ޔުމްނުއާއި ރައުދުއާ ދެ މީހުން، ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެއްބާރުލުން ނުލިބުމުން ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީ ހޯދަނީ

ޔުމްނު އަށް އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރި އިރު އެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުނި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާ އާ ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް އަދިވެސް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަނީ މެލޭޝިއާގަ އެވެ.

ތަފްސީލް - އެ ހާދިސާ އަށް މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔުމްނުގެ އާއިލާގެ އެއްބާރުލުން ލިބުން އޭނާގެ ބަޔާން ނެގުމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ.

އެގޮތުން ޔުމްނު މެލޭޝިއާ އަށް ގެންދިޔަ ދުވަހުން ފެސިގެން ދެ ފުލުހަކު މެލޭޝިއާގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަ ކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރި އިރު އެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

"ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކާ މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

 ޔުމްނު ވެއްޓުނު އިރު އޭނާ އާ އެކު ހ. ފެންޓެނޯއީ ގޭގައި ހުރި ރައުދު އަހުމަދު ޒިލާލު ހައްޔަރު ކުރުމަށް ފަހު މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ފާހަގަކޮށްލެވޭ - ހާދިސާ ހިނގި ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.

ކޮންމެ ރެއަކުހެން ސިލްސިލާކޮށް ޒުވާނުން އޭރު ދިޔައީ ހެންވޭރު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ކުރިމައްޗަށް ނުކުމެ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

ފުލުހުންގެ އިހުމާލުތަކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެއްލެވުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ހައްދަވައިފަ އެވެ.


ކޮމެންޓް (2)

ނަދީމް

22 މޭ 2025
ޔުމްނު މީ ހުރިހާ ނުބަޔަގަށް މީހާ ، ގައުމަށް ހުރިހާ ގެލުމެއް .
1 0

ްަްްއައިމިނަ

22 މޭ 2025
އެހެން ވިއްޔާ އަދި އެއަށްވުރެ ދުރަށް އެމީހުން ފޮނުވާ ބޮޑު ލާރި ގަނޑެއް ދީފަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް