ޔުމްނު އާއި ރައުދުއާ ދެ މީހުން، ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޔުމްނު ވެއްޓުނުތާ 4 މަސް ވާއިރު އަދިވެސް ބަޔާން ނުނެގޭ
މިދިޔަ 18 އޭޕްރީލްގައި މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ވެސް އަދި ރިޔާސީ ކޮމިޝަނަށް ވެސް ޔުމްނުގެ ބަޔާން ލިބިފައެއް ނުވެ އެވެ. ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ލިބިފައެއް ނުވެ އެވެ.
ނަމަވެސް، އާއިލާ އިން ކުރިން ބުނެފައިވަނީ ޔުމްނު ފަރުވާއަށް ފަހު މެލޭޝިއާގެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައި ވިޔަސް، ބަޔާން ދެވޭ ވަރު ނުވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ޔުމްނުގެ ބަޔާން އަދި ނުނެގޭ،" ޔުމްނުގެ ބަޔާން ލިބިއްޖެތޯ، ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު އިއްޔެ ފުލުހުންނާ ސުވާލުކުރުމުން ފުލުހުން މިއަދު ބުންޏެވެ.
ނަމަވެސް، ޔުމްނުގެ ބަޔާން އަދިވެސް ނުނެގެނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުންނާއި އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ބުނެ މިފަހުން މާލޭގައި އެންމެ ބޮޑެތި މުޒާހަރާތައް ބޭއްވި މައްސަލައިގައި ހިމެނޭ ޔުމްނުގެ ބަޔާން ނުނެގިގެން ފުލުހުން ވަނީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. ޔުމްނުގެ ބަޔާން ނެގުމަށްޓަކައި އޭނާ މެލޭޝިއާއަށް ފުރި ފަހުން އެ ގައުމުގައި ދެ ފުލުހަކު ގާއިމްވެ ތިބި ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ. އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރެއް ހިމެނެ އެވެ.
އާއިލާގެ ފަރާތުން އޭރު ބުނެފައި ވަނީ ފުލުހުން ރަސްމީކޮށް ބަޔާން ނަގަން އެދިފައި ނުވާ ކަމަށެވެ.
އެނގުން މުހިންމު - ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަން މިިދިޔަ މަހު ވަނީ އުވާލައްވާފަ އެވެ.
އެ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން:
-
ދުރާލާ ރާވައިގެން ޔުމްނުއަށް ގަސްތުގައި އަނިޔާއެއް ދޭން ބޭނުންވާ ބަޔަކު ތިބި ކަމެއް ނުވަތަ އަނިޔާއެއް ދޭން ޖެހޭ ފަދަ ސަބަބެއް އޮތް ކަމެއް އެނގޭކަށް ނެތް
-
ހ. ފެންޓަނޯއީގެ ވެރިންގެ ތެރޭގައި އަދި އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ޔުމްނު ދަންނަ ބަޔަކު ނޫޅޭކަން ޔުމްނުގެ ރައްޓެހިން ދީފައިވާ ބަޔާންތަކުން އެނގޭ
-
ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު އަހުމަދު ޒިލާލް ހ. ފެންޓަނޯއީގެ އެއްވެސް އެޕާޓްމަންޓަކަށް ވަންނަ ތަނެއް ފުޓޭޖަކުން ނުފެނޭ؛ އެ ގޭގެ ވެރިފަރާތުން ފުލުހުންނާއި ކޮމިޝަނާ ހިއްސާކުރީ އެ ގޭގައި ހުރި ސީސީޓީވީ ކެމެރާތަކުގައި ރިކޯޑުވެފައި ހުރި ހުރިހާ ފުޓޭޖުތައް
-
ޔުމްނު އާއި ރައުދު ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ހަމައަށް އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގޭކަށް ނެތް
-
ޔުމްނު ފެންޓަނޯއީގެ ނުވަ ވަނަ ފަންގިފިލާއަށް ސިޑިން ފުރަތަމަ އަރަނީ އަމިއްލަ އިހުތިޔާރުގައި؛ އެއްވެސް މަޖުބޫރުކަމެއް ނެތްކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮވޭ
-
ހ. ފެންޓަނޯއީއަށް ޔުމްނު ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމާއި އެ ގެއަށް ފުރަތަމަ ވަނީ ވެސް އޭނާ ކަމަށް ވުމުން އަނިޔާއެއް ދިނުމުގެ މަގްސަދުގައި ރައުދު އޭނާ އެ ގެއަށް ގެންދިޔައީކަން އެނގޭކަށް ނެތް
-
ފުރާޅުގައި ޖެހުމުން ފިޔަވައި އިތުރު އެއްވެސް އަނިޔާއެއް ޔުމްނުއަށް ލިބިފައެއް ނުވޭ؛ މީހަކު ގަދަކަމުން ވައްޓާލަން މަސައްކަތްކުރި ކަމުގެ ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައިނުވާކަން މެޑިކަލް ރިކޯޑުތަކާއި ހެކިންގެ ހެކިބަހުން އެނގެން އޮވޭ
އެ ކަންކަމަށް ރިއާޔަތްކޮށް ކޮމިޝަނުން ބުނީ ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލާފައި ނުވަތަ ފުންމާލާފައި ނުވަތަ ވެއްޓިފައިވަނީ ހ. ފެންޓަނޯއީގެ ޓެރަހުން ކަމަށް ނުބެލެވޭ ކަމަށެވެ.
އިތުރަށް ކިޔާލަން
ރިޔާސީ ކޮމިޝަންގެ ކަންބޮޑުވުންތައް ހައްލުކުރަން ރައީސް އަންގައިފި
23 ޖޫން 2025
ޔުމްނުގެ ކޮމިޝަނަށް ދޮގު ބަޔާންދިން ދާއޫދު މަގާމުން ވަކިކޮށްފި
19 ޖޫން 2025
އަމީން ސީޕީއަށް ގުޅުއްވުން ބަލައިގަންނަން ދަތި: ކޮމިޝަން
17 ޖޫން 2025
'ޔުމްނު ވެއްޓުނީ؛ އެކަމަކު ރައުދުގެ އިހުމާލު އޮތްކަމަށް ބުރަވެވޭ'
17 ޖޫން 2025