މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރި ދުވަހު ނޫސްވެރިންނާއި އާންމުން ކުރި މުޒާހަރާ ކަވަރު ކުރި ރާއްޖެ ޓީވީގެ ކެމެރާމަން ފުލުހުން އެ ސަރަހައްދުން ބޭރު ކުރަނީ (ފޮޓޯ/ އަހްމަދު އަޒާން)
ކޮންޓްރޯލް ގާނޫނު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފު، އަނބުރާ ގެންދަން ޖެހޭ: އދ
ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް މިދިޔަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި، މިހާރު އަމަލު ކުރަން ފަށާފައިވާ ގާނޫނު، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފުކަމަށް ފާހަގަކޮށް، އެ ގާނޫނު އަނބުރާ ގެންދިޔުމަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް, ވޮލްކާ ޓާކް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ނޫސްވެރިންނާއި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދިޔަ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެއްވައި، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރައީސް މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އދ.ގެ ހިއުމަން ރައިޓްސް އޮފީހުން މިއަދު ވަނީ ބަޔާނެއް ނެެފަ އެވެ.
ތަފްސީލު - އެ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ނެރުއްވި ބަޔާނުގައި ބުނީ، އެ ގާނޫނު އަނބުރާ ނުގެންގޮސްފި ނަމަ، މީޑިއާގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސް އެޅިގެންދާނެ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި ގޮތުގައި:
-
ގާނޫނުގައި ހުރި ކަންކަމަކީ، ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއަހަދާތަކާ ފުށުއަރާ އުސޫލުތަކެއް
-
އޭގެ ތެރޭގައި މީޑިއާ ކޮންޓެންޓްތަކާއި ނޫސްވެރިންނަށް މި ގާނޫނުގެ ދަށުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ
-
ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީ، މީޑިއާތަކުގެ ލައިސެންސް ހިފެހެއްޓުމާއި ޖޫރިމަނާ ކުރުމުގެ ފުރުސަތު ދީފައިވޭ
އެއާ އެކު ބަޔާނުގައި ބުނީ އދ.ގެ އިންސާނީ ހަގުތަކާ ބެހޭ ސަފީރު ވޮލްކާ ޓާކް މި ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލައްވާ ކަމަށެވެ. އަދި ގާނޫނު އަނބުރާ ގެންދިޔުމަށް ފަހު، ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނެއް އެކުލަވާލުމަށް އެ އޮފީހުގެ އެހީތެރިކަން ލިބެނޭކަން ފާހަގަކުރެއްވި އެވެ.
ބަޔާނުގައި އިތުރަށް ފާހަގަކުރި ގޮތުގައި މި ގާނޫނު ވުޖޫދު މިވީ ފާއިތުވީ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ޗެކް އެންޑް ބެލެންސް ނިޒާމު ކަންބޮޑުވާ މިންވަރަށް ހީނަރުކޮށްފައި ވަނިކޮށެވެ. އަދި މިނިވަން، ތަފާތު ގިނަ މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ބޭނުންތެރި އަދި ޑިމޮކްރެޓިކް މުޖުތަމައުގެ އަސާސެއް ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ.
އިތުރަށް ކިޔާލަން
ފާހަގަކޮށްލެވޭ ކަމެއް - މި ގާނޫނާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ އިތުރުން ބޭރުގެ ޖަމިއްޔާތަކުން ވެސް މި ކަންބޮޑުވުންތަކުގެ އަޑު އުފުލި އެވެ.
ސަރުކާރު އަޑީގައި އޮވެ، ޕީއެންސީގެ ފުރިހަމަ ތާއީދު ލިބިގެން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށްވާ ތޫޅާދޫ ދާއިރާގެ އަބްދުލް ހަންނާން އަބޫބަކުރެވެ. ބިލު ޑްރާފްޓް ކުރުމުގައި އިސްކޮށް އުޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ. މަޖިލިސް ޗުއްޓީގައި އޮއްވާ މާ ބޮޑު ދިރާސާކުރުމެއް ނެތި ބިލު ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން ދެ ހަފްތާއެއްހާ ދުވަސް ތެރޭގަ އެވެ. ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީގެ ބައެއް ބައްދަލުވުންތައް ވެސް ސިއްރުކުރި އެވެ.
މި ބިލު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގާނޫނަކަށް ވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރަމުން އައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ވަނީ އުވިފަ އެވެ. އާ ގާނޫނުގެ ދަށުން މީޑިއާތައް ކޮންޓްރޯލްކުރަން އުފައްދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ކޮމިޝަނެއް މިހާރު ވަަނީ އުފައްދަވައިފަ އެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮންނަ މި ކޮމިޝަނަށް ގާނޫނުން ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ކޯޓަށް ނުގޮސް، ސަލާމަތީ ބާރުތައް މެދުވެރިކޮށް މީޑިއާތައް ބަންދު ކުރުމުގެ ފުރުސަތު ވެސް ކޮމިޝަނަށް އޮވެ އެވެ.
ކޮމެންޓް (1)
ސިކުނޑި