މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ބޭރުގެ ޕްރެޝަރާ އެކު ސަރުކާރުން މީޑިއާ ކޮންޓްރޯލް ބިލު ދިފާއުކުރަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން ވެސް ވަނީ ރައްޔިތުންގެ މަޖިލީހުން މީޑިއާ ބިލު ފާސްކުރީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް ވިދާޅުވެފައި
17 ސެޕްޓެމްބަރު 2025
1

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ބޭރުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ އެކު ބިލު ފާސްކުރި ގޮތް ސަރުކާރުން ދިފާއުކުރަން ފަށައިފި އެވެ.

ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވެސް އޮއްވައި، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ އެ މަޖިލީހުން އެ ބިލު ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެނެވެ. 

މަޖިލީހުން ބިލު ފާސްކުރަން އަވަސްއަރުވާލަން އުޅެގެން މަޖިލީހުގެ ގަވާއިދުގައި ހުރި އިޖުރާއަތްތައް ވެސް ރަނގަޅަށް ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. އެ ގޮތުން:

  • މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރާ ވަގުތުގެ 6 ގަޑިއިރު ކުރިން ގަޑިއާއި ޖަލްސާގެ އެޖެންޑާ އާންމު ކުރަން ޖެހޭނެ ކަމަށް ގަވާއިދު ބުނޭ

  • ނަމަވެސް މަޖިލީހުގެ ޖަލްސާގެ ވަގުތު މަޖިލީހުގެ މެންބަރުންނަށް ފޮނުވީ ވެސް ގަޑިއިރެއް ކުރިން؛ އެޖެންޑާ އާންމުކުރީ ޖަލްސާ ފަަށަން މިނެޓަކަށް ވުރެ ވެސް ކުޑަތަންވެފައި ވަނިކޮށް

  • ޖަލްސާ އިއްޔެ އޮންނާނެ ކަން މިދިޔަ ހޯމަ ދުވަހު ބުނި ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވޭ؛ އިއްޔެ މެންދުރުފަހުން ފެށިގެން ޖަލްސާ ފަށަންދެން ސައިޓު ވެސް ވަނީ ޑައުންވެފައި

  • ބިލު ދިރާާސާކުރި ކޮމިޓީއަށް އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނީ ގޮތުން ފޮނުވި ލަފާތައް ވެސް މަޖިލީހުން އާންމެއް ނުކުރޭ

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އަސާސީ ހައްގުތައް ހަނިވާނެ އެތައް ކަމެއް ހިމަނާފައިވާ އެ ބިލު މަޖިލީހުން ފާސްކުރުމުން އެެމެރިކާ އެމްބަސީ އާއި އަވައްޓެރި ގައުމުތަކުގެ ޖަމިއްޔާތަކުންނާއި ނޫސްތަކުގެ އިތުރުން ނޫސްވެރިންގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ ބަޔާން ނެރެފަ އެވެ.

ތަފްސީލް - މިއާއެކީ ރޭ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވަނީ ބިލު ފާސްކުރި ގޮތުގެ އިތުރުން ބިލު ވެސް ދިފާއުކޮށް އިނިގިރޭސިން އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ގޮތުން:

  • އެ ބިލުގެ މަގުސަދަކީ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވައިގެން، ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކުރުން

  • ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދޭ މިނިވަންކަމުގެ ހައްގު އެ ބިލުން ހަންޏެއް ނުކުރޭ

  • މީޑިއާ ރެގިއުލޭޓްކުރަން ހަދާ ކޮމިޝަނުގެ ތިން މެންބަރުން މަޖިލީހުން ކަނޑައެޅި ނަމަވެސް މެޖޯރިޓީ މެންބަރުން ނިންމަނީ މީޑިއާތަކުން އިންތިހާބުކޮށްގެން

  • 'ޕްރައިވެޓް ކެޕޭސިޓީ'ގައި ވަކިވަކި ފަރުދުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް މި ބިލުން ރެގިއުލޭޓް ނުކުރާނެ

މިއަދު ހަވީރު ޑިފެންސް މިނިސްޓަރު ގައްސާން ވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުން ބިލު ފާސްކުރި ގޮތް ދިފާއުކުރައްވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މަޖިލީހުގެ ގަވާއިދުގައި ލާޒިމުކޮށްފައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް، ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް ރިވިއު ކޮށްގެން. މީޑިއާތަކުގެ ސިދާ ބައިވެރިވުން ވެސް ހިމަނައިގެން،" ގައްސާން ލިއުއްވާފައިވެ އެވެ.

އެނގުން މުހިންމު - ނޫސްވެރިން ބުނަމުންދާ ގޮތުގައި ބިލަށް މަޖިލީހުގެ ކޮމިޓީންނާއި ތަޅުމުން ގެނައި އިސްލާހުތަކުން ވެސް ނޫސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެ އެވެ. އެ ގޮތުން:

  • ނޫސްވެރިންގެ ޑިމާންޑަކީ، މިހާރު މީޑިއާ ކައުންސިލް އޮންނަ ގޮތަށް ހަމައެކަނި ނޫސްތަކާއި މީޑިއާ ތަމްސީލްކުރާ މެންބަރުން ހިމެނުން

  • ނޫސްވެރިންނާއި މީޑިއާ ރެގިއުލޭޓްކުރުމުގެ ތެރެއަށް ސަރުކާރުންނާއި މަޖިލިސް ވަންނާކަށް ނުޖެހޭ

  • ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް އަދިވެސް ރެގިއުލޭޓްކުރެވޭ؛ މީޑިއާތަކަށް ހުރި އުސޫލުތައް އިލެކްޓްރޯނިކް ވަސީލަތްތަކަށް ހިނގާނެ ކަމާއި އިލެކްޓްރޯނިކް ވަސީލަތްތަކުގެ މާނައިގައި އަދިވެސް އިންޓަނެޓް ހިމެނޭ

  • ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައިވަނީ އެ ބިލުގެ ދިރާސާއަކާއި މީޑިއާ ކައުންސިލްގެ ގާނޫނަށް ގެނެވިދާނެ އިސްލާހުތަކުގެ ދިރާސާއެއް ހަދާފައި ހަތަރު މަސް ދުވަހުގެ ފުރުސަތެއް ދޭން

ކޮމެންޓް (1)

ލޯމާފާނު

18 ސެޕްޓެމްބަރު 2025
މީހާރު އަދި ދައުރުގެ ގިނަ ކޮމެންޓުތަކަށް ބަލާލީމާ ފެންނާނެ ރައްޔިތުންގެ ޝުޢޫރު އެމީހުން ތިބީ މީޑިއާ ބިލާ އެއްކޮޅަށް، ސޯޝަލް މީޑިއާގައި ކިޔާނެހާ އެއްޗެއް ކިޔުން ނިމުމަކަށް ގެންނާނެ މިހާރު
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް