23 ޖޫން 2025: ނާޝީދާއި ޑިމޮކްރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުން ހަނިކުރާ ގާނޫނުތައް އުވާލާނަން: ފައްޔާޒު
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި، ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މި ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީ ސަރުކާރަކުން އުވައިލާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފައްޔާޒު އެހެން ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރަން ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަކާ ގުޅިގެންނެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ހުދޫދެއްގެ ތެރެއިން ކަމަށާއި ކޮންމެ ހައްގެއް ވެސް އޮންނަނީ ވަކި އިމެއްގެ ތެރޭގައި ކަމަށެވެ.
ތަފްސީލު - އެކަމަށް ރައްދު ދެއްވައި، ފައްޔާޒު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން ކަމަށާއި ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެން ނޫން ކަމަށެވެ.
ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ، އޭނާ ވިދާޅުވި ގޮތުގައި ހުދުމުހުތާރު ކޮންމެ ވެރިއަކު ވެސް ކުރާ ކަމެކެވެ.
"އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން."
ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން. ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް. ސިޔާސީ މީހުންގެ… https://t.co/PUtH00JfUz
— Fayyaz Ismail (@faya_i) August 24, 2025
ފައްޔާޒު ވިދާޅުވީ މީގެ ކުރިން އެހެން ވެރިޔަކު ވެސް އެ މަސައްކަތް ކުރެއްވި ކަމަށެވެ. އެކަން އެ ފަހަރު ކާމިޔާބު ނުވިއިރު، މިފަހަރު ވެސް ކާމިޔާބު ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެނގުން މުހިންމު - މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ.
ނޫސްވެރިންގެ ހައްގުތައް ހަނިކޮށް، ނޫސްތަކުގެ ކޮންޓްރޯލް އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއަކަށް ލިބޭ ގޮތަަށް އޮތުމާއި އެނޫނަސް ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެ ބިލުގައި ހުރުމާ އެކު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ އިތުރުން ކޮމެޓީ ޓު ޕްރޮޓެކްޓު ޖާނަލިސްޓްސް (ސީޕީޖޭ)އިން ވެސް ވަނީ އެ ބިލު ބޭރުކޮށްލުމަށް ގޮވާލާފަ އެވެ.
އިތުރަށް ކިޔާލަން
'މީޑިއާ ކޮންޓްރޯލުކުރާ' ބިލު އަނބުރާ ގެންދަން ސީޕީޖޭން ގޮވާލައިފި
22 އޯގަސްޓު 2025
ބިލު އިސްލާހުނުކޮށް، އެމްއެމްސީން ގޮވާލީ އެއްކޮށް ބޭރުކުރަން
21 އޯގަސްޓު 2025
'މީީޑިއާ ކޮންޓްރޯލް ބިލު' ބޭރުކުރަން އައިއެފްޖޭން ގޮވާލައިފި
20 އޯގަސްޓު 2025
ތިއީ ނޫސްވެރިކަމަށް ބޮޑު ހަމަލާއެއް؛ ބިލު އަނބުރާ ގެންދޭ: ސޯލިހު
19 އޯގަސްޓު 2025
މީޑިއާ ބިލު ދިރާސާކުރަން ވަގުތުދީ، ބަހުސް އަންނަ ދައުރަށް
19 އޯގަސްޓު 2025