ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގައި - (ފޮޓޯ/ މަޖިލީސް)
ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަކިކުރަން ފާހެއް ނުވި
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އަމީންގެ އިތުބާރު ނެތް މައްސަލާގައި އޭނާ ޖަވާބުދާރީވެވަޑައިގަތުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރުފަހު ފެށި ޖަލްސާގަ އެވެ.
އެ ގޮތުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމާއި، މެންބަރުން މައްސަލައަށް ބަހުސް ކުރެއްވުމަށް ފަހު އަދި މިނިސްޓަރު ފަހު ބަސް ވިދާޅުވުން ކުރިައަށް ގެންދިޔަ އެވެ.
ތަފްސީލް - ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން، އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިންމީ:
-
އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ 54 މެންބަރުން
-
އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެންބަރުން
މައްސަލައިގެ ފެށުން - ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހ. ފެންޓެނޯއީއަށް އޭނާ ދިއުމުގެ ކުރިން އެ ރޭ 12 ހާއިރު މއ. މާންދޫގެ ދެކުނުގެއަށް ގޮސްފައިވާކަން ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން:
-
އެ ގެއަކީ އަމީން ދިރިއުޅުއްވަމުންގެންދަވާ އަދި އޭނާގެ އާއިލީ ގެއެއް
-
މި މައްސަލައިގައި ފުލުހުން ވަނީ 9 މީހެއްގެ ޕާސްްޕޯޓު ހިފަހައްޓާފައި؛ އޭގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހުން ވެސް ހިމެނޭ
-
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުންނަށް ނުލިބޭ
-
ރައުދު އަހުމަދު ޒިލާލް ފިޔަވައި ދެން ތިބި މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްތޯ ބެލުމަށް ކުޑަކަމުދާތަކެތި ދޭން އެދުމުން އެ ކަމަށް އިންކާރު ކުރި
-
ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ މި ކަންކަމާ ގުޅުވައިގެން
އަމީންގެ ޖަވާބު - އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިއަދު މަޖިލީހުގައި އަމީން ވިދާޅުވީ ގޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އެ ގޭގައި ދިރިއުޅޭ އެންމެން އަދި އާއިލާ މީހަކު ކުރާ ކުށެއްގެ ޒިންމާ ވެސް އެ އާއިލާގެ އެންމެން ނަގަން ނުޖެހޭނެ ކަމަށެވެ.
ޔުމުނު ވެއްޓުމުގެ ކުރިން، މއ. މާންދޫގެ ދެކުުނުގޭގައި އެ ރޭ ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް، ގާނޫނާ ހިލާފު އަމަލުތަކެއް ކުރި ކަމަށް، އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ.
އެ ތުހުމަތަށް ޖަވާބު ދެއްވަމުން އަމީން މިއަދު ވިދާޅުވީ:
-
އެ ގެއަކީ އޭނާ އެކަނި މިލްކެއް ނޫން؛ އެއްބަނޑުއެއްބަފާ ތިން މީހުންގެ ވެސް މިލްކުވެރިކަން އެބައޮތް
-
އަޅުގަނޑަށް ހާއްސަވަނީ އެ ގޭގައި އަޅުގަނޑު ނުވަތަ އަޅުގަނޑުގެ އާއިލާ ދިރިއުޅޭ ބައިތައް؛ ދެން ހިމެނެނީ، "އެ އިމާރާތުގައި ދިއިރުޅޭ އެންމެން ބޭނުން ކުރާ ތަންތަން. އެއީ ކޮމަން އޭރިއާ"
"އެއްމެދު އިމާރާތެއްގައި ނުވަތަ ކޮންޑޮމީނިއަމްއެއްގައި، އެތައް ބަޔަކު އެޕާޓްމަންޓްތަކެއް ނުވަތަ މުޅި އިމާރާތް މިލްކުކުރާ ހާލަތުގައި އެ އިމާރާތުގައި ޖިނާއީ ކުށެއް ކޮށްފި ނަމަ، އޭގެ ޒިންމާ ވަކި އޯނަރެއް [ނުވަތަ] ވަކި މަގާމެއް އަދާކުރާތީ ނަގަން ޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،" އެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ދައްކާ ވާހަކައަށް ރައްދު ދެއްވައި އަމީން ވިދާޅުވި އެވެ.
އެއާ އެކު، އަމީން ވިދާޅުވީ އޭނާ ދިރިއުޅޭ ގޭގައި ނަމަވެސް ގާނޫނާ ހިލާފު ކަމެއް ކުރާ ނަމަ އެކަން ގާނޫނާ އެއްގޮތަށް ބަލަން ޖެހޭނެ ކަމަށެވެ. އެކަން މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އަދި ފަރުދީ ހައިސިއްޔަތުން ވެސް ފުރިހަމައަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑު ދިރިއުޅޭ މއ. މާންދޫގެ ދެކުނުގޭގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށްގެން ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.
-
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެ ދެކުނުގެ
-
އިޒްދިޔާން މުހައްމަދު، 28، މއ. މާންދޫގެ ދެކުނުގެ
ފާހަގަކޮށްލެވޭ ކަމެއް - އަމީން އާއި އިޒްދިޔާންއާ އޮންނަނީ ކޮން ގުޅުމެއްތޯ އާއި ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ނުލިބޭ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސުވާލު ކުރެއްވި ނަމަވެސް އެ ސުވާލަށް އަމީން ސިދާ ޖަވާބެއް ނުދެއްވަ އެވެ.