ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ސަރުކާރުން ފޮނުވި ގޮތަށް ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލު ފާސްކޮށްފި

އިދިކޮޅުގެ ކަންބޮޑުވުން ބޮޑު މި ބިލު މަޖިލީހުން ފާސްކޮށްފައި މި ވަނީ މަސައްކަތް ފެށިތާ ތިން ދުވަސް ތެރޭ

ސަރުކާރުން ފޮނުވި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް، ކައުންސިލްތަކުގެ މާލީ ބައެއް ބާރުތައް ހަނި ކުރާ ގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ފޮނުވި ބިލު މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީ އާއި ބައެއް ކައުންސިލްތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި މި ބިލު ސަރުކާރުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްެރާހިމް ހުސައިން އެވެ. އެގޮތުން:

  • ހޯމަ ދުވަހު ބިލުގެ ބަހުސް ނިންމައި ހަމަ އެ ދުވަހު ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވި

  • ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ސަރުކާރުން ފޮނުވި ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް ބިލު ފާސްކުރުމަށް؛ ކޮމިޓީން މިކަމުގައި ބާއްވާފައި ވަނީ ޖުމްލަ ދެ ބައްދަލުވުން

ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅުމުން، ބިލު ފާސްކޮށްފައި ވަނީ 51 ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑިޕީގެ އަށް މެންބަރުންނެވެ.

މި އިސްލާހުގައި ގާނޫނަށް ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއްގައި ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތް ހެދުމެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • 1-

    ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން

  • 2-

    ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން

  • 3-

    ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން

މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.

ސަރުކާރުގެ ފަރާތުން އެ ހުއްދަ ދޭނީ، ބިލުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިންނެވެ.

ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި ޕީއެންސީގެ އިބްރާހިމް ހުސައިން

ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ވެސް ހަނިކޮށްފައިވެ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    އެ މަސައްކަތަކީ އެލްޖީއޭއިން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން

  • 2-

    އެއީ ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން

  • 3-

    އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން

ބިލު ތަސްދީގުކުރުމާ އެކު، ތިން މަސް ތެރޭ އެ ތިން ޝަރުތު ހަމަ ނުވާ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ދެން ހިމެނޭ އިސްލާހުތައް ކުރުކޮށް

  • ކައުންސިލްގެ ބޭންކް އެކައުންޓު ބަލަހައްޓަން ވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛ އެކައުންޓު ސްޓޭޓްމަންޓް ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު ކައުންސިލުން ދޭން ވާނެ

  • ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޔުޓިލިޓީ ބިލަކަށް ދަކަން ފައިސާއެއް އޮތް ނަމަ، އެ ފައިސާތައް އުނިކުރުމަށް ފަހު، ބާކީވާ އަދަދު؛ އެގޮތަށް އުނި ކުރާނީ ހަ މަސް ވަންދެން ނުދައްކާ ހުރި ފައިސާ

  • އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނުނެގޭނެ (މިސާލަކަށް ކަރަންޓް ހިދުމަތް ދިނުމަށް ސްޓެލްކޯ ނުވަތަ ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނުނެގޭނެ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް