ރައީސް މުއިއްޒު އެންމެ ފަހުން ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެލިދޫގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ - (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ކައުންސިލްތަކަށް ދީފައިވާ މާލީ ގިނަ ބާރުތަކެއް ނަގަން ގާނޫނު އިސްލާހު ކުރަނީ
ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު އާ ބައެއް ކަންކަން ސަރުކާރުގެ ހުއްދަ ނެތި ނުކުރެވޭ ގޮތް ހެދުމަށާއި މާލީ ގޮތުން މިހާރު ދީފައިވާ ބައެއް ބާރުތައް އަތުލާ ގޮތަށް ގާނޫނަށް އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީގެ ފަރާތުން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފައިވާ މި ބިލު، ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްެރާހިމް ހުސައިން އެވެ.
ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި އޮތީ:
-
1-
ކައުންސިލްތަކުން ވިޔަފާރި ކުރުމުގައި ހިންގާ ހަރަކާތްތައް ގާނޫނުގައި ކަނޑައެޅުމަށް
-
2-
ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރާ އުސޫލުތައް މުރާޖާކުރުން
-
3-
ކައުންސިލްގެ އުމުރުގެ ފަހު އަހަރު ތެރޭގައި މުހިންމު މާލީ ކަންކަން ނިމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރުން
ތަފްސީލު - ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމަކާ ގުޅޭ ގޮތުން ނިންމުންތައް ނިންމަން ވާނީ، ބިލުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
-
ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުން
-
ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކަމެއް ކުރެވޭނީ މިނިސްޓްރީ އާއި އެލްޖީއޭގެ ހުއްދަ ލިބިގެެންނެވެ.
ބިލާ ގުޅޭ ގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރުން:
ކުރެވޭނީ 10 މިލިއަނަށް ވުރެ އިތުރަށް އިންވެސްޓް ކުރެވޭ ވިޔަފާރި
ގާނޫނުގެ 70 ވަނަ މާއްދާގައިވާ ގޮތުން، ކައުންސިލްތަކަށް ވިޔަފާރިކުރުމަށް ކުންފުނި އުފެއްދޭނެ އެވެ. ބިލުގައި ކައުންސިލަށް ވިޔަފާރި ކުރުމަށް މިހާރު އޮތް ފުޅާ ފުރުސަތު ހަނިކޮށްފައިވެ އެވެ. އެގޮތުން، އެ ވިޔަފާރިއެއްގައި ހުންނަން ޖެހޭ މައިގަނޑު ތިން ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
1-
އެ މަސައްކަތަކީ، އެލްޖީއޭއިން ކުންފުނި ނިސްބަތްވާ ރަށުގައި ނުވަތަ ރަށްތަކުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
-
2-
އެއީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
-
3-
އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ އަދަދު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
މި އިސްލާހު ފާސްވެ، ގާނޫނުގައި ހިމެނުމާ އެކު ތިން މަސް ތެރޭ އެ ތިން ޝަރުތު ހަމަ ނުވާ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ދެން ގެންނަ އިސްލާހުތައް ކުރުކޮށް
-
ކައުންސިލްގެ ބޭންކް އެކައުންޓު ބަލަހައްޓަން ވާނީ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛ އެކައުންޓު ސްޓޭޓްމަންޓް ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު ކައުންސިލުން ދޭން ވާނެ
-
ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޔުޓިލިޓީ ބިލަކަށް ދަކަން ފައިސާއެއް އޮތް ނަމަ، އެ ފައިސާތައް އުނިކުރުމަށް ފަހު، ބާކީވާ އަދަދު
-
އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނުނެގޭނެ (މިސާލަކަށް ކަރަންޓް ހިދުމަތް ދިނުމަށް ސްޓެލްކޯ ނުވަތަ ފެނަކައަށް ދޫކޮށްފައިވާ ބިމުން ކުލި ނުނެގޭނެ)
މީގައި ހުރި ކަންކަމަށް އަމަލު ކުރުން އޮތީ ބިލު ފާސްވެ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ. އަދި މި އިސްލާހާ ގުޅިގެން ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭ އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.