ފެންޓެނޯއީ ގޭގައި ރައުދު ހަރަކާތްތެރިވާ ތަން ފެންނަ ވީޑިއޯގެ ފޮޓޯއެއް - (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރައުދަށް ހުކުމެއް އަޔަސް މާ ގިނަ ދުވަހަކަށް ދެން ބަންދެއް ނުކުރެވޭނެ

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުރާ ތުހުމަތަކީ އެހީތެރިކަން ނުދިނުމުގެ ތުހުމަތު؛ ގާނޫނުގައި ހުރި ކަންކަމާއި ވަށައިގެން ހުރި ކަންކަމަށް ބެލުމުން އޭނާއަށް ހުކުމެއް އަޔަސް މާ ގިނަ ދުވަހު ދެން ބަންދުގައި ހުންނަން ޖެހޭނެ ކަމަށް ނުބެލެވޭ

ހައްވާ ޔުމްނު ރަޝީދު އުސް އިމާރާތެއްގެ ނުވަ ވަނަ ބުރިން ޖެހިގެން ހުރި ގުދަނުގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލާގައި ރައުދު އިއްޔެ ދޫކޮށްލީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ ގޮތަށް އިރުޝާދު ދީގެންނެވެ. އެ އޮފީހުން ބުނި ގޮތުގައި، އޭނާ ދޫކޮށްލަން އިރުޝާދު ދިނީ އަންނާނެ ކަމަށް ބެލެވޭ ހުކުމަށް ވުރެ ގިނަ ދުވަހު ބަންދުގައި ހުރެވިދާނެތީ އެވެ.

އެއީ ރަނގަޅު ވާހަކައެކެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރައުދަށް ދައުވާ ކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އިރު އޭނާގެ މައްޗަށް ކުރަނީ ދެ ތުހުމަތެކެވެ. އެއީ:

  • އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ތުހުމަތު

  • މަސްތުވާތަކެތީގެ ތުހުމަތު

ފުލުހުން ފާހަގަކުރާ ފުރަތަމަ ތުހުމަތު ފެތެނީ ގާނުނުލްއުގޫބާތުގެ 618 ވަނަ މާއްދާގައި ބަޔާންކުރާ ކުށަށެވެ. އޭގައި އޮންނަނީ އެހީތެރިވެދިނުމުގެ ވާޖިބާ ހިލާފުވުމުގެ ކުށެވެ. އެގޮތުން:

  • ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުން

  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުން

ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން އެއީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެގޮތުން:

  • އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުން

  • އެންމެ މަތީ އަދަބަކަށް އޮތީ ތިން މަސްދުވަސް؛ އެއީ ވެސް ކުށުގެ ދަރަޖަ ޖުމުލަ ހަ ދަރަޖައަށް އިތުރުކޮށްގެން

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ގާނޫނުލްއުގޫބާތުގައި ހުރި ކަންކަމަށް ބަލާއިރު އަދަބުގެ ދަރަޖަ މި ހާލަތުގައި މަތިކުރެވުނަސް ކުރެވޭނީ އެންމެ ތިން ދަރަޖައަކަށެވެ. އެއީ ވެސް ގާނޫނުގައި ފެތޭ އެ ހުރިހާ ހާލަތެއް އައިސްގެންނެވެ. އެގޮތުން:

  • އެއް ހާލަތަކީ ފަރުވާލެއް ނެތި އަނިޔާވެރިކަމެއް ދެއްކުމުގެ ސަބަބުން ދަރަޖަ މަތިވުން؛ މި ހާލަތުގައި އެންމެ ބޮޑަށް ވެސް މަތިކުރެވެނީ އެންމެ ދަރަޖައެއް

  • އަނެއް ހާލަތަކީ އަނިޔާ ލިބުނު މީހާއަށް ބަދަލު ދޭން އިންކާރުކުރުމުން އަދަބުގެ ދަރަޖަ މަތިވުން؛ މި ހާލަތުގައި ދަަރަޖަ މަތިކުރެވެނީ އެއް ދަރަޖައަށް ނޫނީ ދެ ދަރަޖައަށް

  • ތިން ދަރަޖައަށް ކުށުގެ އަދަބު މަތިކޮށްގެން އަންނާނެ އަދަބަކީ ދެ މަހާއި ތިން ދުވަސް

  • މީގައި ފާހަގަކުރާ ދެވަނަ ހާލަތް ކަމަށްވާ ބަދަލު ދޭން އަދި އިންކާރުކޮށްފައެއްނުވޭ؛ ދެން އޮތް ހާލަތުން ދަރަޖައެއް މަތިކޮށްގެން އަންނަ އަދަބަކީ މަހަކާއި 12 ދުވަސް

ތަހުގީގަށް އެއްބާރުލުން ދޭ ނަމަ، ދަރަޖަ ދަށްކުރެވިދާނެ ކަމަށް ގާނޫނުގައި އޮވެ އެވެ. އަދި އޭނާ ކުށަށް އިއުތިރާފުވިޔަސް ދަރަޖަ ދަށްކުރަން ޖެހެ އެވެ. މި ހާލަތްތަކުން ދަރަޖަ ކުޑަވެގެން ދާ ނަމަ، ހުކުމަކަށް އަންނާނީ އެންމެ 27 ދުވަހެވެ.

ރައުދު ބަންދުކޮށްފައިވާ ދުވަސްތަކަށް ބެލުމުން އޭނާ މިހާތަނަށް ބަންދުގައި ހުރީ އެއް މަހާއި ތިން ދުވަސްކަން އެނގެ އެވެ. އެގޮތުން:

  • ރައުދު ހައްޔަރުކުރީ 25 އޭޕްރީލްގައި؛ ފުރަތަމަ ބަންދަށް ފަސް ދުވަސް ހޭދަކުރި

  • 30 އޭޕްރީލްގައި ދިނީ 10 ދުވަސް؛ ބަންދުގެ މުއްދަތު ފުރިހަމަކުރި

  •  10 މެއިގައި ދިނީ ފަސް ދުވަސް؛ ބަންދުގެ މުއްދަތު ފުރިހަމަކުރި

  • 15 މެއިގައި 20 ދުވަހަށް ބަންދު އިތުރުކުރި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބަންދުން ދޫކޮށްލުމަށް ފަހު ހަމަ އެ ދުވަހު ހައްޔަރުކުރި؛ އެ މުއްދަތުގައި ބަންދުގައި ހުރީ އަށް ދުވަސް

  • ދެވަނަ ފަހަރު ބަންދުން ދޫކޮށްލީ އިއްޔެ؛ މި މުއްދަތުގައި ބަންދުގައި ހުރީ ފަސް ދުވަހު

ރައުދުގެ މައްޗަށް ދެން އޮތީ މަސްތުވާތަކެތީގެ ތުހުމަތެވެ. ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރުމުގެ މާ ބޮޑު ރެކޯޑެއް ކޯޓުތަކުގަ އާއި ފުލުހުގައި ނެތުމުންނާ އެކު ރައުދަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެހެންވެ، އެ ތުހުމަތު އޮތަސް އޭނާއަށް މާ ބޮޑު އަދަބެއް އެއިން ކުރިމަތިވާނެ ކަމަކަށް ނުބެލެވެ އެވެ.

މި ހުރިހާ ކަމަކަށް ބެލުމުން ރައުދުގެ މައްޗަށް އަންނާނީ މަހެއްހާ ދުވަހުގެ އަދަބެކެވެ. ރައުދު މިހާރު ވެސް އެ ވަރުގެ މުއްދަތަކަށް ބަންދުގައި ހުރެފި އެވެ. ހުކުމް ކުރުމަށް ފަހު، ހުކުމުގެ ކުރިން ބަންދުގައި ހޭދަކުރާ ދުވަސް ހުކުމް ތަންފީޒުކުރާ މުއްދަތުން އުނިކުރެ އެވެ.

އަދަބު ދަށްވާ ހާލަތުގައި އިތުރަށް ހުކުމުން ތަންފީޒުކުރާނެ މުއްދަތެއް ނެތެވެ. އަސާސީ އަދަބަށް ހުކުމްކޮށްފިއްޔާ ވެސް އިތުރަށް ހުކުމުން ތަންފީޒުކުރަން އޮންނާނީ އެންމެ ތިން ދުވަހެވެ. ދަރަޖައެއް މަތިކޮށްގެން ވެސް އޮންނާނީ އެންމެ ނުވަ ދުވަހެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް