އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/އެމްޑީޕީ)
ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަނީ ކައުންސިލު އިންތިހާބު ކާމިޔާބު ކުރަން: އެމްޑީޕީ
ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން އުޅެނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް، އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުތަކުގެ މަސައްކަތްތައް ހުއްޓުވައި އެ އިންތިހާބު ސަރުކާރަށް ކާމިޔާބު ކުރުމަށް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިިހިނެއް؟ - ކައުންސިލުތަކުގެ މާލީ މިނިވަންކަން ހަނިވާނެ ފަދަ ގޮތަކަށް، ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން އިއްޔެ ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ. އެ ގާނޫނަށް ގެންނަ އިސްލާހުތައް އާންމުންގެ ހިޔާލަށް ހުޅުވާލައި ބިލާ މެދު މިއަދު ގޮތެއް ނިންމަން ލާމަރުކަޒީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - އަވަސް އަރުވާލައިގެން ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކުގެ ކަންބޮޑުވުންތައް ފާޅުކުރަން އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، ގިނަ ކައުންސިލުތަކުގެ މެޖޯރިޓީއަކީ އެމްޑީޕީ ކައުންސިލަރުން ކަމަށް ވުމުންނާއި ކައުންސިލުތައް ހިންގަމުންދަނީ ވެސް އެމްޑީޕީން ކަމަށްވުމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގައި ދަތިތައް ކުރިމަތިވާނެކަން ސަރުކާރަށް އެނގޭ ކަމަށެވެ.
ނިޔާޒު ވިދާޅުވީ:
-
ސަރުކާރަށް މަޝްރޫއުތައް ނުހިންގޭއިރު ކައުންސިލުތަކުގެ އަމިއްލަ އާމްދަނީން ރަށުގެ ގިނަ މަސައްކަތްތަކެއްކޮށް، ގެންނަމުންދާ ތަރައްގީ ރައްޔިތުންނަށް ފެނޭ
-
އެކަމުގެ ސަބަބުން ކައުންސިލުތަކަށް އޮތް އިތުބާރު ބޮޑުވަމުންދޭ
-
ވެރިކަންކުރާ ޕާޓީ، ޕީއެންސީން މިދިޔަ ދުވަސްތަކުގައި ރަށްރަށަށް ކުރި ދަތުރުތަކުން ވެސް އެނގުނު އެއްޗަކީ، ރަށުގެ ތަރައްގީއަށް ކައުންސިލުތަކުން ކުރަމުންދާ ކަންކަމުގެ ސަބަބުން މި ކައުންސިލުތައް ހިފަހައްޓައިގެން ނޫން ގޮތަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން
"ސަރުކާރުގެ މިހާރުގެ ވިސްނުމަކަށް އޮތީ ކައުންސިލުތައް ހުއްޓުވާފައި، ކައުންސިލުތަކުން އެއްވެސް މަސައްކަތެއް ނުކުރާ ގޮތަށް ދެ އަތާއި ދެ ފައި ބަނދެފައި ސަރުކާރުން ރަށްރަށަށް އަރާ [ކައުންސިލް] އިންތިހާބު ކާމިޔާބު ކުރުން. އެހެންވީމާ އެގޮތަށް ގެނެސްފައި އޮތް އިސްލާހެއް މިއީ،" ނިޔާޒް ވިދާޅުވި އެވެ.
ލާމަރުކަޒީ ކޮމިޓީގައި އިންނަވާ ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު ވެސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަމުންދާ އިސްލާހުތަަކަކީ އިންތިހާބާ ދިމާކޮށް، ކައުންސިލުތަކުގެ ފިޔަ ކޮށާލައި ލޯކަލް މިނިސްޓްރީގެ ދަށަށް ކައުންސިލުތައް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"ރަށު ތަރައްގީއަށް ކައުންސިލުތަކުން ކުރަމުންދާ މަސައްކަތް ފިޔަވައި އެއްވެސް ކަމެއް ސަރުކާރަށް ނުކުރެވޭތީ، ކައުންސިލުތަކުން ކުރާ ކަންކަން ސީދާ ހުއްޓުވާލުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހަޅައިގެން މިއުޅޭ އިސްލާހަކީ އެ ކަމަށް ކުރާ ކަމެއް. ވީމާ އަޅުގަނޑުމެން ސަރުކާރަށް ގޮވާލަން މިހާރުން މިހާރަށް އެ އިސްލާހުތައް ގެންގޮސް ބިލު ނެގުމަށް،" ނިއުޝާދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކައުންސިލާ އެސެމްބްލީގެ ރައީސް އަދި ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފު މި ބައްދަލުވުމުގައި ވިދާޅުވީ، ދައުލަތުގެ ގްރާންޓު ފައިސާއަށް ބަރޯސާނުވެ، ކައުންސިލުތަކަށް ލިބޭ އާމްދަނީ ރަށުގެ މުހިންމު މަސައްކަތްތަކެއް ކައުންސިލުން ކުރަމުންދާ ކަމަށެވެ. ސަރުކާރުން ކުރާ މަސައްކަތަކީ ކައުންސިލުގެ އެކަންކަމަށް ހުރަސް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
-
ކައުންސިލަރުން ތިބީ ގާނޫނަށް ގެންނަ މި ބަދަލުތަކާ ރުހި ގަބޫލުވާކަށް ނޫން
-
ވޭތުވެދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް މާލީ އަދި ބިމުގެ ބާރުވެރިކަން ފަދަ ބޮޑެތި ބާރުތަކެއް ހޯދަދިން
-
އެ ބާރުވެރިކަން ބޭނުންކޮށްގެން އެމްޑީޕީގެ މެޖޯރިޓީ އޮތް ހަތަރުވަނަ ދައުރުގެ ކައުންސިލުން ރަށްރަށަށް ގެންނަމުންދާ ތަރައްގީތައް މިއަދު ރައްޔިތުން ގަބޫލުކުރޭ
"ދެން ކުރިއަށް އޮތީ ކައުންސިލުތަކުން އެކުވެގެން މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރަން މާލެ އައިސް މިކަމާ މެދު މަޝްވަރާކުރުން. އެ މަޝްވަރާތަކުން ހައްލެއް ނުލިބޭ ނަމަ ސުލުހަވެރިކަމާ އެކު އިހުތިޖާޖު ވެސް ކުރުން. ރައްޔިތުންނާ ބައްދަލުކޮށް މި ބަދަލުތަކުގެ ވާހަކަ ދެއްކުން. މިކަހަލަ ކަންތައްތަކެއް ރޭވިފައި މިއޮތީ،" ރައޫފް ވިދާޅުވި އެވެ.
ގާނޫނަށް މިހާރު ސަރުކާރުން ގެންނަން އުޅޭ އިސްލާހުތައް އެ ގޮތަށް ފާސްކޮށްފިނަމަ އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށް ބުންޏަސް، މިކަންކަން އަމަލީ ސިފައެއްގައި ކުރާނެ ގޮތުގެ ތަފްސީލުތަކެއް މިއަދުގެ ބައްދަލުވުމުގައި ނުދެ އެވެ. އެ ޕާޓީން ބުނީ އެ ހަރާކާތްތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެހޭވަރަކުން ތަފްސީލުތައް ހިއްސާކުރާނެ ކަމަށެވެ.