އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/އެމްޑީޕީ)
ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަނީ ރައްޔިތުންގެ ބާރުތައް ސަރުކާރަށް ނަގަން: ފައްޔާޒު
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ފޭރިގަނެ، ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު ވެސް ސަރުކާރަށް ނަގަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ. މި ބިލުގެ ފުރަތަމަ ކިއުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ބުނީ ކީކޭ؟ - ކައުންސިލުތަކަށް ލިިބިދޭ ބޮޑެތި ބާރުތަކެއް އުނިވާނެ ފަދަ ގޮތަކަށް މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ފައްޔާޒު އޭނާގެ 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ވަނީ ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ:
-
ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހޭނީ ސަރުކާރަކުން ނޫން
-
ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭނެ
-
މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ
"ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ގޮވާލަން." ފައްޔާޒުގެ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިންމު - ލާމާރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލުތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުމާއި ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ކައުންސިލުތަކުން މުހިންމު މާލީ އެހީގެ ކަންކަން ނިންުމުމުގައި އަމަލުކުރަންޖެހޭ ގޮތްތަކަށް އިސްލާހުތަކެއް ގެންނަން ހިމަނާފައި ވެއެވެ.
އެގޮތުން، ސަރުކާރުން އެކިއެކި ފަރާތްތަަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތަކުން ކުލި ނުނެގޭ ގޮތަށް މާއްދާއެއް އިތުރުކުރަން ހުށަަހަޅާފައިވެ އެވެ. އަދި ކައުންސިލުގެ އުމުރު ހަަމަވުމާ މެދު އޮތީ އަހަރެއްހާ ދުވަސް ނަމަ ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކެއް ނަމަ ތަންތަން ކުއްޔަށް ދިނުމާއި މުވައްޒަފުން ނެގުމާއި ބައެއް ކަަހަލަ މަޝްރޫއުތައް ފެށޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ހޯދައިގެން ކަމަށް ވެސް ހިމަނަން އިސްލާހުގައިވެ އެވެ.