ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ދައުރު ދަންމާާލައިފި؛ އިދިކޮޅުން ބުނީ އުޅެނީ ބިލުތައް އަވަސް އަރުވާލައިގެން ނިންމަން ކަމަށް
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރުގެ ޖަލްސާތައް މި މަހު 21އާ ހަމައަށް ބޭއްވުމަށް މި ދައުރު ދަންމާލަން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ދެ ވަނަ ދައުރު ނިމެނީ މި މަހު 15 އަށެވެ. ޗުއްޓީއަށް ނުގޮސް އިތުރު ހަފްތާއަކަށް ދައުރު ދަންމާލަން ބޭނުންވެވަޑައިގަންނަވާ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
ބުނީ ކީކޭ؟ - "މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމާ އެކު، އަޅުގަނޑު ގަސްތު ކުރަނީ މި ހިނގާ އޮގަސްޓު މަހު 21އަށް މި ދައުރުގެ މުއްދަތު އިތުރު ކުރުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ތަފްސީލު - އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް ދައުރު މި މަހު 21އަށް ދަންމާލަން ފާސްވީ 59 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.
ވޯޓު ނެގުމުގެ ކުރިން އަބްދުއްރަހީމްގެ ހުށަހެޅުމާ ދެކޮޅަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަ ދެއްކެވި އެވެ.
އޭނާ އެ ކަންބޮޑުވުން ފާޅުކުރެއްވީ، މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި އަވަސް އަރުވާލައިގެން ފާސް ކުރި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ގާނޫނަށް ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހެޅުއްވުމުން އެކަމާ ގުޅުވައިގެންނެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލު ދިރާސާ ކުރި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ:
-
އޭރު ވެސް އޭޖީ އޮފީހުގެ ބިލު މަޖިލީހުން އަވަސް އަރުވާލައިގެން ފާސް ކުރުމުން އަނެއްކާވެސް އެ ގާނޫނު ކުރު މުއްދަތެއްގައި އިސްލާހު ކުރަން ޖެހުނު
-
ކޮމިޓީތަކުގައި މިހާރު ވެސް މުހިންމު ބިލުތައް ހުރިއިރު، އަނެއްކާވެސް އެ ބިލުތައް ދައުރު ނިމުމުގެ ކުރިން ފާސް ކުރަން ދައުރު ދިގު ދަންމާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން
"ދައުރު ދަންމާލުމުގެ ބޭނުމަކީ މި ބުނާ ކަހަލަ ގޮތަކަށް އަވަސް އަރުވާލައިގެން ބިލުތަކެއް ނިންމުން. އެއީ ބޭނުމަކީ. އެ ގޮތަށް ނިންމީމަ، މި ގޮތަށް މި އަންނަ އިސްލާހުތައް އަންނަން މި ޖެހެނީ،" އޭޖީ އޮފީހުގެ ގާނޫނަށް ކުރު މުއްދަތެއްގެ ތެރޭގައި އަނެއްކާވެސް އިސްލާހު ހުށަހެޅި ހުށަހެޅުމަށް ރިއާޔަތް ކުރައްވައި ނާޒިލް ވިދާޅުވި އެވެ.
ނާޒިލް އެދިވަޑައިގެންނެވީ، ދައުރު ދަންމާލައިގެން އަވަސް އަރުވާލައިގެން ބިލުތައް ނުނިންމުމަށެވެ. އަދި އެ ގޮތަށް ކަންކުރުމުން އެންމެ ފުރިހަމަ ގޮތުގައި އެ ބިލުތައް ނިމިގެން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލުތަކުގެ ތެރޭގައި ޑްރަގު ޓްރެފިކް ކުރާ މީހުންގެ އަދަބުތައް ބޮޑު ކުރުމަށް މަސްތުވާތަކެއްޗާ ގުޅުން ހުރި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާއި ގެދޮރުވެރިކަމުގެ ބިލު ހިމެނެ އެވެ.
އެ ދެ ބިލަކީ ވެސް ދުވަސް ނަގައިގެން، ރަނގަށް ދިރާސާކޮށްގެން ނިންމަން ޖެހޭ ބިލުތަކެއްގެ ގޮތުގައި ނާޒިލް ފާހަގަ ކުރެއްވި އެވެ.
ނާޒިލްގެ އެ ވާހަކަތަކަށް އަބްދުއްރަހީމް ވެސް ރައްދު ދެއްވި އެވެ. އެގޮތުން، އަބްދުއްރަހީމް ވިދާޅުވީ:
-
ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލަނީ "އަވަސް އަރުވާލައިގެން ކަންތައް ކުރާކަށް ނޫން"
-
މިއީ ރައްޔިތުންގެ މަޖިލިސް؛ އެހެންވީމަ، ރައްޔިތުންނާ ގުޅުން ހުރި މަސައްކަތެއް ކުރަންވީމަ އެ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން އިސްކަން ދޭން ވާނެ
"އެކަންކަން ނިންމާފައި ޗުއްޓީއަށް ދިއުމުން މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު ވަރުގަދަ ވެގެން ދާނެ ކަމެއް ކަމަށް އަޅުގަޑަށް ގަބޫލު ކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ބިލުތައް އަވަސް އަރުވާލައިގެން ނިންމާކަށް ނޫން ދައުރު ދިގު ދަންމަނީ. އެކަން ކުރަނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އަވަސްކަން ގެނެސް ދިނުމަށްޓަކައި، އެ ހިދުމަތްތައް ދިނުމަށް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި."
ސިޔާސީ ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް އެ ދެންނެވި މަގުން ކަން ކުރުމަށް މެންބަރުންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ގާނޫނުތަކަށް އިސްލާހު ގެނައުމަކީ ވަކި މުއްދަތަކަށް ކުރަން އޮންނަ ކަމެއް ނޫން ކަމަށާއި "އިންސާނުން ކުރާ ކޮންމެ ކަމަކަށް ވެސް އިސްލާހު ގެންނަން ޖެހޭނެ" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުތައް ގިނައިން އިސްލާހު ކުރި ވަރަކަށް ޒަމާނާ އެއްގޮތަށް ގާނޫނުތައް ބައްޓަން ވެގެން ދާނީ. ހާލަތާއި ވަގުތާއި ޒަމާނާ އެއްގޮތަށް އަބަދު ވެސް [ގާނޫނުތަކަށް] އިސްލާހު ގެންނަން ޖެހޭނެ،" ނާޒިލްގެ ވާހަކައަށް ރައްދު ދެއްވައި އަބްދުއްރަހީމް އިތުރަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދެ ދައުރުގެ މެދުތެރެއިން ޗުއްޓީއަށް މެންބަރުންނަށް ދޮޅު މަސްދުވަސް ލިބިވަޑައިގަންނަވަ އެވެ. ތިން ވަނަ ދައުރު ފެށޭނީ 1 އޮކްޓޯބަރުގަ އެވެ.