ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ހުދޫދެއްގެ ތެރެއިން: ރައީސް

ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ވެސް އަބުރަކާއި އިއްޒަތަކާއި ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް ހަމަ އެ ވަރަށް އިއްޒަތާއި ޝަރަފާއި އަބުރު ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ހުދޫދެއްގެ ތެރެއިން ކަމަށާއި ކޮންމެ ހައްގެއް ވެސް އޮންނަނީ ވަކި އިމެއްގެ ތެރޭގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ވެސް ވިސްނައިގެން ކަމަށެވެ.

އެނގުން މުހިންމު - ރައީސް މިހެން ވިދާޅުވިއިރު، މީޑިއާތައް ކޮންޓްރޯލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ.

'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި މި ބިލު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކުރައްވައިގެން ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ގައުމަށް ތަރައްގީ ގެނައުމަށް ސަރުކާރުތަކުން ކުރަންޖެހޭ ކަންތައް ކުރާނެ ކަމަށާއި ހަގީގީ ކުރިއެރުމަކީ ކޮންމެ ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

"އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީ ކުރަން ޖެހޭނީ. އަޅުގަނޑުމެންގެ ގައުމިއްޔަތު އަޅުގަނޑުމެންގެ ހިތުގައި އާލާކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުން އެއީ އެންމެ މުހިއްމު ކަންތައް. އޭރުން ގައުމެއް، ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.

އެންމެން އެއް ވިސްނުމެއްގައި ގައުމު އިސްކޮށް، ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ފަށަން ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ރީތި ސިފަތަކެއް ގެންގުޅުނު ބަޔަކު ދިިރިއުޅުނު ގައުމެއް ކަމަށާއި އެ ރީތި އާދަތައް މިހާރު ފިލައިގެން ދާން ފަށާފައިވާ ކަމަށެވެ.

"މައިންބަފައިންނަށް އިހުތިރާމު އަދާކުރޭ. އަވައްޓެރިންނަށް އޯގާތެރި، މުސްކުޅިންނަށް، އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ، ކުޑަަކުދިންނަށް އަޅާލާ. މިހެން ގޮސް ވަރަށް ރީތި ސިފަތަކެއް އޮތް ގައުމެއް މިއީ. މުޖުތަމައެއް މިއީ. އެކަން އިއާދަކުރަން އެއީ އަޅުގަނޑުމެން މިއަދު އަޒުމް އާ ކުރަންވީ ކަމަކީ،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ކޮންމެ މީހަކަށް ވެސް އަބުރަކާއި އިއްޒަތަކާއި ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް ހަމަ އެ ވަރަށް އިއްޒަތާއި ޝަރަފާއި އަބުރު ލިބިފައިވާކަން ގަބޫލުކޮށް، މީގެ ކުރިން ރާއްޖޭގައި ދިވެހިވަންތަކަށް އޮތް ގޮތަށް ކަންތައް ކުރަން އަޒުމް އާކުރުމަށް ވެސް ރައީސް ވަނީ މިއަދު ގޮވާލައްވައިފަ އެވެ.

"އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފެއް ނޫންކަން އަނެކާގެ އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ (ފޮޓޯ/ރައީސް އޮފީސް)

އަތާއި ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިމާގެ ހައްގުތައް، އަނެކާގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން އެބަ ލިބިޓުވޭ. އެހެންވީމާ މި ގައުމުގައި މިއަދު ފެތުރެމުން މިދާ ނުބައި އޮއިވަރު އެއީ އަޅުގަނޑުމެންނަށް އަމިއްލައަށް ހުއްޓުވޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިއަދު ފެންނަނީ އަނެކާއަށް ބެލުމެއް ނެތި އަމިއްލަ އެދުމާއިގެން ކުރިއަށްދާ ތަން ކަމަށާއި އެއީ ދިވެހިވަންތަ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އަމިއްލަ ޒިންމާ އަދާކުރުމުގައި ތެދުވެރިވެ، އަމާނާތްތެރިވުމަށް ގޮވާލައްވައި ރައީސް ވަނީ ގައުމަށްޓަކާ އަމާނާތްތެރިވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އެގޮތަށް އަޅުގަނޑުމެން ކުރިއަށްދާން ނިންމައިފި ނަމަ ސަރުކާރުން ގެނެސްދޭ ތަރައްގީއަށް، ރައްޔިތުން މިގޮތުގައި ގައުމު ކުރިއަށް ގެންދިއުމަށް ވިސްނުމާއި ފިކުރަށް ގެންނަ ތަރައްގީއާ އެކީގައި ފުރިހަމަ، ވަށާ ޖެހޭ ތަރައްގީއެއް މި ގައުމަށް އަންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.


ކޮމެންޓް (4)

އަނީސް

24 އޯގަސްޓު 2025
ވެރިކަމަށްވަޑައިގެން ހިތުހުރިގޮތަކަށް ރައްޔިތުންގެ މަޖިލިހާއި ކޯޓުތައް މުށިތެރެއަށްލުމަށް ފަހު ގާނޫނުތަކާއި ޕޮލިސީތައް މުޅިގައުމުގެ މަސްލަޙަތައް ނުބަލާ ހެދުމުން އެއްސަރުކާރުން އަނެއްސަރުކާރަށް އެފަދަ ބޭކާރު ފިޔަވަޅުތައް ކެންސަލްކޮށް ގައުމުގެ އެންމެމަތީ މަސްލަޙަތު އޮޅޭނެހެން ޢަމަލުކުރުމުގެ މިނިވަންކަމެއްވެސް އޮވެގެންނުވާނެ.
1 0

ހުދޫދު

24 އޯގަސްޓު 2025
ﷲތައާލާއަށް ބިރުވެތިވެ ބަލާ. މިއަދު ވެސް ތެދުވެރިކަމުގެ ވާހަކަ ދެއްކި އިރު ލަދު ހަޔާތްކޮބާތޯ ސުވާލުއުފެދޭ.
2 0

އާބިދާ

24 އޯގަސްޓު 2025
ވެރިކަމަށް އަންނަން ކުރިހާވެސް ކަމަކީ ދޮގު ހެދުމާ، އޮޅުވާލުމާ، އަބުރު ކަތިލުމެވެ
2 0

ތެފައާސާ.

24 އޯގަސްޓު 2025
ވެރިކަމަށް އަންނަންވެގެން، މި ރާއްޖޭގައި ހާހުން އިންޑިއާ ސިފައިން އެބައޮތޭ އައްޑޫ ޕޮލިސް އެކަޑަމީ އަކީ އިންޑިއާ މިލިޓަރީ ބޭހެކޭ ބާނަބާނާ ތިއްބާ ކަނޑު ވިއްކާލީއޭ ކިޔައިގެން ހެދިހާ ދޮގުތައް ހެދިއިރު ތިޔަވިދާޅުވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހުދޫދު އޮތީ ކިހާހިސާބެއްގައިތޯ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް