ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރު، އިބްރާހީމް ފަލާހު(ފޮޓޯ/މަޖިލިސް)

މެންބަރު ފަލާހު

ފަލާހު ހުޅުމާލޭން 28.8 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މި ބިން ގަތުމުން ސިވިލް ކޯޓު މެދުވެރިކޮށް އޭނާގެ ނަމަށް ބިމުގެ ރަޖިސްޓްރީ ވަނީ ބަދަލުކޮށްފައި
17 ސެޕްޓެމްބަރު 2025
2

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު 28.78 މިލިއަން ރުފިޔާއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ބައްލަވައިގެންފައިވާކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ފަލާހު، ބިމުގެ ވެރިފަރާތާ އެކު ކުރެއްވި މުއާމަލާތުގެ ސައްހަކަން ކަށަވަރުކޮށް ބިމުގެ ރަޖިސްޓްރީ ބަދަލުކުރަން ސިވިލް ކޯޓަށް މިދިޔަ މަހު 3ގައި ހުށަހެޅުއްވި މައްސަލާގައި މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ތަފްސީލް - ފަލާހުގެ ނަމަށް ބިމުގެ ރަޖިސްޓްރީ ބަދަލުކޮށްފައިވާ އެ ހުކުމުން އެނގޭ ގޮތުގައި:

  • ބިން ގަންނަން ބިމުގެ އަގަށް ދެއްކެވީ 26.7 މިލިއަން ރުފިޔާ

  • ޖީއެސްޓީގެ ގޮތުގައި ދެއްކެވީ 2.1 މިލިއަން ރުފިޔާ

  • ޖުމްލަ އަގަކީ 28.8 މިލިއަން ރުފިޔާ

  • އެއީ 3،250 އަކަފޫޓުގެ ބިމެއް

ފާހަގަކޮށްލެވޭ - ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު އާންމުކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ މިލްކުގައި އުފަން ރަށް އިންނަމާދޫގައި ތިން ބިމެއް އަދި ވެރިރަށް މާލޭގައި ވެސް ބިމެއް އޮވެ އެވެ.

  • މ. އަސުރުކުރި؛ އެ ބިން ގަތީ 4 މިލިއަން ރުފިޔާ އަށް 2017 ވަނަ އަހަރު

  • ފަލަކު/ރ. އިންނަމާދޫ

  • ފަތް/ ރ. އިންނަމާދޫ

  • އަސުރު ހިޔާ/ރ. އިންނަމާދޫ

މިކަން ނޫސްތަކުގައި ރިޕޯޓްކުރުމުން ފަލާހު ވަނީ ހުޅުމާލޭން ވެސް ބިމެއް ގަންނަން އުޅޭކަން އެކްސްގައި ލިއުއްވާފައިވެ އެވެ. އަދި އިންނަމާދޫން އިތުރު ތިން ބިން ގަތް ވާހަަކަ ވެސް ލިއުއްވާފައިވެ އެވެ.

"ވަރަށް ބެލިން މި ފަހަރުގެ މާލީ ބަޔާނަށް ލެވޭ ވަރަށް ނިންމާލެވޭތޯ ނަމަވެސް ވާގޮތެއްނުވި. މިވާހަކަތައް މިހާ ކުރިން ހިއްސާ މި ކޮށްލީ ފަހަރެއްގައި ﷲގެ ރަހްމަތްފުޅުން ދުނިޔޭގައި ހުރެ އަންނަ އަހަރު މާލީ ބަޔާން ނެރޭއިރު ނޫސްވެރިއަކު ފަހަރެއްގައި އާޝޯހު ވެގެން ކަނޑަށް ވެޓިދާނެތީ،" ފަލާހު މި މަހު 3 ވަނަ ދުވަހު ކުރެއްވި ޕޯސްޓްގައިވެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

17 ސެޕްޓެމްބަރު 2025
އިއްޒަތްތެރި މެމްބަރު ފަލާހު ހުޅުމާލެއިން 28.8 މިލިއަން ރުފިޔާއަށް ގަތް ބިން ހަމަ އެއަގުގައި ގަތުމަށް ސިވިލް ސާވިސްގެ މުވައްޒަފަކުގެ މުސާރައިން ކޮންމެ މަހަކު 20،000 ރުފިޔާ އެއްކުރިނަމަވެސް އޭނާއަށް އެ ބިން ގަނެވޭނީ 120 އަހަރު ފަހުންނެވެ.
1 0

ޜާ ނޮޓް ރާ

17 ސެޕްޓެމްބަރު 2025
މިއޭ ރިޕޯޓަރުންގެ މައްސަލައަކީ. ބިމުގެ މައްސަލައިގެ ސައްހަކަން އެއޮތީ ޝަަރުޢީ ކޯޓުން ކަނޑައަޅާފައި. ނޫސްވެރިން ކޮމެންޓު ކުރަންވީ އޭނާ ފައިސާ ހޯދިގޮތަކީ ކޮބާތޯ؟ އޭރުން ދޯ ޚަބަރަކަށް ވާނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް