރި ރަށް ނޯންނަ ގޮތަށް ސަރުކާރުން ރާވާ ރޭވުމަކީ ވެސް ވިޔާނުދާކޮށް ކުރަން އުޅޭ ކަމެކެވެ. އެކަމުން ނުކުންނާނެ ރަނގަޅެއް ނޯންނާނެ އެވެ. އެކަމުން ވެސް އުފަންވާނީ ބައިބައިވުމާއި މައި ސަރުކާރުގެ ބާރުގެ ދަށަށް ކަންކަން ޖަމާ ކުރުމުގެ ހަނި ހިޔާލާތާއި ވިސްނުމެވެ.

ބަހުސުގެ ބޭނުމަށް ދަންނަވާ ނަމަ އަރިއަތޮޅު ދެކުނުބުރީ މާމިގިލި އެ އަތޮޅު މަހިބަދޫގެ އިހުތިސާސްގެ ތެރޭގައި އޮތުމަކަށް އަޅުގަނޑު ނޭދެމެވެ. ތަފާތު ބައިވަރު ސަބަބުތަކާ ހުރެ އެވެ. ކުރީ ޒަމާނުގައި ގޯތި ކަނޑައިދިނުމަށް އަތޮޅުވެރިޔާ އާއި އަތޮޅު އޮފީހުން އެ އަންނަ މީހުންގެ ކިބައިން ފެނިފައި ހުރި ކޮރަޕްޝަނާއި ވިޔާނުދާ އަމަލުތައް ވަރަށް ގާތުން ފެނި ދެކިފައިވާ މީހެއްގެ ހައިސިއްޔަތުންނެވެ. އަދި ހުރިހާ ކަމެއްގެ އިތުރަށް އެ އަތޮޅުގެ ވެރިކަން ކުރުމަށް އެންމެ އައުލާކަން ބޮޑު ރަށަކީ ވެސް މާމިގިލި ކަމަށް ވެސް އަޅުގަނޑު ދެކޭތީ އެވެ.

ނަމަވެސް އަޅުގަނޑު އެކަން އެ ގޮތަށް ދުށުމަކީ އެ ވާނީ އަޅުގަނޑުގެ ޒާތީ ކަމަކަށް ދެއްތޯ އެވެ؟ އަޅުގަނޑުގެ ޒާތީ ކަމަކާ ހެދި މުޅި ނިޒާމު ފުނޑާލެވިގެން ނުވާނެ ދެއްތޯ އެވެ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ފުރަތަމަ ވެސް އެޅުއްވި އެއް ފިޔަވަޅަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް އެޅުއްވި ފިޔަވަޅެވެ. އެގޮތުން އެ ނިޒާމުގެ މައްޗަށް އުފަން ކުރުވީ ލޯކަލް ގަވަރުމެންޓް މިނިސްޓްރީއެކެވެ. ބޭނުންފުޅަކީ ކަންކަން ސެންޓްރަލައިޒުކޮށް 'ކޮމިއުނިސްޓް އުސޫލު' ގާއިމު ކުރެއްވުމެވެ. އެ މަނިކުފާނުގެ ވަރަށް ގިނަ އަމަލުތަކުން މިދަންނަވާ ސިފަތައް ދަނީ ފެނި ދެނި ފާޅުވަމުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ މުށުތެރެއަށް ބާރުތައް ލެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް އެ ގެންދަވަނީ ކުރައްވަމުންނެވެ. އޭރު ހައުސިން މިނިސްޓްރީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މުދާތައް ގުދަނަކަށް ގުޅަކުރެއްވި ގޮތަށެވެ.

އައްޑު އަތޮޅު ފޭދޫ މަތިން، އައްޑު އަތޮޅު، ހޮނިހިރު، 1 ޖެނުއަރީ 2022 (ދައުރު ފޮޓޯ/އަލީ ރަފީގް)

އައްޑޫ ރައްޔިތުންގެ އިހުސާސްތައް އަޅުގަނޑަށް ވިސްނެ އެވެ. މިހާރު އޮތް، ހިތަދޫގެ ވެރިކަމުގެ ތެރެއިން އެ ބޭފުޅުން ގަބޫލު ނުކުރާ ކަންތައްތަކެއް ހުރެދާނެ އެވެ. ނަމަވެސް އެކަން ކަމަށް ހައްލު ހޯދުމަށް ކުރަން ޖެހޭ ދަތުރަކީ އެހެން ދަތުރެއްކަން ހަނދުމަފުޅު ބަހައްޓަވަން ޖެހެ އެވެ. ހޮނިހިރު ދުވަހު ނަގާ ވޯޓަކީ އެއަށް ވުރެ ފުނަށް އެ ބޭފުޅުން ވިސްނަވަން ޖެހޭ ވޯޓެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ޒާތީ ކަންކަން އެއްފަރާތްކޮށްފައި ދޭން ޖެހޭ ވޯޓެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އެހެން ނޫނީ އާހިރު ނަތީޖާ ހިތިވެދާނެ އެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ އެވެ. އެއީ ބައިބައި ކުރުމަށް ނަގާ ވޯޓެއްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އަދި ބައިބައިވުމެއްގައި ލިބޭނެ ކުރިއެރުމެއް ވެސް ނޯންނާނެ ކަން ގަބޫލު ކުރައްވާށެވެ.

އައްޑޫ މީހުންނަކީ ޑިމޮކްރަސީއަށް މި ކުރި ދަތުރުގައި މުހިންމު ދައުރެއް އަދާ ކުރި ބައެކެވެ. އެ މީހުންގެ ފަރާތުން ޑިމޮކްރަސީއާ ފުށުއަރާ ޒާތުގެ ކަމެެއް ފެނުން ވާނީ ދެރަކަމަ ކަށެވެ.

ކޮމެންޓް (3)

ސައީދު

27 އޮކްޓޯބަރު 2025
ހިރިގާ! ހިރިގާގެ ހާސަރުން ބަޔާންކޮށް ދެވުނު ހަގީގަތެއް ނެތް. އެއީ ބައިބައި ކުރުމަށް ނަގާ ވޯޓެއް ނޫން. އެއީ މިނިވަންވެ ސިޓީ ކައުންސިލާ ވަކިވެ ތަރައްގީގެ ދުވެލި ބާރުކުރަން ރައްޔިތުން ރަނުގެ ފުރުސަތެއް ހޯދަން ކުރި ވަރުގަދަ ޖިހާދެއް. ދެން މީދޫ އާއި ހުޅުދޫ އަމިއްލަ ބާރުގައި އުދުހެން ފަށާނެ. ސިޓީ ކައުންސިލްގެ ގުއި ރޯނުގައި ޖެހިގެން ވެއްޓުނު ފޭދޫ މީހުން ތިބޭނީ ސިޓީ ކައުންސިލް ގެ އަޅުވެތިކަމުގެ ދަށުގައި ޣާފިލުވެފައި. ފޭދޫއަށް ސިޓީ ކައުންސިލުން ދެނީ އަހަރަކު 5 މިލިއަން ރުފިޔާ. ރަށު ކައުންސިލް ހެދުމުން 25 މިލިއަން ލިބުނީސް. ކަން މިހެން އޮތް އިރު ހިރިގާ ކިޔަން މިއުޅެނީ ކީކޭ؟
0 0

ކޮސް

23 އޮކްޓޯބަރު 2025
މުއިއްޒުގެ އެއް ބޭނުމަކީ ހުޅުމީދޫގައި ވައުދުވީ ބުރިޖުނުހެދުން.މިކަން ކުރުމަށް ފަސޭހަވަނީ އެދެރަށް ރުއްސައިގެން ، ބާރެއް ލިބިފައިވާ 2 ރަށަށް ހަދާ ، ރައްޔިތުން ހެއްވާލައިގެން. މިހާރު މިދެރަށްވަނީ ، މިގުއިރޯނުގައި ޖެހިފަ.ވާނީ ގެއްލުން. ހެދުނު ގޯސް ވިސްނޭއިރު އޮންނާނީ ވަޤުތު ފާއިތުވެފަ.
7 0

ތެފައާސާ.

23 އޮކްޓޯބަރު 2025
އެކަތިގަނޑެެއްގެ ގޮތުގައި ތިބޭ ބައެއްގެ ބާރގެއިނިންގ ޕަވާރ ބޮޑުވާނޭ ކަމާއި ވަކިވަކިވެގަނެގެން ތިބޭ ބައެއް ނިކަމެތިވާނޭކަމާއި، ޚުދުމުޚުތާރު ވެރިން ޑިވައިޑް އެންޑް ރޫލްގެ ފަލްސަފާއާއި އެހާ ދޯޅީ ކިހިނެތްވެގެންކަން މި ހުންނަނީ އަހަރެންގެ 9 އަހަރުގެ ދަރިފުޅަށްވެސް ވިސްނައި އެނގޭވަރުގެ ތިލަ ކަންކަން. ޖަޒުބާތުގައި ޖެހިގެން ހޮނިހިރުގައި އައްޑޫ ރައްޔިތުން ލާ ވޯޓުގެ ހިތިކަމާއި ނިކަމެތިކަން ޖީލުތަކަކަށް ދެމިގެންދާނެ.
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް