ފެންޓެނޯއީ ގޭގައި ރައުދު ހަރަކާތްތެރިވާ ތަން ފެންނަ ވީޑިއޯގެ ފޮޓޯއެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ރައުދު ދޫކޮށްލަން އެދުނީ އަދަބަށް ވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ
ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް ބަންދުން ދޫކޮށްލަން އެންދީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްފި ނަމަ އަންނާނެ ކަމަށް ބެލެވޭ ޖަލު އަދަބުގެ މުއްދަތަށް ވުރެ ބަންދުގެ މުއްދަތު ދިގުވާނެތީ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހު 25ގަ އެވެ. އޭގެ ފަހުން މިދިޔަ ބްރާސްފަތި ދުވަހު ބަންދުން ދޫކޮށްލުމަށް ފަހު، އެހެން ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ދުވަހު ހައްޔަރު ވެސް ކުރި އެވެ.
އޭނާ ބަންދުގައި ހުންނަތާ މިދިޔަ އާދިއްތައަށް މަހެއް ވެފައި ވާއިރު، ރޭ ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ދޫކޮށްލީ، އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އެ މައްސަލަ ޕީޖީއަށް ފޮނުވުމުން ބަންދުން ދޫކޮށްލުމަށް އެ އިދާރާއިން އެދުމުންނެވެ.
ތަފްސީލް - މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ޝަފީއު އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު، އެ މީހަކަށް ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވުމުން އާންމުކޮށް ވެސް އެ މީހަކު ބަންދުން ދޫކޮށްލުމުގެ އިރުޝާދު ޕީޖީން ދޭ ކަމަށެވެ.
The PGO usually issues such instructions when a suspect’s remand exceeds the likely sentence for the charges they’re expected to face. https://t.co/WU6TnjPbXy
— Shafeeu (@ShafeeuAhmedd) May 27, 2025
ރައުދަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައި ވިޔަސް، އޭނާއަށް ކުރާ ތުހުމަތުތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުރަތަމަ ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހަކަށް އެހީތެރިކަން ނުދިނުމުގެ ތުހުމަތުކޮށްފައިވެ އެވެ.
މިއިން ދައުވާއެއް ކުރާ ނަމަ:
-
މަސްތުވުމުގެ ކުށުގެ އަސާސީ އަދަބަކީ އަހަރު ދުވަހުގެ ޖަލު ހުކުމެއް
-
އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހަކަށް އެހީތެރިކަން ނުދިނުމުގެ ކުށުގެ އަސާސީ އަދަބަކީ މަސް ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ޖަލު އަދަބެއް
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނުއިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުގައި ރައުދު ހައްޔަރުކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.
ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި، އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެ ވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.