އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފެރެންސްގައި ކުރީގެ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ - (ފައިލް ފޮޓޯ/އެމްޑީޕީ)

ރަށްތައް ތަރައްގީކުރުމުގެ ބާރު ރައްޔިތުންނަށް ނުދިނުމަކީ ބޭއިންސާފެއް: ސޯލިހު

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ރައީސް ސޯލިހު ގޮވާލެއްވި

ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށާއި އެކަން އެގޮތަށް ކުރުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް މިރޭ ގޮވާލައްްވައިފި އެވެ.

ވީ ކިހިނެއް؟ - ސޯލިހު މިކަމަށް ގޮވާލެއްވީ ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކުގެ ކަންބޮޑުވުން ފާޅުކުރައްވައި 'އެކްސް'ގައި މިރޭ ކުރެއްވި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވިދާޅުވީ ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމަށެވެ.

ބުނީ ކީކޭ؟ - ސޯލިހު ވިދާޅުވީ ފެހި ގާނޫނުއަސާސީން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށެވެ. އެކި ވެރިކަމުގައި އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާ ވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވިގޮތުން:

  • ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް 

  • ކޮންމެ ރަށެއްގެ އިހުތިސާސް މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ 

  • މިގޮތަށް ކައުންސިލްތަކަށް ވަކި އުސޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށާފައިވޭ

  • އެކަމުގެ ސަބަބުން ކައުންސިލްތައް ފުދުންތެރިވާން ފަށައިފި

"2019 ވަނަ އަހަރު ގެނެވުނު އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް. މިކަމާ މެދު އަލުން ވިސްނަވައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެނދިއުމަށް ގޮވާލަން،" ސޯލިހުގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ. މި ބިލުގެ ފުރަތަމަ ކިއުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މި ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލުތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކުރުމާއި ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ކައުންސިލުތަކުން މުހިންމު މާލީ އެހީގެ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ ގޮތްތަކަށް އިސްލާހުތަކެއް ގެންނަން ހިމަނާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް