21 އޮގަސްޓް 2025: 'ވޭކްއަޕް'ނަމުގައި އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮންޓްރޯލު ގާނޫނު ގެނައީ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ދައްކާތީ މަލަން އަޅަން: ޔާމީން

ވެރިންނަށް ތިބޭ މީހުން މަގުން ކައްސާލައިގެން ދާނަމަ އެކަމަށް ބަސްބުނެ މަގު ދައްކާނީ ހަމަ އެކަނި އިލްމުވެރިން ނޫން ކަމަށާއި ތަންދޮރު ދަންނަ ސިޔާސީ އެހެން މީހުންވެސް އެ ވާހަކަ ދައްކާނެ ކަމަށް ޔާމީން ވިދާޅުވި

މީޑިއާ ކޮންޓްރޯލު ކުރާ ގާނޫނު ގެނައީ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ދައްކާތީ އަނގަމަތީ މަލަން އެޅުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންއެފްގެ ޖަލްސާގައި ރޭ ޔާމީން ވިދާޅުވީ މީހުން ކޮށްފައި ހުންނަ ކަންތަކުގެ ވާހަކަ އެމީހެއްގެ ނަމާއެކު ކިޔޭނެ ކަމަށެވެ.

ތަފްސީލް - "މުޅި ބިލު ބަރޯސާ މި ކުރަނީ މީހުންގެ އަބުރާ ބެހުން. ރައީސް މުއިއްޒު މި [ވިދާޅުވަނީ] މީހުންގެ އަބުރު ރައްކާތެރި ކުރުމަކީ ﷲ އާ ހަމައިން އައިސްފައި އޮންނަ ކަމެކޭ،" ޔާމީން ވިދާޅުވި އެވެ.

"މުޅި ވާހަކަ މިއޮތީ އަބުރު ރައްކާތެރި ކުރުމާ ބެހޭގޮތުން. އަޅުގަނޑުމެން މިތަނުގައި ޕީއެންއެފްގެ ޖަލްސާގައި ދައްކާ އެއްވެސް ވާހަކައެއް، އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮތީކީ ނޫން އަބުރު ރައްކާތެރި ކުރުމާ ބެހޭގޮތުން." ޔާމީން ވިދާޅުުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިސްވެރިން ކުރާ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަ ދައްކަވާނެ ކަމަށާއި، އެއީ އަބުރަށް އަރައިގަތުން ނޫން ކަމަށެވެ.

ވެރިންނަށް ތިބޭ މީހުން މަގުން ކައްސާލައިގެން ދާނަމަ އެކަމަށް ބަސްބުނެ މަގު ދައްކާނީ ހަމަ އެކަނި އިލްމުވެރިން ނޫން ކަމަށާއި ތަންދޮރު ދަންނަ ސިޔާސީ އެހެން މީހުންވެސް އެ ވާހަކަ ދައްކާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މީހުންގެ އަބުރު ރައްކާތެރިކުރުމަކީ އިހުތިރާމު ކުރައްވާ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"މިއުޅެނީ މީހުންގެ އަބުރު ނަގާލާކަށް ނޫން. އެކަމަކު ކީއްވެތޯ ނުދައްކަންވީ [ޕީއެންސީ] ގެ ޕީޖީ ލީޑަރު ފަލާހު. ވަޑިއެއް ކަމަށް ވަނީ. ވަޑާންކޮށްލައިގެން އެ އޮތީ 27،28 މިލިއަން ރުފިޔާގެ ބިން ގަނެފަ އެ އޮތީ. އެ ވާހަކަ ނުދެއްކެން ވީ ކީއްވެތޯ؟"

ޔާމީން ވިދާޅުވީ ފަލާހުގެ މާލީ ބަޔާނުން ފެންނަ ގޮތުން އޭނާ އަށް ލިބެނީ އަހަރަކު އާމްދަނީގެ ގޮތުގައި ވިޔަފާރިން މިލިއަނެއްހައި ރުފިޔާ އަދި އެހެން ކަންކަމުން ވެސް އެހައި ވަރަށް ކަމަށެވެ.

"އެކަމަކު ބިމެއް ގަނެލައިފި28 މިލިއަން ރުފިޔާ އަށް."

ޔާމީން ވަނީ ފަލާހުގެ މާލީ ބަޔާން ހާމަ ކުރި އިރު އެ ބިމާ ގުޅޭ މައުލޫމާތު ނުހިމަނާ އޮތުމުން އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

"ސައްހަ މުއާމަލާތުން ހޯދި ފައިސާ އިން ގަތް ބިމެއް ނަމަ ކީއްވެތޯ ރައްޔިތުން ކައިރީ އެ ވާހަކަ ނުބުނެވެންވީ؟"

ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެ، ހާއްސަކޮށް އެ މަސައްކަތުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނާމެދު ޝައްކުވާފަދަ ކަންތަކުގެ ވާހަކަ ދެއްކެން ޖެހޭ ކަމަށެވެ.

"އެއީ އަބުރާ ބެހުމެއް ނޫން."

ޔާމީން ވިދާޅުވީ ކުރަން އުޅޭ ކަމަކީ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދައްކާތީ އަނގަ މަތީ މަލަން އަޅަން ކަމަށެވެ.

"އެކަމަކި މީހުން ކޮށްފައި ހުންނަ ކަންތަކުގެ ވާހަކަ އެމީހުންގެ ނަމާއެކީ ކިޔޭނެ. ވައްކަން ކޮށްފައި ހުރިއްޔާ ވައްކަން ކޮށްފިޔޭ ބުނެވޭނެ. އެކަމާ ބިރު ނުގަންނާށޭ. [ރައީސް] މުއިއްޒު ވެސް އެކަމާ ބިރު ގަންނާނެ ކަމެއް ނެތް."

ޔާމީން ވިދާޅުވީ ކަންކަމާ ހަވާލުވެ ތިބޭ އިސް މީހުން ވައްކަންކޮށް ކޮރަޕްޝަން ހިންގާނަމަ އެވާހަކަ ދައްކާނެ ކަމަށާއި އެ ވާހަކަ ދެއްކޭނެ ކަމަށެވެ.

"އަދިވެސް ދައްކާނެ. މިތަނުގައި އަބަދުވެސް ދައްކާނެ."

ކޮމެންޓް (1)

ވަޑީ

19 ސެޕްޓެމްބަރު 2025
ހަޤީޤަތާއި އެއްގޮތަށް ދައްކާ އެއްވެސް ވާހަކައަކަށް މިބިލު ނުހިނގާނެ. ހަމަ ދައްކަންވީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް