ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން. (ފޮޓޯ/މަޖިލިސް)
ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރާ ބިލު މާދަމާ ނިންމަނީ
ކައުންސިލްތަކުގެ މާލީ މިނިވަންކަން ހަނިކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަ އިސްލާހުތައް އާންމުންގެ ހިޔާލަށް ހުޅުވާލައި އެ ބިލާ މެދު މާދަމާ ގޮތެއް ނިންމަން ލާމަރުކަޒީ ކޮމިޓީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ. އަދި އެ ބިލު މިއަދު މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
އެ ބިލު ދިރާސާކުރަން މިއަދު ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އާންމުންގެ ހިޔާލަށް ހުޅުވާލުމަށާއި ބިލާ މެދު ކޮމިޓީން މާދަމާ ގޮތެއް ނިންމަން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާނެވެ.
އޭނާ ހުށަހެޅުއްވީ:
-
މާދަމާ މެންދުރު 1ގެ ނިޔަލަށް އާންމުންގެ ހިޔާލަށް ހުޅުވާލަން
-
އިސްލާހުތަކާ މެދު މާދަމާ ރޭ 10ގެ ނިޔަލަށް ކޮމިޓީން ގޮތެއް ނިންމަން
އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ.
ތަފްސީލު - ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި އޮތީ:
-
ކައުންސިލްތަކުން ވިޔަފާރި ކުރުމުގައި ހިންގާ ހަރަކާތްތައް ގާނޫނުގައި ކަނޑައެޅުމަށް
-
ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރާ އުސޫލުތައް މުރާޖާކުރުން
-
ކައުންސިލްގެ އުމުރުގެ ފަހު އަހަރު ތެރޭގައި މުހިންމު މާލީ ކަންކަން ނިމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރުން
އެ ބިލުގައި ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރުގައި މާލީ ގިނަ ބާރުތަކެއް އަތުލުމަށް ވަނީ ހުށަހަޅާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
-
ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުން
-
ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
އެ ކަންކަމާ ގުޅޭ ނިންމުންތައް ނިންމަން ވާނީ، ބިލުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
ގުޅުންހުރި - އެ ބިލާ މެދު ކޮމިޓީން މާދަމާ ގޮތެއް ނިންމާއިރު، އިދިކޮޅު އެމްޑީޕީއިން އަންނަނީ އެ ބިލަށް ފާޑުކިޔައި، ކައުންސިލްތަކުގެ ބާރު ކަނޑުވާލާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.