އެމްޖޭއޭ އިން ކޮންޓްރޯލް ބިލް މަޖިލީހުން ފާސް ކުރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
މީޑިއާ ކޮންޓްރޯލް ބިލު ގާނޫނަކަށް ވިއަސް އަމަލެއް ނުކުރާނަން؛ ކޯޓަށް ވެސް ދާނަން: އެމްޖޭއޭ
ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށްވި ނަމަވެސް އެ ގާނޫނު ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ބުނެފި އެވެ.
ވީކިިހިނެއް؟ - ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވެސް އޮއްވައި، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ އެ މަޖިލީހުން ފާސްކުރި ބިލަކީ މީޑިއާގެ އިތުރުން ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ކޮންޓެންޓް ގެނެސްދޭ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް އޮތް ބިލެކެވެ.
ތަފްސީލް - ރޭ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ އެ ޖަމިއްޔާގެ ސްޓޭންޑަކީ ބިލު ގާނޫނަކަށްވީ ނަމަވެސް އެއީ އަމަލުކުރަން ޖެހޭ ގާނޫނެއް ނޫން ކަމަށެވެ.
މީޑިއާތައް ސަރުކާރުން ކޮންޓްރޯލްކުރަން ހަދާފައިވާ ބިލު ތަސްދީގުކޮށްފިނަމަ މަގުމަތީ ހަރަކާތްތައް ގިނަކޮށް، އެ ގާނޫނަށް އަމަލުނުކޮށް މަދަނީ ބަސްނޭހުމަކަށް ދާން ވެސް ނޫސްވެރިން ތަައްޔާރަށް ތިބި ކަމަށް ނާއިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިހުތިޖާޖު ހަމަ ސިލްސިލާކޮށް ކުރިއަށްދާ ގޮތަށް. ބިލުގެ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުން އަދިވެސް ހޭލުންތެރިކުރުމުގެ ހަރަކާތްތައް. މަގުމަތީ ހަރަކާތްތައް. މަދަނީ ބަސްނޭހުން، މިހެން ގޮސް އެކި ކަންކަން މި ބިލާ ދެކޮޅަށް ރާވައި ހިންގަމުންދާނަން،" ނާއިފް ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަމާއި ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށް، 'ދައުރު' ނޫހުގެ ސީނިއާ އެޑިޓަރު ނާއިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ ދިވެހި ރައްޔިތުންގެ ކަމެއްގައި. ދިވެހި ރައްޔިތުން ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކުގައި ތަޅު އަޅުވަން އުޅޭތީ އެ ކަމާ މި ދެކޮޅު ހަދަނީ. އަޅުގަނޑުމެން މި ތިބީ ކޯޓަށް ގޮސްގެން ވެސް މި ކަމާ ޗެލެންޖުކުރަން ތައްޔާރަށް،" ނާއިފް ވިދާޅުވި އެވެ.
އެމްޖޭއޭގެ ނައިބު ރައީސް، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވިދާޅުވީ މި ވަގުތު ސަރުކާރުގެ ސިޔާސީ އެކްޓިވިސްޓުން ބިލުގެ ދިފާއުގައި ރައްޔިތުންނަށް އޮޅުވާލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންވެ އެމްޖޭއޭން ހިންގާ ހަރަކާތްތަކުގައި އެންމެ ބޮޑަށް ކުރަން ޖެހިފައިވާ ކަމަކީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަށް މި ބިލާ ގުޅޭ ކަންކަން ވަރަށް ބޮޑަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން އެ ދަނީ، އެހެންވެ އެންމެ ބޮޑު، އެންމެ މުހިންމު ކަމަކަށް މި އޮތީ ބިލާ ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދިއުން،" ޝަހުޒާން ވިދާޅުވި އެވެ.
ޝަހުޒާން ވިދާޅުވީ ބިލަށް މަޖިލީހުން ގެނައި އިސްލާހުތަކުގައި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ. އެ ގޮތުން:
-
ނޫސްވެރިންގެ ޑިމާންޑަކީ، މިހާރު މީޑިއާ ކައުންސިލް އޮންނަ ގޮތަށް ހަމައެކަނި ނޫސްތަކާއި މީޑިއާ ތަމްސީލްކުރާ މެންބަރުން ހިމެނުން
-
ނޫސްވެރިންނާއި މީޑިއާ ރެގިއުލޭޓްކުރުމުގެ ތެރެއަށް ސަރުކާރުންނާއި މަޖިލިސް ވަންނާކަށް ނުޖެހޭ
-
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް އަދިވެސް ރެގިއުލޭޓްކުރެވޭ؛ މީޑިއާތަކަށް ހުރި އުސޫލުތައް އިލެކްޓްރޯނިކް ވަސީލަތްތަކަށް ހިނގާނެ ކަމާއި އިލެކްޓްރޯނިކް ވަސީލަތްތަކުގެ މާނައިގައި އަދިވެސް އިންޓަނެޓް ހިމެނޭ
-
ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައިވަނީ އެ ބިލުގެ ދިރާސާއަކާއި މީޑިއާ ކައުންސިލްގެ ގާނޫނަށް ގެނެވިދާނެ އިސްލާހުތަކުގެ ދިރާސާއެއް ހަދާފައި ހަތަރު މަސް ދުވަހުގެ ފުރުސަތެއް ދޭން
'ބޭރުގެ ޕްރެޝަރު ބޮޑުވާނެ، ސަރުކާރުން ވިސްނާތި'
މީޑިއާ ކޮންޓްރޯލް ބިލް މަޖިލީހުން ފާސްކުރި ފަހުން މިހާރު ވެސް ބޭރުގެ ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ލަންކާގެ ނޫސްވެރިން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީ ކައިރި މުޒާހަރާކޮށްފައިވާ އިރު އެމެރިކާ އެމްބަސީން ވަނީ ބަޔާނެއް ނެރެފަ އެވެ.
ބިލު މަޖިލީހުން ބޭރުކުރުމުގެ ކުރިން ވެސް ބައިންލައަގުވާމީ ޖަމިއްޔާތައް ގުޅިގެން ބިލު ބޭރުކުރަން ގޮވާލާ ބަޔާނެއް ނެރެފައިވެ އެވެ. ޕްރެސް ފްރީޑަމް އިންޑެކްސް އެކުލަވާލާ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވެސް ވަނީ އެ ބިލާ ދެކޮޅަށް ބަޔާން ނެރެފަ އެވެ.
އެމްޖޭއޭގެ ރައީސް ނާއިފް ވިދާޅުވީ އަންނަ އަހަރު ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން ޖެހިފައިވާ ދަނޑިވަޅުގައި ސަރުކާރަށް ބޭރުގެ އެހީތެރިކަން ނުހަނު ބޭނުންވާނެ ކަމަށެވެ. ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ވެސް ހަގީގަތުގައި ބޭނުންވަނީ ގައުމު ހަލަބޮލިވުމަށް ވުރެ ސަރުކާރުން އިގުތިސޯދު ރަނގަޅު ކުރުން ކަމަށެވެ.
"ރާއްޖެއަށް ވަރަށް ބޮޑަށް މާލީ އެހީތެރިކަން ބޭނުންވާ ވަގުތެއް މިއީ. ކުރިއަށް އެބަ އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދެއްކުން. ރާއްޖެ މި އޮތީ މާލީ ގޮތުން ވަރަށް ދަށު ދަރަޖައިގައި. މި ހާލަތުގައި މިހާ ބޭކާރު ކަމެއް ރަނގަޅު ސަރުކާރަކުން ކުރާނެބާ؟ އެ ސުވާލު ހަމަ އަޅުގަނޑު އުފައްދަން ބޭނުން،" ނާއިފް ވިދާޅުވި އެވެ.
ނާއިފް ވިދާޅުވީ އެމްޖޭއޭން އަދިވެސް އިސްކުރަން ބޭނުންވަނީ މަޝްވަރާގެ މަގު ކަމަށެވެ. ސަރުކާރުން ވެސް ގޮތް ދޫކޮށް ނޫސްވެރިންނާ މަޝްވަރާކޮށްގެން އެމްޖޭއޭން އެދިފައިވާ ގޮތަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ނަގައިގެން ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަން، ރައީސްއަށް ގޮވާލައްވާ ކަމަށް ނާއިފް ވިދާޅުވި އެވެ.
ކޮމެންޓް (6)
ކައްދަ މޫސަ
ދާލު ލާމެ
ދުރުމި
ސިކުނޑި
ރެދަން ކުލައިގެ ރަދުން
މުޙައްމަދު އަލް ޢާދިލް