ޔުމްނުއާއި ރައުދުއާ ދެ މީހުން، ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުވާކޮށްފި

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އަންނާނީ މަހެއްހާ ދުވަހުގެ ޖަލު އަދަބެއް

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް މިދިޔަ ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން 25 އޭޕްރީލްގަ އެވެ. އަދި މިދިޔަ މަހު25 ވަނަ ދުވަހު ފުލުހުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. 

ތަފްސީލް - ޕީޖީ އޮފީހުން ބުނި ގޮތުގައި:

  • ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ

  •  އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން

ދައުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ:

  • ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ

  • ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ

އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.

ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުގައި ރައުދު ހައްޔަރުކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.

ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެ ވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.

އެ އަމުރު ނޫސްތަކުން ގެނެސްދިން ފަހުން ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ވެސް ފަށާފައިވެ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ރައުދުގެ ބަންދު މަޖިލިސްތައް ސިއްރުކުރަން ނިންމީ ގާނޫނުއަސާސީގެ 42ވަަނަ މާއްދާއިން ކޯޓަށް ލިބިދޭ ބާރުގެ ދަށުންނެވެ:

ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޝަރީއަތް ސިއްރުކުރެވޭ ތިން ހާލަތެއް ބަޔާންކޮށްފައި އޮވެ އެވެ. އެ ތިން ހާލަތަކީ:

  • މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިއަ ނުދިނުން

  • ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން

  • އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ހުރަހަކުން މިންޖުވުން

ފާހަގަކޮށްލެވޭ - ޔުމްނު ހޭއެރި ފަހުން ހާދިސާ ހިނގި ގޮތް އާއިލާއަށް ކިޔައިދިން ކަމަށް ބުނެ އާއިލާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔުމްނުއާ ހަވާލާދީ އޭނާ އަމިއްލައަށް ނުވެއްޓޭ ކަމަށް ބުންޏެވެ. އަދި ވެއްޓުނުއިރު ރައުދުގެ އިތުރުން ވެސް ބަޔަކު ތިބި ކަމަށް ތުހުމަތުކުރި އެވެ.

ނަމަވެސް ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުންނަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެންވެ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް (3)

އަސްލު

10 ޖޫން 2025
ޒިނޭ އޯކޭ، މަސްތުވާއެއްޗެހިއަށް ޕޮސިޓިވް ވުން އޯކޭ...
1 0

ކޮސް

10 ޖޫން 2025
މައްސަލަ އޮތީ މާކުރިންވެސް ނިމިފަ. ފުލުހުންގެ މައްސަލައެއްނެތް. ވެއްޓުނު ކުއްޖާގެ މައްސަލައެއްނެތް. ވެއްޓުނުކުއްޖާއާއިއެކީގައި އުޅުނު ކުއްޖާގެ މައްސަލައެއްނެތް. މިދެކުދިންނާއިއެކުގައި އުޅުނު ކުދިންގެ މައްސަލައެއްނެތް. މައްސަލައިގާ ކުށްވެރިވަނީ ، ވެއްޓުނުކަމަށް ބުނާ ކުޑަދޮރާއި ކުއްޖާ ވެއްޓިފައިއޮތް ފުރާޅު. ދެން މިކަމާއި ގުޅިގެން މަގުމައްޗަށް ނިކުމެ އަޑުގަދަކޮށްހެދި ފަރާތްތައް.
6 0

ސަލީމާ

10 ޖޫން 2025
ކެނަބިސް ހުއްދަވީމަތަ ދައުވާ ނުކުރަނީ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް