އައްޑޫގެ ކައުންސިލްތައް ވަކިކޮށްލުމާ ގުޅޭގޮތުން މިއަދު ނެގި ވޯޓުގައި ވޯޓުތައް ގުނަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އައްޑޫ ވޯޓު: ހުޅުދޫ އާއި މީދޫ މީހުން ބޭނުންވީ މައި ރަށާ ވަކިވާން

މީދޫގެ %82އަށް ވުރެ ގިނަ މީހުން ބޭނުންވީ ވަކިން އޮންނަން
25 އޮކްޓޯބަރު 2025
1

އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭ ގޮތުން މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އެ އަތޮޅު ހުޅުދޫ އާއި މީދޫގެ މީހުން، މައި ރަށާ ވަކިވާން ބަސް ބުނެފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ތިން ރަށުގެ އިދާރީ ހިންގުން ވަކިކޮށްލުމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މިއަދު ނެގި ވޯޓުގައި، ހުޅުދޫ އާއި މީދޫ މީހުން ސިޓީ ކައުންސިލާ ވަކިވާން ބޭނުން ކަމަށް ބުނި އިރު، ދެން ވޯޓު ނެގި ފޭދޫ މީހުން ވޯޓު ދިނީ އެ ގޮތް ބޭނުން ނުވާ ކަމަށެވެ.

ތަފްސީލް - މިހާރު އާއްމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު:

  • ވަކި ކައުންސިލެއްގެ ގޮތުގައި އޮންނަން ހުޅުދޫގެ %66.70 މީހުން ބޭނުންވޭ؛ ނޫނެކޭ ބުނީ %30.78 މީހުން

  • ވަކި ކައުންސިލެއްގެ ގޮތުގައި އޮންނަން މީދޫގެ %82.63 މީހުން ބޭނުންވޭ؛ ނޫނެކޭ ބުނީ %16.01 މީހުން

ފޭދޫގެ ނަތީޖާއަށް ބަލާއިރު، %70އަށް ވުރެ ގިނަ މީހުން ވޯޓު ދިނީ ސިޓީ ކައުންސިލާ ވަކިނުވާށެވެ.

މިއަދު ހެނދުނު ފެށި ވޯޓުލުން ހަވީރު 4 ޖެހުމާ އެކު ވަނީ ބަންދުކޮށްފަ އެވެ. މި ވޯޓު ކުރިއަށް ގެންދިޔައީ، ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.

އެނގުން މުހިއްމު- އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ހިންގުމަށް އެންމެ ކުރިއްސުރެ މި ދެރަށުން ދިޔައީ ވަކާލާތުކުރަމުންނެވެ. މައި ރަށާ ވަކިން މި ދެރަށް އޮވެފައި، ދެ ރަށުގެ ވާދަވެރިކަން ވެސް އިންތިހާއަށް ބޮޑެވެ.

މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބުނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޯޓުލުން ބަންދުކުރުމާ ހަމައަށް ވޯޓުލާފައިވަނީ 4،510 މީހުންނެވެ.

ކޮމެންޓް (1)

ސިކުނޑި

26 އޮކްޓޯބަރު 2025
ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާންމު ކުރަންވާނީ ކޮންމެ ދާއިރާއެއް ވަކިން! ކޮންމެ ދާއިރާއެއްވެސް ވޯޓުލީ އެދާއިރާއަކަށް! އެއްވެސް ދާއިރާއަކުން 50 އިންސައްތަ މީހުން ވޯޓުލާން ހާޒިރު ނުވާނަމަ ތިޔަ ވޯޓު ބާތިލުވާނެ! ނުނިޔަތެއްގައި ނޫން ގޮތަކަށް މިސަރުކާރަކުން ކަމެއްނުކުރޭ! ކުރަން ނުވެސް އިނގެނީ! އެހެންތާވާނީ ހުސްގޮނޑިއެއް ދައްކައިގެން ލިބުނު ވެރިކަމެއްވިއްޔާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް