ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަނީ (ފޮޓޯ/މަޖިލިސް)

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް ކައުންސިލްތައް ތެދުވެއްޖެ

ކައުންސިލްތަކުން ބުނިގޮތުގައި މިއީ މަރުކަޒީ ބާރު ގަދަކޮށް، ސަރުކާރަށް ސަލާން ޖެހުމުގެ ސަގާފަތް އަށަގެންނެވުމަށް ގެންނަ އިސްލާހުތަކެއް

ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހާ ދެކޮޅަށް ބައެއް ކައުންސިލްތަކުން ތެދުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ކައުންސިލުތަކުގެ މާލީ މިނިވަންކަން ހަނިވާނެ ފަދަ ގޮތަކަށް، ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެ ގާނޫނަށް ގެންނަ އިސްލާހުތައް އާންމުންގެ ހިޔާލަށް ހުޅުވާލައި ބިލާ މެދު މިއަދު ގޮތެއް ނިންމަން ލާމަރުކަޒީ ކޮމިޓީން ވަނީ ނިންމާފަ އެވެ. 

ތަފްސީލް - ބައެއް ކައުންސިލްތަކުން އެ އިސްލާހުތަކާ މެދު ހިތްހަމަނުޖެހިގެން މިއަދު ވަނީ ނޫސް ބަޔާން ނެރެފަ އެވެ. ޖުމްލަގޮތެއްގައި އެ ކައުންސިލްތަކުން ބުނެފައިވަނީ އެ އިސްލާހުތަކަށް އަމަލުކޮށްފި ނަމަ، ކައުންސިލްތަކަށް ލިބިދީފައިވާ ބޮޑު މިނިވަންކަމެއް ގެއްލޭނެ ކަމަށެވެ. އެގޮތުން:

  • ކައުންސިލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދަތިވާނެ

  • ރަށުގެ ތަރައްގީއަށް ހިންގަން ހުރި ގިނަ މަޝްރޫއުތަކަށް ހުރަސް އެޅޭނެ

  • ކައުންސިލްތަކުގެ ވައުދުތައް ނުފުއްދި، އެތަންތަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ

  • ރަށްވެހި ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށް ފަހިވެފައިވާ ގިނަ ފުރުސަތުތަކެއް ބަންދުވާނެ

އއ. ތޮއްޑޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނިގޮތުގައި އެ އިސްލާހުތަކުގެ ސަބަބުން، ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަމާއި ވަސީލަތްތަކުގެ މިލްކުވެރިކަމާއި ތަރައްގީއަށް ހުރި ގިނަ ފުރުސަތުތަކެއް ގެއްލޭނެ އެވެ.

ގއ. ކޮލަމާފުށީ ކައުންސިލުން ބުނިގޮތުގައި މީގެ ސަބަބުން، ރައްޔިތުންގެ ޑިމޮކްރެޓިކް އުއްމީދުތަކަށް ފާޅުގައި ހުރަސް އެޅޭނެ އެވެ. 

"...މިއީ ނިޒާމީ ސިފައެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،" ކޮލަމާފުށީ ކައުންސިލްގެ ނޫސް ބަޔާނުގައި ބުންޏެވެ.

އެތަނުން ބުނިގޮތުގައި އިސްލާހުތައް ފާސްކޮށްފި ނަމަ، ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ކުރިއަށް ގެންދެވޭނީ 10 މިލިޔަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެވެ. ހާއްސަކޮށް ކުދި ރަށްރަށުގެ ކައުންސިލްތަކަށް، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ފުރުސަތު މުޅިންހެން ބަންދުވެގެންދާނެ ކަމަށް ބުންޏެވެ.

އެހެން ބައެއް ކައުންސިލްތަކުން ބުނިގޮތުގައި މި ބިލަކީ، ލާމަރުކަޒީ ނިޒާމާ ދިމާ އިދިކޮޅު، ނިޒާމުގެ މަގްސަދާ ހިލާފަށް، ލާމަރުކަޒީ ބާރުވެރިކަން ނިއުޅައިގަނެ، މަރުކަޒީ ބާރުވެރިކަން ގަދަކޮށް، ސަރުކާރަށް ސަލާން ޖެހުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހުށަހަޅާފައިވާ ބަދަލުތަކެކެވެ.

މަޖިލީހުގައި މިހާރު މަޝްވަރާ ކުރަމުންދާ މި އިސްލާހުތަކާ ދެކޮޅަށް މިހާތަނަށް ތިރީހަކަށް ކައުންސިލުން ވަނީ ނޫސް ބަޔާން ނެރެފަ އެވެ. އެ ހުރިހާ ކައުންސިލްތަކުން ވެސް އެދިފައިވަނީ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔުމަށެވެ.

އެނގުން މުހިއްމު - ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި އޮތީ:

  • ކައުންސިލްތަކުން ވިޔަފާރި ކުރުމުގައި ހިންގާ ހަރަކާތްތައް ގާނޫނުގައި ކަނޑައެޅުން

  • ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރާ އުސޫލުތައް މުރާޖާކުރުން

  • ކައުންސިލްގެ އުމުރުގެ ފަހު އަހަރު ތެރޭގައި މުހިންމު މާލީ ކަންކަން ނިމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރުން

ކޮމެންޓް (1)

ސިކުނޑި

6 އޯގަސްޓު 2025
ނޫސްތަކުގައި ހުރި މައުލޫމާތަށް ބަލާއިރު، މި އިސްލާހުގައި މާކަބޮޑު މައްސަލައެއްނެތް! ވަކީން ޚާއްސަކޮށް ފަހު އިސްލާހު، ދައުރު ނިމެންދާއިރު ކުރުދޮށީގައި މަސްބޭނުން ނިމުމަކަށް ގެންނަންޖެހޭ! މިހާރުގެ ގާނޫނު އޮންނަ ގޮތުން ކައުންސިލަރުންނަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮވޭ! ރަށު ކައުންސިލެއް މާލީ ގޮތުން ތަނަވަސް ވިޔަސް ރައްޔިތުންނަށް ފައިދާއެއްނުވޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް