ހޯމް މިނިސްޓަރު އަލީ އިހުސާން؛ އުފަން ރަށް، އައްޑު އަތޮޅު ފޭދޫގައި މިއަދު ނެގި ވޯޓު ނިމުނީ އިހުސާން ކެމްޕެއިން ކުރައްވަމުން ގެންދެވި ގޮތާ އިދިކޮޅަށް - (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

ބޮޑު މެޖޯރިޓީގެ ނިންމުމަށް އިހުތިރާމުކުރަން؛ އުންމީދަކީ ފޭދޫ ކުރިއެރުން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން ފޭދުއަށް ވަކި ރަށު ކައުންސިލެއް ހަދަން ކެމްޕެއިން ކުރެއްވުމަށް ފަހު ވޯޓުން ބަލިވި ނަމަވެސް އޭނާ ވިދާޅުވީ ބޮޑު މެޖޯރިޓީއަކުން ނިންމާނީ ރަނގަޅު ގޮތް ކަމަށް
25 އޮކްޓޯބަރު 2025
6

އައްޑޫ ސިޓީ ކައުންސިލްގައި ދެމިތިބެން އެ އަތޮޅު ފޭދޫ ރައްޔިތުން ނިންމި ނިންމުން ބަލައިގަނެ، އިހުތިރާމުކުރައްވާ ކަމަށް، އެ ރަށަށް އުފަން އަދި އެ ރަށުގައި ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިން ކުރެއްވި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ވީކިހިނެއް؟ - ފޭދޫގައި ވަކި ރަށު ކައުންސިލެއް ހެދުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށް އިހުސާނާއި އޭނާގެ ބައްޕަ އަދި ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ގެންދެވީ ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިން ކުރައްވަމުންނެވެ. 

ނަމަވެސް މިއަދު ނެގި ވޯޓުގައި ފޭދޫގެ ވޯޓުލީ މީހުންގެ ގާތްގަނޑަށް %75 ވޯޓު ދިނީ ވަކި ރަށު ކައުންސިލެއް ހެދުމަށް ނުފެންނަ ކަމަށެވެ. އެއީ ސަރުކާރުގެ މިނިސްޓަރަކާއި މަޖިލިސް މެންބަރަކު ކެމްޕެއިން ކުރެއްވި ގޮތާ އިދިކޮޅެވެ.

ބުނީ ކީކޭ؟ - މިއަދުގެ ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން، އިހުސާން 'ދައުރު'އާ ވާހަކަ ދައްކަވަމުން ފުރަތަމަ ވެސް ވިދާޅުވީ ފޭދޫގައި އޭނާ ކެމްޕެއިން ކުރެއްވީ މިނިސްޓަރުގެ ހައިސިއްޔަތަކުން ނޫން ކަމަށެވެ. އެއީ ފޭދުއަށް އުފަން މީހެއްގެ ހައިސިއްޔަތުން، ފޭދޫގެ ކުރިމަގާ ގުޅޭ ގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތަކަށް ކުރެއްވި ކެމްޕެއިނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިޔައިދެމުން ދިޔައިން. މި ވަރުގެ އަބާދީއެއް އޮންނަ އެހެން ރަށްރަށުގައި ރަށު ކައުންސިލް އޮވެގެން އެ ރަށެއްގެ ކައުންސިލުން ހޯދާފައިވާ ކުރިއެރުންތައް،" ގާތްގަނޑަކަށް 6000އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޭދޫއާ ގުޅޭ ގޮތުން އިހުސާން ވިދާޅުވި އެވެ.

ނަމަވެސް ފޭދޫގެ ވަރަށް ބޮޑު އަގުލަބިއްޔަތެއް ސިޓީ ކައުންސިލްގައި ތިބުމަށް ނިންމާނީ ސިޓީ ކައުންސިލް ދަށުގައި އޮވެގެން ވެސް ކުރިއެރުންތައް ލިބުނު ކަމަށް ރަށު ރައްޔިތުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެޖޯރިޓީން ނިންމާނީ، ހާއްސަކޮށް މިވަރުގެ ބޮޑު މެޖޯރިޓީއަކުން ނިންމާނީ ފޭދުއަށް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެ ނިންމުން ހަމަ ބަރާބަރު. އެ ނިންމުމަށް ހަމަ ފުރިހަމައަށް އިހުތިރާމު ކުރަން،" އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ އޭނާ އުންމީދުކުރައްވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ފޭދޫ އޮވެގެން ކުރިއެރުންތައް ލިބިގެން ދިއުން ކަމަށެވެ.

"ފޭދޫގެ ރައްޔިތުން ވެސް މި ނިންމީ އެ ރައްޔިތުން ގަބޫލުކުރައްވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި އޮވެގެން ރަށް ވަރަށް ބޮޑަށް ތަރައްގީވެ، ކުރިއެރުންތައް ލިބިގެން ދިޔަ ކަމަށް. ހަމަ އެ ސްޕީޑްގައި ވެސް ކުރިއަށްދިއުން އެންމެ ރަނގަޅު ގޮތް ކަމަށްތާ،" މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އެނގުން މުހިންމު - މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާ ގޮތުން ފޭދޫގެ ވޯޓު ނިމުނު ގޮތަކީ:

  • އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް 1782 ވޯޓް

  • އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 615 ވޯޓް

މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމަށެވެ.

އެއް ފަސްގަނޑަކަށް އޮތް ނަމަވެސް ޒަމާނުއްސުރެން އިދާރީ ދެ ރަށެއް ގޮތުގައި ބަލާ، ހުޅުދޫ އާއި މީދޫން ވަކި ރަށު ކައުންސިލެއް ހެދުމަށް ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ކޮމެންޓް (6)

ސަރަނގު

26 އޮކްޓޯބަރު 2025
މިނިސްޓަރ އިޙްސާނަށް އިލްތިމާސް ކުރަނީ ތިޔައީ އަދުގެ ސަރުކާރުގެ ވަޒީރެކޭ. ނިސްބަތްވަނީ އައްޑޫސިޓީއަށޭ. އައްޑޫފޭދޫ އުފަން ޢިލްމީ ދަރިއެކޭ. ސިޓީއަށާއި ރަށަށް ރައްޤީ ހޯއްދަވައި ދެއްވާށޭ. އިޤްތިޞާދީ ގޮތުން ކުރިޔަށް ދިއުމަށް ބިންގާ އެޅިފައި ހުރިކަންތައްތައް ބާރު ސްޕީޑުގަ ކުރިޔަށް ގެންދަވާށޭ. ތިޔަ މަޤާމަކީ އަބަދަކު ހުރެވޭނެ ތަނެއްނޫނޭ. މިއަދު ތިޔަ ބާރުވެރިކަމުގައި އައްޑޫސިޓީއަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށް މިހިނދުން މިހިނދަށް މަސަކަތްޕުޅު ފައްޓަވާށޭ. މާދަމާ މަނިކުފާނަށްޓަކާ މުޅިއައްޑޫސިޓީ ފަޚުރުވެރިވާނެ ފަދަ ދަރިއަކަށް ވާށޭ.
1 0

ހައްޔަރުކުރޭ

25 އޮކްޓޯބަރު 2025
އިހުސާނު ރައީސްއަށް އޮޅުވާލައިގެން ރައީސް ފަލީހަތް ކުރީމަ އެބަޖެހޭ އިހުސާނު ދިގު މުއްދަތަކަށް ޖަލަށް ލާން!
9 1

ތެފައާސާ.

25 އޮކްޓޯބަރު 2025
އިހުސާނުމެންނަކީ އެއްވެސް އިރެއްގައި ފޭދޫގައި ތާއީދެއް އޮތްބައެއްނޫން. އަމުދުން މި ސަރުކާރުގެ ބެގޭޖާއިއެކު ފޭދޫއަށް އެރީމާ ވާނޭވަރު ތިވީ. "ސުޕާރި" ބަހައިގެންވެސް ވާނީ ވަރެއްތާ!!!!
9 0

ހަގީގަތް

25 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރަކަށް ތިޔަ ގޮތަކަށް ވިދާޅެއް ނުވެވޭނެ. ޕާރޓީ އެކްވިސްޓަކާއި ކެބިނެޓު ވަޒީރު ޓައިޓުލް ތަފާތު ވާނެ.. ޕްރޮފެޝަނަލް ވާން ދަސްކުރަންޖެހޭ.. އަދި އެމެރިކާއިން އަސްކަރީ ތަމްރީމް ހެދިޔަކަސް ނުވާނެ
9 0

ދޮންރަހާ

25 އޮކްޓޯބަރު 2025
ސަރުކާރުން އަތެޅައް ކޮއްދޭބެނި އެއްކަމަސް ކޮއްނިދެރެ އަފިރިން ބައިކެރާ ޖެހި ގޫރޭނާއި ހުޅުދޫ މީދޫ މީހުންޖެހިގެ މިކޯ ސަރުކާރުން ދައްކާ ވާހަކަ އަޑަ އަހާނެއި ލޯއަނދިރި ބީރި ވާހަކަ ނިދެއްކޭ މީހުން
8 0

މުހައްމަދު

25 އޮކްޓޯބަރު 2025
ވަރަށް ބާރަށް ހެވިއްޖެ
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް