ރައީސް އޮފީހުގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އަމީން ސީޕީއަށް ގުޅުއްވީ ތަހުގީގަށް ފަސޭހަ ކޮށްދޭން ކަމަށް ވިޔަސް އެކަން ބަލައިގަންނަން ދަތި: ކޮމިޝަން

ކޮމިޝަނުން ބުނީ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް، އަމީން ކުރީގެ ސީޕީއަށް ގުޅުއްވީ ހެޔޮ ނިޔަތެއްގައި ނަމަވެސް، އާންމު މީހެއްގެ ވިސްނުމުން ބެލިޔަސް އެއީ ބަލައިގަންނަން ދަތި ކަމެއް ކަމަށް

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވީ ތަހުގީގަށް ފަސޭހަކޮށްދޭން ކަމަށާއި އެ ފޯނު ކޯލުގެ ސަބަބުން ތަހުގީގަށް އެއްވެސް އަސަރެއް ނުކުރި ނަމަވެސް އެއީ ބަލައިގަންނަން ދަތި ކަމެއް ކަމަށް، އެ ހާދިސާ ތަހުގީގު ކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން މިދިޔަ މަހު 24ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުން ދަނިކޮށް، އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވި ކަމުގެ ވާހަކަތެއް ޝޯޝަލް މީޑިއާގައި އޭރު ފެތުރުނެވެ. އެގޮތުން:

  • އެ ވާހަކަތައް ފެތުރުނީ، ޕްރެސް ކޮންފަރެންސްގައި ޕްރެޒެންޓޭޝަން ދައްކަމުންދިޔަ ވަގުތު ޝުޖާއުމެން ތިއްބެވި މޭޒުގައި މަތީގައި ހުރި މައިކްއަކަށް އެތަނުގައި އިން އެހެން އޮފިސަރަކު "މިނިސްޓަރު އަމީން އެބަ ގުޅުއްވާ" އެހެން ބުނާ އަޑު އިވޭތީ

  • އެއާއެކު އާންމުންގެ ފާޑުކިޔުން އަމީންއަށް އަމާޒުވި. އަދި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި. ނަމަވެސް މަޖިލީހުން ފާސްކުރީ އެ ހުށަހެޅުމާ ދެކޮޅަށް

ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އޭނާ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގެން އަމީން މަޖިލީހުގައި ވިދާޅުވީ ކޮމިޝަނަރަށް ގުޅުއްވި ކަމަށާއި ނަމަވެސް އެއީ އެ މައްސަލައިގެ ތަހުގީގުގައި އޭނާ ދިރިއުޅުއްވާ ގެ ބަލައިފާސްކުރަން އަމުރެއް ބޭނުންނުވާނެ ކަމަށް ވިދާޅުވުމަށް ކަމަށެވެ.

ތަފްސީލު - ޔުމްނު ވެއްޓުނު ހާދިސާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ވެސް ތަކުރާރުކުރީ އަމީން މަޖިލީހުގައި ދެއްކެވި ވާހަކަތަކެވެ.

ކޮމިޝަންގެ ތަހުގީގުގައި އަމީންގެ ބަޔާނެއް ނަގާފައިވެ އެވެ. އެ ރިޕޯޓުގައި ބުނީ އަމީން ކުރީގެ ސީޕީ ޝުޖާއުއަށް ގުޅި އެއް ސަބަބަކީ، އޭނާ ދިރިއުޅުއްވާ "ގޭގެ އެހެން އޯނަރުންނާ (އަމީންގެ އެއްބަނޑު އެއްބަފާ މީހުންނާ) ވާހަކަ ދެއްކުމަށް ފަހު މއ. މާންދޫގޭގެދެކުނުގެއަށް ފުލުހުން ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެކަން ބަޔާންކުރުމަށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގަށް ފަސޭހަކޮށްދިނުމަށް އެއިރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް އެ ވާހަކަ ދެންނެވުމަށް" ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އަމީން ޝުޖާއުއަށް ގުޅި އަނެއް ސަބަބަކީ، އެ މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން އަމީން ދަންނަ މީހުންނާއި ނުދަންނަ މީހުން ބަޔާންކޮށްދިނުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން:

  • ރައުދު އަހުމަދު، ހައްވާ ޔުމްނު، އާމިނަތު ޖުނައިނާ، އިޖާޒު ޖާއިޒު، ހުސައިން ހަމީސް އެއްވެސް ގޮތަކަށް ނުދަންނަ ކަމަށް ވިދާޅުވި

  • އިޒްދިޔާން މުހައްމަދު އަދި ޔޫސުފް އަހްމަދު ދަންނަނީ އެއީ އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހުން ކަމުގައި ވާތީ

  • ޔޫސުފް ޔައްސާރު ދަންނަނީ ހާލާ ހަމީދުގެ ދަރިއަކަށް ވެފައި، އަމީންގެ ދެވަނަ ދަރިފުޅު ބާސެލޯނާގައި ޕައިލެޓް ޓްރެއިނިން ހަދަން ދިޔައިރު ޔައްސާރު ވެސް އެ ސްކޫލުގައި ކިޔަވަން އުޅޭތީ

  • އައިޝަތު ލަޔާލީ މިހާރު އެނގެނީ އިޒްދިޔާން މުހައްމަދުއާ ރައްޓެހިވެގެން އުޅޭތީ

އަމީން ގުޅުއްވީ ކީއްކުރަންތޯ ބައްލަވަން ޝުޖާއު އޭނާއަށް ގުޅުއްވީ އެ ދުވަހު ހަވީރު އެވެ. އަދި ގުޅުމުން، ކޯޓު އަމުރެއް ނެތަސް ފުލުހުންނަށް ކޮންމެ ވަގުތަކު ވެސް އެ ގެއަށް ވަނުމުގެ ހުއްދަ އޮންނާނެ ކަމަށް އަމީން ވިދާޅުވި ކަމަށްވެ އެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުންގެ ނޫސް ބްރީފިންއެއް ލައިވް ޓީވީގައި ކުރިއަށް ދަނިކޮށް މައްސަލައާ ގުޅޭގޮތުން ހެޔޮނިޔަތުގައި ނަމަވެސް ފުލުހުންގެ އެއްވެސް އޮފިސަރަކަށް މިނިސްޓަރު މުހައްމަދު އަމީން ގުޅުއްވައި، މައްސަލައާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކެވުމަކީ، އާންމު މީހެއްގެ ވިސްނުމުން ބެލި ނަމަވެސް ބަލައިގަންނަން ދަތި ކަމެއް ކަމުގައި މި ކޮމިޝަނަށް ފެނެ އެވެ،" ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ނަމަވެސް މިނިސްޓަރު މުހައްމަދު އަމީންގެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން މި މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަކަށް މި ކޮމިޝަނަށް ނުފެނެ އެވެ."

ކޮމެންޓް (1)

ތެފައާސާ.

18 ޖޫން 2025
[..."ނަމަވެސް މިނިސްޓަރު މުހައްމަދު އަމީންގެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން މި މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާ ކަމަކަށް މި ކޮމިޝަނަށް ނުފެނެ އެވެ."...] މި ޖުމްލަ ކިޔާފައި ހިތަށް އެރީ، ކުރީގެ ފަނޑިޔާރު އަޒްމިރަލްޑާ އެހެން މީހަކު މެދުވެރިކޮށް ފަނޑިޔާރަކަށް ގުޅިކަމަށް ހީވާ ހީވުމަކަށް ބިނާކޮށް ނުފޫޒު ފޯރުވިކަން ސާބިތުވެ މަގާމުން ވަކިކުރިތާ އަދި އެހާ ގިނަދުވަހެއް ނުވާނެދޯއޭ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް