ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރއިން (ފޮޓޯ/ ރައީސް އޮފީސް)

ޔުމްނުގެ ތަހުގީގާ ގުޅޭ ކޮމިޝަންގެ މަސައްކަތް ނިންމައި ރިޕޯޓު ރައީސަށް އަރުވައިފި

18 އޭޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 27 އޭޕްރީލްގައި

މާލޭގެ ގެއެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމައި އެ ކޮމިޝަންގެ ރިޕޯޓް މިއަދު އެ މަނިކުފާނަށް އަރުވައިފި އެވެ.

ވީ ކިހިނެއް؟ - 18 އޭޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 27 އޭޕްރީލްގަ އެވެ.

އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މަސައްކަތް ނިމުނުކަން ހާމަކޮށްފަ އެވެ.

ބުނީ ކީކޭ؟ - "މި ކޮމިޝަނާ ހަވާލުކުރެވުނު މަސައްކަތް ނިންމައި ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފީމެވެ،" އެ ޕޯސްޓުގައިވެ އެވެ.

މި ރިޕޯޓާ ގުޅޭ ތަފްސީލެއް ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޔުމްނު ވެއްޓުނު ހާދިސާއަށް މަދާމާއަށް ދެ މަސްދުވަސް ފުރޭއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލަށް މިދިޔަ ހަފްތާގައި ވަނީ ދައުވާކޮށްފަ އެވެ. އެގޮތުން:

  • ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ

  •  އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން

ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.

މި މައްސަލައިގައި ޔުމްނުގެ ބަޔާން ނުނެގޭތީވެ މިކަމާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު އާއިލާއިން ބުނެފައިވަނީ ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް