އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިނިސްޓަރު އަމީން މިއަދު މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލިސް)

އާއިލާ މީހަކު ކުރާ ކުށެއްގެ ޒިންމާ ނަގާކަށް ނުޖެހޭނެ: އަމީން

އަމީން ވިދާޅުވި ގޮތުގައި، އޭނާއަށް އަމާޒުވެފައިވާ ތުހުމަތުތަކީ ޒައްރެއްގެ މިންވަރު ވެސް ހަގީގަތެއް ނެތް ކަމަށް

ގޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ އެ ގޭގައި ދިރިއުޅޭ އެންމެން އަދި އާއިލާ މީހަކު ކުރާ ކުށެއްގެ ޒިންމާ ވެސް އެ އާއިލާގެ އެންމެން ނަގަން ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަމީން މިގޮތަށް ވިދާޅުވީ، ހެންވޭރު ގެއަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއަށް އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އޭނާ މަގާމުން ވަކިކުރުމަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މިއަދު މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

ތަފްސީލު - ޔުމްނު، ހ. ފެންޓެނޯއީ ގެއިން ވެއްޓުމުގެ ކުރިން އެ ރޭ 12 ހާއިރު މއ. މާންދޫގެ ދެކުނުގެއަށް ގޮސްފައިވާކަން ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން:

  • އެ ގެއަކީ އަމީން ދިރިއުޅުއްވަމުންގެންދަވާ އަދި އޭނާގެ އާއިލީ ގެއެއް

  • މި މައްސަލައިގައި ފުލުހުން ވަނީ 9 މީހެއްގެ ޕާސްްޕޯޓު ހިފަހައްޓާފައި؛ އޭގެ ތެރޭގައި އަމީންއާ އާއިލީ ގުޅުން އޮންނަ ދެ މީހުން ވެސް ހިމެނޭ

ބަހުސްގެ ބޭނުމަށް އެ ހާދިސާއާ އަޅުގަނޑުގެ ތިމާގެ ނުވަތަ އާއިލީ މަސްލަހަތު އޮތް ފަރާތަކާ ގުޅުވި ނަމަވެސް އެއީ ބޮޑެތި މީހުން. އަމިއްލަ ކަންކަމަށް އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ފަރާތްތައް. އަޅުގަނޑުގެ ދަރިންނެއް ނޫން. އަޅުގަނޑުގެ އަންބެއް ނޫން. އަޅުގަނޑުގެ މައިންބަފައިން ނޫން އަދި އަޅުގަނޑު ބަލަހައްޓާ ފަރާތެއް ވެސް ނޫން.

މުހައްމަދު އަމީން / ޓްރާސްޕޯޓް މިނިސްޓަރު 
މިއަދުގެ މަޖިލިސް ޖަލްސާގައި އަމީން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޔުމުނު ވެއްޓުމުގެ ކުރިން، މާންދޫގެ ދެކުުނުގޭގައި އެ ރޭ ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް، ގާނޫނާ ހިލާފު އަމަލުތަކެއް ކުރި ކަމަށް، އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ.

އެ ތުހުމަތަށް ޖަވާބު ދެއްވަމުން އަމީން މިއަދު ވިދާޅުވީ:

  • އެ ގެއަކީ އޭނާ އެކަނި މިލްކެއް ނޫން؛ އެއްބަނޑުއެއްބަފާ ތިން މީހުންގެ ވެސް މިލްކުވެރިކަން އެބައޮތް

  • އަޅުގަނޑަށް ހާއްސަވަނީ އެ ގޭގައި އަޅުގަނޑު ނުވަތަ އަޅުގަނޑުގެ އާއިލާ ދިރިއުޅޭ ބައިތައް؛  ދެން ހިމެނެނީ، "އެ އިމާރާތުގައި ދިއިރުޅޭ އެންމެން ބޭނުން ކުރާ ތަންތަން. އެއީ ކޮމަން އޭރިއާ"

"އެއްމެދު އިމާރާތެއްގައި ނުވަތަ ކޮންޑޮމީނިއަމްއެއްގައި، އެތައް ބަޔަކު އެޕާޓްމަންޓްތަކެއް ނުވަތަ މުޅި އިމާރާތް މިލްކުކުރާ ހާލަތުގައި އެ އިމާރާތުގައި ޖިނާއީ ކުށެއް ކޮށްފި ނަމަ، އޭގެ ޒިންމާ ވަކި އޯނަރެއް [ނުވަތަ] ވަކި މަގާމެއް އަދާކުރާތީ ނަގަން ޖެހޭ ގާނޫނީ ނުވަތަ ބުއްދީގެ ހުއްޖަތެއް ނެތް،" އެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ދައްކާ ވާހަކައަށް ރައްދު ދެއްވައި އަމީން ވިދާޅުވި އެވެ.

ރައުދު އަދި ވެއްޓުނު އަންހެން މީހާ ހިމެނޭހެން އަށް މީހުން "ޕާޓީ ކުރަން" ފުރަތަމަ ދިޔަ ކަމަށް ބުނާ ގ. މާންދޫގެ ދެކުނުގެ (ދައުރު ފައިލް ފޮޓޯ)
ރައުދު އަދި ވެއްޓުނު އަންހެން މީހާ ހިމެނޭހެން އަށް މީހުން "ޕާޓީ ކުރަން" ފުރަތަމަ ދިޔަ ކަމަށް ބުނާ ގ. މާންދޫގެ ދެކުނުގެ ޓެރެސް (ދައުރު ފައިލް ފޮޓޯ)

އެއާ އެކު، އަމީން ވިދާޅުވީ އޭނާ ދިރިއުޅޭ ގޭގައި ނަމަވެސް ގާނޫނާ ހިލާފު ކަމެއް ކުރާ ނަމަ އެކަން ގާނޫނާ އެއްގޮތަށް ބަލަން ޖެހޭނެ ކަމަށެވެ. އެކަން މިނިސްޓަރުގެ ހައިސިއްޔަތުން ވެސް އަދި ފަރުދީ ހައިސިއްޔަތުން ވެސް ފުރިހަމައަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑު ދިރިއުޅޭ މއ. މާންދޫގެ ދެކުނުގޭގައި ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށްގެން ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނިންމާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިނިސްޓަރު ޖަވާބުދާރީވެވަޑައިގަތުމަށް މިއަދު މަޖިލީހުގައި  (ފޮޓޯ/ މަޖިލިސް)

އޭގެ އިތުރުން، އަމީން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އޭނާއަށް ބޮޑުބޭބެ ކިޔާ މީހަކު ނުވަތަ ދެ މީހަކާ ގުޅުމެއް އޮތް ކަމަށް ނިންމާފައިވާކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"ހެންވޭރު ގެއަކުން ކުއްޖަކު ވެއްޓުނު ހާދިސާއާ އަޅުގަނޑުގެ ތިމާގެ ނުވަތަ އާއިލީ މަސްލަހަތު ހިމެނޭ ފަރާތެއް ބައިވެރިވާ ކަމުގެ ތުހުމަތު ވެސް އެއްވެސް އިދާރާއަކުން ކޮށްފައި ނެތީސް، އެފަދަ އިދާރާއަކުން ކުރާ ތަހުގީގަކަށް އަޅުގަނޑު ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް ނެތް،" އަމީން ވިދާޅުވި އެވެ.

އަމީން އެގޮތަށް ވިދާޅުވި ނަމަވެސް، މި މައްސަލައިގައި ފުލުހުން ވަނަވަރު ހާމަކުރި އަދި ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފަހެއްޓި ނުވަ މީހުންގެ ތެރެއިން ދެ މީހުންނަކީ އޭނާއާ އައިލީ ގުޅުން އޮންނަ ދެމީހުންނެވެ.  އެއީ:

  • ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެ ދެކުނުގެ

  • އިޒްދިޔާން މުހައްމަދު، 28، މއ. މާންދޫގެ ދެކުނުގެ

"ބަހުސްގެ ބޭނުމަށް އެ ހާދިސާއާ އަޅުގަނޑުގެ ތިމާގެ ނުވަތަ އާއިލީ މަސްލަހަތު އޮތް ފަރާތަކާ ގުޅުވި ނަމަވެސް އެއީ ބޮޑެތި މީހުން. އަމިއްލަ ކަންކަމަށް އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ފަރާތްތައް. އަޅުގަނޑުގެ ދަރިންނެއް ނޫން. އަޅުގަނޑުގެ އަންބެއް ނޫން. އަޅުގަނޑުގެ މައިންބަފައިން ނޫން އަދި އަޅުގަނޑު ބަލަހައްޓާ ފަރާތެއް ވެސް ނޫން،" އަމީން އިތުރަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • މީގެ ކުރިން ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި އެކި މީހުންގެ ދަރިންނާއި އަދި މައިންބަފައިންގެ މައްޗަށް ވެސް އެކި ތުހުމަތުތައް ކުރެވިފައިވޭ

  • އެެފަދަ މީހުންގެ މައްޗަށް ކުށްތައް ވެސް ސާބިތުވެފައި އެބަހުރި

"ނަމަވެސް [އާއިލާ މީހެއް ކުށެއް ކުރުން] އެއީ، އެ މަގާމެއްގައި ހުރި ފަރާތަކުން ޒިންމާ ވާން ޖެހޭ ކަމެއް ނޫން. އެއީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނާއި ތަހުޒީބީ މުޖުމަތަމައުއާ ބީރައްޓެހި ގޮތްތަކެއް،" އަމީން ވިދާޅުވި އެވެ.

"ހުށަހަޅުއްވާފައިވާ ހަތް ތުހުމަތަކީ ޒައްރެއްގެ މިންވަރަށް ވެސް އަޅުގަނޑާ ގުޅުމެއް އަދި އެއްވެސް ހަގީގަތެއް އޮތް ތުހުމަތެއް ނޫން ކަމުގައި ދަންނަވަން. އަދި މިކަންކަމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް،" ވާހަކަ ނިންމާލައްވަމުން އަމީން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަމީން އާއި އިޒްދިޔާންއާ އޮންނަނީ ކޮން ގުޅުމެއްތޯ އާއި ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ނުލިބޭ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ސުވާލު ކުރެއްވި ނަމަވެސް އެ ސުވާލަށް އަމީން ސިދާ ޖަވާބެއް ނުދެއްވަ އެވެ.

ކޮމެންޓް (2)

އިބްރާހިމް Avatar

އިބްރާހިމް

16 މޭ 2025
ކޮންފްލިކްޓް އޮފް އިންޓަރެސްޓް ކިޔާ އެއްޗެއް އިނގޭނަމަ ތިޔަ އިބާރާތުން ވާހަކަ ނުދައްކާނެ.. ތިމާ އަދާ ކުރަނީ އާއިލީ ވިޔަފާރީގެ ސީ.އީ.އޯ ގެ މަގާމު ނަމަ ތިހެން ބުނެވިދާނެ.. ތިމާ ދިރިއުޅޭ ގެއެއްގައި ނޫނަސް ތިމާ ބަސްވިކޭ ބަޔަކު ދިވެހި ރާއްޖޭގެ ގާނޫނާއި ހިލާފު ކަމެއް ކުރުމާއި ، އެކަން ކުރުމުގެ ސަބަބުން ގައުމު ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓި ދައުލަތަށް އެތައް ފައިސާއެއް ގެއްލުންވެ ، ސަރުކާރު ބަނދުނާމު ވީމަ އެއީ މަނިކުފާނު މި ގައުމަށް ހެޔޮ އެދޭނަމަ އަދި ޑިމޮކްރަޓިކު ރީތި އުސޫލު ދަންނަ ނަމަ އަދި އަމިއްލަ އަބުރު ރައްކާކުރުމަށްވެސް މަގާމުން ދުރަށް ވަޑައިގަންނާނެ.. މަނިކުފާނަކީ ސާބިތުކޮށް ދިނީ މި ތަހުޒީބު ދުނިޔެއަށް ލޯހުޅުވިފައި ނެތް ކަން. ތިމާ އަމިއްލަ އަބުރާއި ، އާއިލާގެ އަބުރަށް ވުރެ މަގާމު މުހިއްމުކަން..
0 0

ބޱބޗވޗ

15 މޭ 2025
މިމީހުން ވީމަ މިހެން. އަޒުމިރާލްދާ ގެ ފިރިމީހާ އާ އަޅުވާފަ މަޖުލީހުގަ މެންބަރުން ތެޔޮ މަސާޖޭ ކިޔާފަ އަޒްމިރާލްދާ ކުށްވެރިކުރީ ވެސް ހަމަ ތިމީހުން. ނޫނޭވާ ދެއަނގައިން ވާހަކަދައްކަން މޮޅު ބައެއް މިއީ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް