ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

ރިޔާސީ ކޮމިޝަންގެ ކަންބޮޑުވުންތައް ހައްލުކުރަން ރައީސް އަންގަވައިފި

ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންނާއި އައިޖީއެމްއެޗްއިން އަމަލުކޮށްފައިވާ ގޮތާ މެދު ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށް، ބައެއް ކަންކަން އިސްލާހުކުރަން ވަނީ ލަފާދީފައި

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށާއި އެ ކޮމިޝަނުން ފާހަގަކުރި ކަންކަން ތަންފީޒުކުރަން ރައީސް މުހައްމަދު މުއިއްޒު، ކަމާބެހޭ ތަންތަނަށް އަންގަވައިފި އެވެ.

ވީ ކިހިނެއް؟ - އޭޕްރީލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާ ތަހުގީގުކުރުމަށްފަހު ރިޔާސީ ކޮމިޝަނުން ތަހުގީގު ރިޕޯޓު އާންމުކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ތަފްސީލު - އެ ހާދިސާއާ ގުޅިގެން ކޮމިޝަންގެ ރިޕޯޓުގައި އެކި މައްސަލަތައް ފާހަގަކޮށްފައި ހުރިއިރު، އެ ކަންކަން ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ވަނީ ހޯމްލޭންޑް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއަށް މިއަދު އަންގަވާފަ އެވެ.

އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރި ބައެއް މައްސަލަތައް:

  • ހާދިސާގެ މައުލޫމާތު ލިބުމުން ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދިނީ ގަޑިއެއްހާއިރު ފަހުން؛ އެހެންވެ އޮފިސަރަށް ކުށުގެ ވެއްޓަށް ދެވުނީ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން އަދި އޭގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކި ނުހޯދުނުކަން

  • ސީން އޮފް ކްރައިމް އޮފިސަރު ސީން ޕްރޮސެސްކުރިއިރު ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ނުކުރާ ކަމާއި ސީން އޮފް ކްރައިމް އޮފިސަރުގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންކަން ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލިކަން

  • ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތް ނުކުރާ ކަމާއި ކުށުގެ ވެށީގެ ބައުންޑަރީއެއް ކަނޑައަޅާފައި ނެތުމާއި ކުށުގެ ވެށި ރައްކާތެރިކޮށްފައިނުވާ ކަން

މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ އެސްއޯޕީތައް މުރާޖައާކޮށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީން ދިނުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އަދި އެ ހާދިސާގައި ފަރުވާ ކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި އެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ރައީސް އަންގަވާފައިވެ އެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ރައުދު އަހްމަދު ޒިލާލު، އޭޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު ހ.މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ދާއޫދު އަހްމަދު ތިރިޔަށް ފޭބިކަމަށް ހެކިންގެ ހެކިބަހުން އެނގޭތީ އާއި މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

އެއާ އެކު ޔުމްނުއަށް ފަރުވާ ނުލިބި ލަސްވުމުގައި ރައުދުއާ އެއްވަރަށް އޭނާގެ ބޭބެ ދާއޫދު އާއި ހ. މާއިރާއިން ރައުދުއާ ބައްދަލުވި އެހެން މީހުންގެ އިހުމާލު ވެސް އޮންނާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. އަދި އެކަން އިތުރަށް ތަހުގީގުކުރަން ރިޔާސީ ކޮމިޝަނުން އަންގާފައިވާއިރު، އެ ނިންމުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ.

ގުޅުންހުރި ކަމެއް - ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުން ދާއޫދު ވަނީ ވަކިކޮށްފަ އެވެ. އޭގެ ކުރިން، ހާދިސާއަށް ފަހު އޭނާ ހުރީ ސަސްޕެންޝަންގަ އެވެ.

އެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗް އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިިލީ ޕްރޮޓެކްޝަން ޔުނިޓު (އެފްޕީޔޫ)އިން އަމަލުކުރި ގޮތާ ގުޅިގެން ރައީސް ވަނީ ހެލްތު މިނިސްޓްރީއަށް ވެސް އެންގެވުންތަކެއް އަންގަވާފަ އެވެ. އެގޮތުން:

ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ޔުމްނުއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބަލަން އައިޖީއެމްއެޗްގެ އައިސީޔޫއިން އެފްޕީޔޫއަށް އެންގުމުން ވެސް އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވި ކަމާއި އެއީ އެފްޕީޔޫގެ އެސްއޯޕީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު އަމަލެއްކަން

  • އެފްޕީޔޫގެ މުވައްޒަފު އެޓެންޑު ނުވިޔަސް، އަނިޔާ ލިބުނު މީހާގެ އާއިލާއިން އެކަމަށް އެދިއްޖެ ނަމަ ޑޮކްޓަރުންނަށް ވެސް އެފަދަ ޓެސްޓުތައް ހެދެންވާނެކަން

  • އައިޖީއެމްއެޗްެގެ އެފްޕީޔޫއިން ލަސްނުކޮށް ކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަން އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރަން ޖެހޭ ކަމަށް

އެ ކަންކަމާ ގުޅިގެން ރައީސް ވަނީ އެފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައިޖީއެމްއެޗް އާއި އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީއަށް އަންގަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް