އިހްތިޖާޖުގެ ތެރެއިން، އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ހައްޔަރުކޮށްގެން ގެންދަނީ

ނޫސްވެރިކަން

މީޑިއާ ބިލާ ދެކޮޅު އިހްތިޖާޖުގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކޮށްފި

އަދަދު ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ މެމްބަރު ލީވާން ނަސީރު އާއި ޓެކްސީ ޑްރައިވަރަކު ހައްޔަރުކުރުމުގެ އިތުރުން، ފުލުހުން ބާރުގެ ބޭނުންކުރި އިރު ބައެއް ނޫސްވެރިންނަށް އަނިޔާވެފައި ވެސް ވޭ
16 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ ކޮންޓްރޯލު ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ދޮށަށުގައި މިހާރު ކުރަމުންދާ އިހްތިޖާޖުގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.

ތަފްސީލް - މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ އެ އިހްތިޖާޖުގައި، ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަދަދު ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ މެމްބަރު ލީވާން އަލީ ނާސިރު ، 28، އާއި ޓެކްސީ ޑްރައިވަރެއް ކަމަށްވާ މުހައްމަދު ޝާމިން، 40، އެވެ.

ވީޑިއޯއަކުން ފެންނަނީ ތިން ފުލުހަކު ވެގެން ލީވާންގެ ދެ އަތް ފުރަގަހަށް ލައިގެން އޭނާ ހައްޔަރުކޮށްގެން ގެންދާ ތަނެވެ.

މީޑިއާ ކޮންޓްރޯލް ކުރުމަށް އަމާޒުކޮށްފައިވާ ބިލު ފާސްކުރުމާ ދެކޮޅަށް ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ނޫސްވެރިޔާ ލީވާން އަލީ ނާސިރު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު) 

ދައުރުން ބޭރުން މިއަދު ވެސް ޖަލްސާއެއް ބާއްވަން ނިންމާފައިވާތީ ނޫސްވެރިން މިއަދު ހެނދުނު 8:30 އިން ފެށިގެން މަޖިލިސް ދޮށަށް އެއްވެ، ދަނީ ކަންބޮޑުވުންތައް އިއްވަމުންނެވެ. މެންދުރު ފަހު ވަގުތުކޮޅަކަށް އިހްތިޖާޖު މެދުކަނޑާލީ، ހަވީރު އެ ޖަލްސާ ބާއްވަން އިއުލާން ކުރުމުންނެވެ.

އެއާއެކު ގިނަ ބަޔަކު އަނެއްކާވެސް މަޖިލިސް ދޮށަށް އެއްވެ، އެ ބިލާ ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

ނޫސްވެރިން ދުރަށް ޖައްސަން މަސައްކަތްކުރިއިރު ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ބައެއް ނޫސްވެރިންނަށް އަނިޔާވެފައި ވެސް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް