މީޑީއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ކުރިމަތީ ކުރި އިހްތިޖާޖެއްގެ ތެރެއިން (ވިރާސީ ފޮޓޯ/ އިބްރާހިމް ޝާބިން)

މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ އިންތިހާބަށް ތަރުހީބެއް ނުލިބުނު

ޖުމްލަ ހަ ބޭފުޅުން ހަތަރު ސްލޮޓަށް ކުރިމަތިލީއިރު، ދެ މީހެއްގެ ކެންޑިޑެސީ ބަލައިގެންފައެއް ނުވޭ؛ އިންތިހާބު ކުރަން ޖެހޭ އަދަދަށް ވެސް ބައެއް ސްލޮޓްތަކަށް ކެންޑިޑޭޓުން ކުރިމަތިނުލާ

މީޑިއާތައް ކޮންޓްރޯލް ކުރުމަށް މިފަހުން ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ބިލާ އެކު، އަލަށް އުފައްދާ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މާ ބޮޑު ތަރުހީބެއް ނުލިބި ސުންގަޑި ހަމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާ ގާނޫނުގެ ދަށުން އުފައްދާފައިވާ 'މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މަގާމަކީ މީޑިއާތަކުން އިންތިހާބު ކުރާ މަގާމުތަކެވެ.

މި މަހު 11ގައި ބާއްވާ މި އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިދިޔަ ހަފްތާގައި ހުޅުވާލި މުއްދަތު މިއަދު މެންދުރު 2އަށް ވަނީ ހަމަވެފަ އެވެ.

ތަފްސީލު - މުއްދަތު ހަމަވުމާ އެކު، ކުރިމަތިލި ބޭފުޅުންގެ އަދަދުތައް އީސީން މިއަދު ވަނީ ހާމަކޮށްފަ އެވެ.

މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މަގާމުތަކުގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ ދެ މެންބަރަކާއި އޮންލައިން ނުވަތަ އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުންނެވެ.

އިސީން ބުނީ ސުންގަޑި ހަމަވިއިރު ޖުމްލަ ހަ ކެންޑިޑޭޓުން ކުރިމަތިލި ކަމަށެވެ. އެގޮތުން:

  • ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް ހަތަރު ބޭފުޅުން ފޯމު ހުށަހަޅާފައިވޭ

  • އެ ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑެސީ ވަނީ ގަބޫލުކޮށްފައި؛ އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައެއް ނުވޭ

  • ކެންޑިޑެސީ ގަބޫލުކޮށްފައިވާ ތިން ބޭފުޅުންގެ ތެރެއިން އެކަކު ވަނީ ނަން އަނބުރާ ގެންގޮސްފައި

  • އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ ސްލޮޓަށް ދެ މީހަކު ކުރިމަތިލި؛ އޭގެ ތެރެއިން އެކެއްގެ ކެންޑިޑެސީ ބަލައިގަތް އިރު، އަނެއް ބޭފުޅާގެ ކެންޑިޑެސީ ބަލައިގެންފައެއް ނުވޭ

ކެންޑިޑެސީ ބަލައިނުގަތް ސަބަބު އަދި ސާފެއް ނޫނެވެ. މިހާރު އޮތް ގޮތުން ހަ ބޭފުޅުން ކުރިމަތިލީ ނަމަވެސް، އިންތިހާބު ކުރަން ޖެހޭ އަދަދަށް ވެސް ކެންޑިޑޭޓުން ހަމައެއް ނުވެ އެވެ.

ފަސް މަންޒަރު - އާ ކޮންޓްރޯލް ބިލު މިދިޔަ މަހު 18ގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކުރިން އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމް ފުނޑާލައި އޭރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ އުވިފަ އެވެ. ރައީސް މި ބިލު ރަސްދީގު ކުރެއްވީ، ބިލާ ގުޅޭ ގޮތުން ދިވެހި ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ސަރުކާރު އަޑީގައި އޮވެ، ޕީއެންސީގެ ފުރިހަމަ ތާއީދު ލިބިގެން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތޫޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރެވެ. ބިލު ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. 

މަޖިލިސް ޗުއްޓީގައި އޮއްވާ މާ ބޮޑު ދިރާސާކުރުމެއް ނެތި ބިލު ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން ދެ ހަފްތާއެއްހާ ދުވަސް ތެރޭގަ އެވެ. ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައެއް ބައްދަލުވުންތައް ވެސް ސިއްރުކުރި އެވެ. 

ކޮމެންޓް (7)

ފާރުނޫސް

5 އޮކްޓޯބަރު 2025
ފާރުނޫސް ނެރޭކުދިން ލައިގެންވިއަސް މިފަހަރު ތިޔަކަންތައް ވާނީ ކުރަން
0 0

އިކުރާމު

5 އޮކްޓޯބަރު 2025
އަހަރެންނަމަ ލަދުންގޮސް މިހާވަރު ވީމަ ނަން އަނބުރާ ނަގާނަން. ކޮމިޝަނަރެކޭ ކިޔާފަ ސީވީގަ ޖަހާލައިރު، މުޅި ދުނިޔެއަށް ފަލީހަތްވެފަ ފެންވަރެއްނެތް ބުދުކޮށްކޮއެއްކަން ކޮމިޝަނަރުންނަށް ހޮވޭނީ….
1 0

ޗަމެން

5 އޮކްޓޯބަރު 2025
ބަލަގާ ޗަމެން ބޭނުންކަމެއްތަ ސަރުކާރުން ކުރާނީ. ތިބީ ޗަމެންގެ މީހުންނޫންވީމަ، ޗަމެން ބޭނުންވަނީ ބޭނުންކަމެއް އެމީހުންލައްވާ ކުރުވަންތަ، ތީ ނުވާނެކަމެއް ޗަކޮއެ
0 0

ކޮއިމަލާ

5 އޮކްޓޯބަރު 2025
ކޮބާ މީގެ މައްސަލައަކީ. ބާ ކައުންސިލަށްވެސް ވަކީލުން ކުރިމަތި ނުލައިގެން، ދުވަހަކު ޕުރެކްޓިސް ނުކުރާ އަދި ހަމައެކަނި ތައުލީމީ ދާއިރާގެ ޕުރޮފެސަރުންނާ މަޖްލީހު މެންބަރުން އިންތިހާބު ކުރަންޖެހުނު ދުވަސްވެސް ދިޔަ. ވިސްލާނާ ކިޔަވައިދޭ މީހުން ޕުރެކްޓިސް ކުރަންޖެހޭ ކަންކަން ރެގިއުލޭޓު ކުރަންޖެހުނީމާ ވާނެ ގޮތް. އު އަދި ދެފަހަރަކުން ހުޅުވާލައިގެން މީހުން ހަމަކުރި އެންމެ ފަހު އިންތިހާބުވެސް. މިއީ މީހުންގެ މައްސަލައެއް. އެކަމަށް ޤާބިލު މީހުންނެއް ކުރިމައްޗެއް ނުލާ.
1 0

ތެފައާސާ.

5 އޮކްޓޯބަރު 2025
ސުބުހާނަﷲ، ތިޔަހެން ނަހަދާ ކޮންމެވެސް ބަޔަކު އަވަހަށް ކުރިމަތިލާން އުޅޭ، އެހެން ނޫނީ ކޯފާއިސްކުރައްވައި ވަޤްތުންވަޤްތަށް އާ ގާނޫނެއް ފާސްކޮށްފާނެ، ކޮންމެ މީޑިއާއަކުން އެކަކު ކުރިމަތިލާންޖެހޭނެއޭ ކުރިމަތި ނުލުމަކީ ގާނޫނީ ކުށެކޭ.
2 0

މީޑިއާ

4 އޮކްޓޯބަރު 2025
މިއަށް ރަނގަޅުމީހުން އައީމަ ރަނގަޅުވާނީ ހަމަ މީޑިއާގެ މީހުންނަށް.
1 1

ސަރުމީލާ

5 އޮކްޓޯބަރު 2025
@މީޑިއާ ރަނގަޅު މީހުން ކުރިމަތި ނުލާނެ ގޮނޑިކޮއްކޮ ކޮމިޝަނަކަށް. ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށޭ ބުނެ އުޅޭ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް