މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މިއަދު ކުރި އިހުތިޖާޖު (ދައުރު ފޮޓޯ)
ފުލުހުންގެ ފަރާތުން ކުރިމަތިވީ އަނިޔާވެރިކޮށް ވިކުން: އިހުތިޖާޖުގެ ބައިވެރިން
ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫން (ލޫކަސް) ޖަލީލްއަކީ މުޒާހަރާތަކަށް އާ މީހެއް ނޫނެވެ. މީގެ ކުރިން ވެސް މުޒާހަރާތަކުން އޭނާ ދުރަށް ލާފައި އެބަހުއްޓެވެ. އެކަމަކު މިއަދު މަޖިލީހުގެ އިދާރާ ކައިރީގައި މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ކުރި އިހުތިޖާޖުގައި އޭނާއަށް ފުލުހުންގެ ފަރާތުން ކުރިމަތިވީ، ޝަމްއޫން ބުނިގޮތުގައި، މުޅިން އާ ބާވަތެއްގެ އަނިޔާވެރިކަމަކާ އެވެ.
"ސަރުކާރުން ވަނީ ފުލުހުންނަށް ވަރަށް ނުބައި ގޮތަކަށް ވިކަން ދަސްކޮށްދީފައި،" އޭނާ އިހުތިޖާޖުން ދުރަށް ގެންދިއުމަށް ދެ ފުލުހަކު މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރަމުން ޝަމްއޫން ލިޔުނެވެ.
"މީގެ ކުރިން ވެސް އަހަރެމެން މުޒާހަރާތަކުން ދުރަށް ލާ. މިއަދު އެ ވިކި އަނިޔާވެރި ވިކުން ނުވިކާ. ވަރަށް ގިނަ މީހުން ތިބީ ނޫފައިގެންފައި."
ސަރުކާރުން ވަނީ ފުލުހުންނަށް ވަރަށް ނުބައި ގޮތަކަށް ވިކަން ދަސްކޮށްދީފަ. މީގެ ކުރިން ވެސް އަހަރުމެން މުޒާހަރާތަކުން ދުރަށް ލާ. މިއަދު އެ ވިކި އަނިޔާވެރި ވިކުން ނުވިކަ. ވަރަށް ގިނަ މީހުން ތިބީ ނޫފައިގެންފަ pic.twitter.com/gW2I9Mj6n1
— Luke (@lucasjalyl) September 16, 2025
އެ ވީޑިއޯ ރީޕޯސްޓުކުރި އެހެން މީހަކު ބުނީ މުޒާހަރާ ކޮންޓްރޯލް ކުރަން ނުކުންނަ ފުލުހުން ނިޔަފަތި ކަނޑަން އެބަ ޖެހޭ ކަމަށެވެ.
މިއަދު ހެނދުނު 8:30 ގައި ގިނަ އަދަދެއްގެ ނޫސްވެރިން އިސްވެ ތިބެ، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަން ފެށި ފަހުން އާންމުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ މީހުން އެ އިހުތިޖާޖާ ވަނީ ގުޅިފަ އެވެ.
ފުލުހުން އެ އިހުތިޖާޖު ރޫޅާލަން މަސައްކަތް ފެށީ މެންދުރުގެ ވަގުތެއްގަ އެވެ. ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް އައިސް، އެއްވެ ތިބި މީހުންގެ ތެރެއިން ފަހަރަކު މީހަކު އެ ސަރަހައްދުން ފަހަތަށް، މަޖީދިއްޔާ ސްކޫލާ ހަމައަށް ވަނީ ގެންގޮސްފަ އެވެ.
ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންނަށް އަނިޔާވެ، ގައިގެ އެތަންމިތަން ނޫފައިގަނެ، ލޭކޮށާލައި، އަންނައުނު ވީދައިގެން ގޮސްފައިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިއަދުގެ އިހުތިޖާޖުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝާމިން ނަމަކަށް ކިޔާ ޓެކްސީ ޑްރައިވަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.
މިރޭ ދައުރުން ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން މީޑިއާ ބިލު ވަނީ ފާސްކޮށްފަ އެވެ.
ކޮމެންޓް (2)
ލޯކޮސް
ތައްޓޭ