ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ބޭއްވި ހަމަހިމޭން އިހުތިޖާޖެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަންގެ އިންތިހާބުގައި ވޯޓުލާ މީހުން ރަޖިސްޓްރީވާން ހުޅުވާލައިފި

މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނަށް މެމްބަރުން އިންތިހާބު ކުރުން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު
2 އޮކްޓޯބަރު 2025

އަލަށް އަމަލު ކުރަން ފަށާފައިވާ މީޑިއާތައް ކޮންޓްރޯލު ކުރާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރާ އިންތިހާބުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ފަރާތުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އާ ގާނޫނުގެ ދަށުން ކޮމިޝަނަށް މެންބަރުން އިންތިހާބު ކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުންނެވެ.

އެ އިންތިހާބު ބާއްވަން ތާވަލުކޮށްފައިވަނީ 11 އޮކްޓޫބަރު 2025 (މި އަންނަ ހަފްތާގެ ހޮނިހިރު ދުވަސް) އެވެ.

ތަފްސީލު - އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ:

  • ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ފަރާތުން އެ އިންތިހާބުގައި ވޯޓުލެވޭނީ މި ފުރުސަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި

  • ކޮންމެ މީހަކަށް ތަމްސީލު ކުރެވޭނީ 1 ބްރޯޑްކާސްޓާ/މީޑިއާ

  • ރަޖިސްޓްރީވާން އެދި ހުށަހެޅޭނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ގޮތުގައި އިލެކްޝަންސްއިން ކުރިން އާންމުކުރި ފަރާތްތަކަށް އެކަނި

  • ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (https://my.elections.gov.mv/) އަށް

ވޯޓުލާނެ ފަރާތެއް ރަޖިސްޓަރީކުރުން ކުރިއަށްދާނީ 5 އޮކްޓޫބަރުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ގުޅުން ހުރި - ނުހިންގާ ގިނަ މީޑިއާތައް ވެސް ހިމެނޭހެން މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ އިންތިހާބުގައި ވޯޓުލެެވޭ މީޑިއާތަކުގެ ލިސްޓެއް އީސީން މިދިޔަ އާދީއްތަ ދުވަހު ވަނީ އާންމުކޮށްފަ އެވެ.

ޖުމްލަ 353 މީޑިއާ އެ ލިސްޓުގައި ހިމެނޭއިރު އޭގެ ތެރޭގައި ގަވާއިދުން ނުނެރޭ އަދި ހިންގުން ހުއްޓާލާފައިވާ މީޑިއާތައް ވެސް ހިމެނެ އެވެ. އަދި އެ ލިސްޓުގައި 18 ބްރޯޑްކާސްޓަރުންގެ ގޮތުގައި އެ މީޑިއާތަކުގެ ކުންފުނިތައް ވެސް ހިމެނެ އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތަށް ފަހު އިލެކްޝަންސްއިން ވަނީ ކުރީގެ ލިސްޓުން 18 މީޑިއާއެއްގެ ނަން އުނިކޮށް، 64 މީޑިއާ އިތުރުކޮށްފަ އެވެ. އެއާ އެކު މިހާރު އެ އިންތިހާބުގައި ބައިވެރިވެވޭ މީޑިއާތަކުގެ އަދަދު 399އަށް އަރަ އެވެ.

އާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިރޭ 10 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް