ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ޗުއްޓީގައި އޮތް މަޖިލީހުން މި ހަފްތާގައި ޖަލްސާތަކެއް ބާއްވަނީ

މެންބަރުން ވިދާޅުވި ގޮތުގައި އަންނަ ބުދަ އަދި ބުރާސްފަތީގައި ޖަލްސާ ބާއްވަން މަސައްކަތް ކުރާއިރު، މި ޖަލްސާތަކުގައި 'މީޑިއާ ކޮންޓްރޯލް ބިލު'ގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ފުރުސަތުވެސް އެބަ އޮތް

މިދިޔަ ހަފްތާގައި ޗުއްޓީއަށް ދިޔަ ރައްޔިތުންގެ މަޖިލީހުން މި ހަފްތާގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން މަސައްކަތް ކުރަމުން އަންނަކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް 'މުހިންމު މަސައްކަތަކެއް ކުރުމަށް' މިދިޔަ ބުރާސްފަތި ދުވަހާ ހަމަށް ދިގު ދަންމާލުމަށް ފަހު، ކުއްލިއަށް ފެނުނީ ހޯމަ ދުވަހު ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާން ކުރިތަނެވެ. ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރު ނިމެނީ އޮގަސްޓު 15އަށެވެ. ނަމަވެސް އޭރު ފާސްކޮށްގެން އިތުރު ހަފްތާއަކަށް ދައުރު ދިގު ދަންމާލި އެވެ.

ތަފްސީލު - މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. ނަމަވެސް އަދި ރަސްމީކޮށް މެންބަރުންނަށް އެކަން ނާންގަ އެވެ.

"މިހާރު ކިޔާ އުޅެނީ، [މި މަހު] 27 އަދި 28 [ބުދަ، ބުރާސްފަތި]ގައި ޖަލްސާ ބާއްވަން،" އެމްޑީޕީ މެންބަރަކު ވިދާޅުވި އެވެ. 

ޕީއެންސީ މެންބަރަކު ވިދާޅުވި ގޮތުގައި ދައުރުން ބޭރުން ޖަލްސާ ބާއްވަނީ، ހިއުމަންރައިޓް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށެވެ.

އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަނާން އަބޫބަކުރު ވަނީ 'މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި ބިލެއް ހުށަހަޅުއްވާފަ އެވެ. މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް މި ބިލުގެ ބަހުސް ހަމަ އެދުހުގެ ޖަލްސާގައި އޮތީ ފަށާފަ އެވެ. 

ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ދައުރުން ބޭރުން ބާއްވާ ޖަލްސާގައި މި ބިލުގެ މަސައްކަތް ކުރިއަށް ދިޔުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާއި މަޖިލިސް އިދާރާގެ ބަހެއް ހޯދާލުމަށަް މަސައްކަތް ކުރި ނަމަވެސް  އަދި ބަހެއް ނުލިބެ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހަންނާން ހުށަހެޅުއްވި ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ނޫސްވެރިންކަމގެ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު ބޭރުކުރުމަށް ގޮވާލައި، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާތަކުންވެސް ބަޔާން ނެރެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް