7 އޮގަސްޓް 2024: އެމްއެންޔޫ އާއި ވިލާ ކޮލެޖް ގުޅިގެން "ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދުސްތޫރީ ވަޢުދުތަކާއި ޙަޤީޤަތްތައް" ގެ ނަމުގައި ބޭއްވި މަޝްވަރާ ސެޝަނެއްގެ ތެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މީޑިއާ ބިލު މިހާރު އޮތް ގޮތުން އޮންލައިންކޮށް ހިޔާލު ފާޅުކުރުން ހުއްޓޭނެ؛ މީހުންގެ ޒާތީ މައުލޫމާތު ވެސް ހޯދޭނެ: ބާ ކައުންސިލް

ބާ ކައުންސިލުން ބުނި ގޮތުގައި، މިހާރު ބިލު އޮތް ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފޯނާއި ލެޕްޓޮޕު ފަދަ ތަކެތި އަތުލައި ޒާތީ މައުލޫމާތު ހޯދަން އިދާރާތަކަށް ފުރުސަތު އޮންނާނެ ކަމަށް

މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުރަން އުޅޭ ބިލު އޮތީ އޮންލައިންކޮށް މިނިވަން ހިޔާލު ފާޅުކުރުން ހުއްޓުވާލެވޭ ގޮތަށް ކަމަށާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފޯނާއި ލެޕްޓޮޕު ފަދަ ތަކެތި އަތުލައި ޒާތީ މައުލޫމާތު ހޯދަން އިދާރާތަކަށް ފުރުސަތު އޮންނާނެ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ. 

ވީ ކިހިނެއް؟ - ބާ ކައުންސިލުން މިކަން ފާހަގަކުރީ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރެއް ލައްވައި ސަރުކާރުން ހުށަހަޅައިގެން އުޅޭ މީޑިއާ ބިލަށް އެ ކައުންސިލުން ހުށަހަޅާފައިވާ ހިޔާލު ކަރުދާހުގަ އެވެ.

އެ ބިލުގެ އަށް މާއްދާއަށް ބާ ކައުންސިލުން ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި، ބައެއް މާއްދާތައް އެއްކޮށް އުނިކުރުމަށާއި އަނެއް ބައި މާއްދާތައް ބިލުގައި މާނަކޮށްފައިވާ ގޮތާއި އެ މާއްދާތައް ހިމަނާފައިވާ ގޮތަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވެ އެވެ.

ތަފްސީލް - އިސްލާހުކުރަން ބާ ކައުންސިލުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް އިސްލާހަކީ މި ބިލުގައި އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހުތަކެވެ.

ބިލުގައި 'އިލެކްޓްރޯނިކް މީޑިއާ' މާނަކޮށްފައިވަނީ:

  • އޯޑިއޯ، ވީޑިއޯ، ޓޭޕް، ޑިޖިޓަލް ސްޓޯރޭޖް މީޑިއާ އަދި އިންޓަނެޓަށް

ބާ ކައުންސިލުން ހުށަހަޅާފައިވާ އިސްލާހަކީ:

  • އިލެކްޓްރޯނިކް މީޑިއާ މާނަކުރުން ހަމައެކަނި ރޭޑިއޯ ޓީވީ ނުވަތަ އޮންލައިން ހަބަރު ފަތުރާ ވަސީލަތް ފަދަ ބްރޯޑްކާސްޓް ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ހަބަރާއި މައުލޫމާތު ނުވަތަ ހިޔާލުތައް އާންމުންނަށް ނިޒާމީ ގޮތަކަށް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި ހިމަނަން

ބިލުގައި 'މީޑިއާ' ކަމަށް މާނަކޮށްފައިވަނީ:

  • ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީ، ވެބްސައިޓްސް، ނޫސްތަކާއި މައްޖައްލާތައް އަދި ޓްރޭޑް ޕަބްލިކޭޝަންތަކަށާއި އަގަކާއި ނުވަތަ އަގަކާ ނުލައިވެސް އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރާ ޝާއިކުރުންތަކަށް 

ބާ ކައުންސިލުން މިޔަށް ހުށަހެޅި އިސްލާހަކީ:

  • މީޑިއާގެ މާނަކުރުމުގައި ޒާތީ މުއާމަލާތްތަކާއި ސޯޝަލް މީޑިއާ ބޭނުންކުރުމާއި އަމިއްލަ ހިޔާލުފާޅުކުރުމާއި ލަފާދިނުން ނުހިމަނަން

ބިލު އޮތީ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި އަތުލައި ޒާތީ މައުލޫމާތު ހޯދޭ ގޮތަށް

މީޑިއާ މާނަކުރުމުގައި ވެބްސައިޓްތަކާއި ޕާސަނަލް ބްލޮގްތަކައި ޝޯޝަލް މީޑިއާ އެކައުންޓުތައް ވެސް ހިމެނޭހެން ސީޑީ ފަދަ ތަކެތި ހިމެނުމުގެ ބޭނުމަކީ ކޮބައިތޯ ބާ ކައުންސިލުން ސުވާލު އުފައްދާފައި ވެއެވެ.

ޕްރޮފެޝަނަލް މީޑިއާއާ އެކުއެކީގައި ވަކިވަކި ފަރާތްތަކުގެ ހިޔާލު ފާޅުކުރުން ހިމަނާފައި އޮތުމުން އާންމު ރައްޔިތުންނަށް ބޮޑު ރެގިއުލޭޓަރީ ބުރުތަކެއް އުފުލަން ޖެހޭނެ ކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

"[އޭރުން] އޮންލައިންކޮށް ހިޔާލު ފާޅުކުރުން ހުއްޓި، ޕްލޫރަލިޒަމް އާއި ޑިމޮކްެރެޓިކް ބައިވެރިވުމަށް ބުރޫއަރާނެކަން ފާހަގަކުރަން،" ބާ ކައުންސިލުން ހުށަހަޅާފައިވާ ހިޔާލު ކަރުދާހުގައި ވެއެވެ.

އެ ކައުންސިލުން ބުނި ގޮތުގައި:

  • ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލަކީ ޓެކްނޮލިޖީ ހަަމަހަމަކޮށް ހިންގުމުގެ މާނައަކަށް ދިއުން

  • ޕްރޮފެޝަނަލް މީޑިއާ އާއި އަމިއްލަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ފުރިހަމަ ގޮތުގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފޯރުކޮށްދިނުން

  • ޕްރިންޓް މީޑިއާ އާއި އިލެކްޓްރޯނިކް މީޑިއާ އެއްކޮށް، އެއް އުސޫލެއްގެ ދަށުން ގާނޫނު ތަންފީޒުކުރުމުން ޒާތީ މައުލޫމާތު ހުރަމަތްތެރިކުރަން ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގަށް އުނިކަން އަންނާނެ

  • އޭރުން ސޯޝަލް މީޑިއާގައި ހިމެނޭ ފޭސްބުކް، އިންސްޓަގްރާމް، އެކްސް ފަދަ ޕްލެޓްފޯމުތަކުގައި ހަރަކާތްތެރިވާ މީހުންގެ ޒާތީ މައުލޫމާތު ހޯދައި އެ މައުލޫމާތު އެއްކޮށް، ކޯޓުން އަމުރުތައް ނެރެން އިދާރާތަކަށް ފުރުސަތު އޮންނާނެ

"[އޭރުން] ގެންގުޅޭ ފޯނާއި ލެޕްޓޮޕާއި ޓެބްލެޓް ފަދަ އެންމެހާ އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ކަމާ ބެހޭ ދައުލަތުގެ އިދާރާތަކުން އަތުލާނެކަން. އަދި މައުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަށް މަގުފަހިވާނެކަން،" ބާ ކައުންސިލުން ހުށަހެޅި ހިޔާލު ކަރުދާހުގައިވެ އެވެ.

ބާ ކައުންސިލުން ހުށަހަޅާފައިވާ އިތުރު އިސްލާހުތައް:

  • ކޮމިޝަންގެ ރައީސްއަކު އައްޔަންކުރަން ރައީސްއަށް ބާރުދީފައި އޮތްއޮތުން އިސްލާހުކުރަން؛ ރައީސްއަކު އައްޔަންކުރަންވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް އަދި އެ މަގާމަށް ނަން ހުށަހަޅަން ހުރިހާ މެންބަރުންނަށް ވެސް ފުރުސަތު ލިބެންޖެހޭގޮތަށް އެ މާއްދާ އިސްލާހުކުރަން

  • ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށްގެން ނޫނީ ނުހިންގޭނެ ކަމަށް ބަޔާންކުރާ މާއްދާ އިސްލާހުކުރަން؛ ހިންގަން ބޭނުންވާ މައްޖައްލާއެއްގެ މައުލޫމާތާއި ލިޔެކިއުންތަކާ އެކު ހުށަހެޅުމުން އެ ހުއްދަ ލިބޭ ގޮތަށް އަދި ޝާއިއުކުރަން ފެށުމަށް އިތުރު ހުއްދައެއް ހޯދަން ނުޖެހޭ ގޮތަށް ހިމެނުން 

  • ކޮމިޝަނަށް މައްސަލަ ބެލުމުގައި ދީފައިވާ ބައެއް ބާރުތައް ހަނިކުރަން؛ އެފަދަ ބާރުތައް ބޭނުންކުރާއިރު ސިއްރު މަސްދަރުތައް ހިމާޔަތްކުރުން ހިމެނޭހެން ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކޮމިޝަނުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކުރުން

  • މީޑިއާތަކަށް ފިޔަވަޅު އެޅުމާއި ލައިސެންސް ބާތިލުކުރުން ފަދަ ކަންކަމުގައި ކޮމިޝަނަށް ދީފައިވާ ބައެއް ބާރުތައް ހަނިކުރުމާއި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ބާރުދީފައި އޮތް މާއްދާ އުނިކުރަން

  • އިލެކްޓްރޯނިކް މީޑިއާ ކަމަށް ބިލުގައި މާނަކޮށްފައިވާ ގޮތް އިސްލާހުކުރުމާއެކު ސޯޝަލް މީޑިއާއާ ނޫސް މަޖައްލާތަކުގެ މައްޗަށް އެއް ހަމައަކުން އެއް އުސޫލެއްގެ ތެރެއިން ގާނޫނު ހިނގާ ގޮތަށް މާނަކޮށްފައި އޮތްއޮތުން އިސްލާހުކުރުމަށް

ކޮމެންޓް (3)

ކޮމޮޑަސް

17 ސެޕްޓެމްބަރު 2025
ބާ ކައުންސިލުންވެސް ދެން މާ ފޮނި ވާހަކަ ނުދައްކާ، މި ވެރިކަން ބަދަލުކުރަން އުޅޭ. އަނެއްކާ ތިޔަ ބޭފުޅުންނަށް އޮތް ލޯ ޕްރޮފެޝަންގެ ސެލްފް ރެގިއުލޭޓްކުރުމުގެ ބާރު އަތުލަފާނެ. މި ސަރުކާރާއި މަޖިލީހުން ކޮށްފަނުކުރާނެ ކަމެއް ނޭނގޭ.
1 0

ާއުއްޗު

16 ސެޕްޓެމްބަރު 2025
އޮންލައިން ކޮށް ފާޅު ކުރަނީ ހިޔާލެއްނޫން .ވަގު އައިޑީ ހަދައިގެން އަބުރު ކަތިލާ ދޮގު ހަބަރު ފަތުރާއި ދީނަށާއި ނަބިއްޔާ އަށް ފުރައްސާރަ ކުރަނީ
2 3

އުއްޗު

16 ސެޕްޓެމްބަރު 2025
@ާއުއްޗު ތިވެސް ކުށްވެރިވާނެ. އުއްޗުމެން ދެން ބަކަތަޅާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް