އިނގިރޭސި ސަފީރު ނިކް ލޯ އޭނާގެ ސަފީރުކަމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒުއަށް އެރުވުމުގެ ރަސްމިޔާތު (ފައިލް ފޮޓޯ/ރައީސް އޮފިސް)

މިނިވަން ނޫސްވެރިކަމަށް ހުރަސްނާޅަން އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލައިފި

އިނގިރޭސި ހައި ކޮމިޝަނުން ބުނީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން މިިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަށް ވެފައިވާ އެއްބަސްވުމަށް އިހުތިރާމްކުރަން ގޮވާލާ ކަމަށް
19 ސެޕްޓެމްބަރު 2025

މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަންކުރުމަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވަނިކޮށް، ޒިންމާދާރު މިނިވަން ނޫސްވެރިކަމަށް ހުރަސްނާޅަން އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ހިޔާލު ފާޅުކުރުމުގެ ހައްގާއި މިނިވަން ނޫސްވެރިކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ ބިލު ބޭރުކޮށްލުމަށް ދާއިރާގެ ތަޖުރިބާކާރުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވާލާފައިވެ އެވެ. ނަމަވެސް، މަޖިލީހުން އަަވަސް އަރުވާލައިގެން ދައުރުން ބޭރުން ބޭއްވި ޖަލްސާތަކެއްގައި މި ބިލު ދިރާސާކޮށް، މިދިޔަ އަންގާރަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފަ އެވެ.

ތަފްސީލް - މިނިވަން ނޫސްވެރިކަމަކަށް ޖާގަދިނުމަށް އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް ގޮވާލީ، ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ވަނީ:

  • މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، މިިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމަށް ވެފައިވާ އެއްބަސްވުމަށް އިހުތިރާމުކޮށް، އެ އެއްބަސްވުން ނެގެހެއްޓުމަށް ގޮވާލާފައި 

  • އެ ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ މެދުގައި ވެފައިވާ އެ އެއްބަސްވުމުގައި، މިނިވަން ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދިނުމަށް އެއްބަސްވެފައިވާކަން ފާހަގަކުރި

ގުޅުންހުރި - މަޖިލީހުން މި ބިލް ފާސްކުރުމާ ގުޅިގެން، އެމެރިކާއިން ވެސް ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް ރާއްޖެއަށް ގޮވާލައިފަ އެވެ. 

އެނގުން މުހިންމު - ސަރުކާރުގެ ނޫފުޒު ފޯރުވޭނެ ގޮތަށް މީޑިއާ ރެގިއުލޭޓުކުރުން ވަކި ކޮމިޝަނަކާ ހަވާލުކޮށްފައިވާ ގާނޫނަށް އަމަލުކުރަން ސަރުކާރުން ފެށި ނަމަވެސް، ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ އެ ގާނޫނަށް އަމަލުނުކުރާނެ ކަމަށް ބުނަމުންނެވެ. އެކަމާ ދެކޮޅުހެދުމުގެ ގޮތުން ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، 'މީޑިއާ ކޮންޓްރޯލް ގާނޫނޫ'ގެ ދަށުން ރައީސް އުފައްދަވާ ކޮމިޝަންގެ އިންތިހާބު ބޮއިކޮޓްކޮށް، ނޫސްތައް ރެގިއުލޭޓް ކުރަން އަމިއްލަ ނިޒާމެއް އެކުލަވާލަން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ރޭ ވަނީ ނިންމާފަ އެވެ.

މިއީ ގާނޫނުއަސާސީ އާއި ބެސްޓް ޕްރެކްޓިސްއާ ހިލާފު ގާނޫނެއްކަން ފާހަގަކޮށް، މި ގާނޫނު ބާތިލުކުރަން ކޯޓަށް ދާން ވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް