އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރު އަމީން މިއަދު މަޖިލީހުގައި (ފޮޓޯ/ މަޖިލިސް)
ކޮމިޝަނަރަށް ގުޅީ ގެ ބަލާ ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ބުނަން: އަމީން
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދަނިކޮށް، އެތަނުގައި އިންނެވި އޭރުގެ ޕޮލިސް ކޮމިޝަނަރަށް ގުޅުއްވި ކަމަށާއި އެކަން އެގޮތަށް ކުރީ ނުފޫޒު ފޯރުވަން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަމީން މިގޮތަށް ވިދާޅުވީ، އޭނާ އެ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގެން މަޖިލީހުގައި މިއަދު ދެއްކެވި ވާހަކައިގަ އެވެ.
ތަފްސީލު - ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން މިދިޔަ މަހު 24ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ހިނގަމުން ދަނިކޮށް، އަމީން އޭރުގެ ޕޮލިސް ކޮމިޝަނު އަލީ ޝުޖާއުއަށް ގުޅުއްވި ކަމުގެ ވާހަކަތެއް ޝޯޝަލް މީޑިއާގައި އޭރު ފެތުރުނެވެ. އެގޮތުން:
-
އެ ވާހަކަތައް ފެތުރުނީ، ޕްރެސްކޮންފަރެންސްގައި ޕްރެޒެންޓޭޝަން ދައްކަމުންދިޔަ ވަގުތު ޝުޖާއުމެން ތިއްބެވި މޭޒުގައި މަތީގައި ހުރި މައިކްއަކަށް އެތަނުގައި އިން އެހެން އޮފިސަރަކު "މިނިސްޓަރު އަމީން އެބަ ގުޅުއްވާ" އެހެން ބުނާ އަޑު އިވޭތީ
-
އެއާއެކު އާންމުންގެ ފާޑުކިޔުން އަމީންއަށް އަމާޒުވި އަދި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ އެއް ނުކުތާއަކީ ވެސް އެއީ
އެ ނުކުތާއަށް ޖަވާބު ދެއްވަމުން އަމީން ވަނީ އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުން ހިނގަމުން ދިޔަ ވަގުތު ޝުޖާއުއަށް ގުޅިކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.
"އެ ހާދިސާއާ ގުޅިގެން އިތުރަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައްލަވާ ކަންކަމަށްޓަކައި ބައެއް ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކުރާ ވާހަކަ އެ ސާވިސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާ އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އަޅުގަނޑު ދިރިއުޅޭ ގޭގެ ނަން ކިޔަމުން ދިޔުމުން އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށް ފަހު، އަޅުގަނޑުމެން ގެޔަށް ފުލުހުން އައުމަށް ކޯޓް އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ގުޅާފައި ވާނެ،" އަމީން ވިދާޅުވި އެވެ.
އެއާއެކު އަމީން ވިދާޅުވީ، އެވަގުތު ޝުޖާއު ފޯނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.
📽️ޕޮލިސް ކޮމިޝަނަރަށް ގުޅިން، އެކަން ކުރީ ކޯޓު އަމުރަކާ ނުލާވެސް ގެއަށް ވަދެވޭނޭ ކަމަށް ބުނަން. އެއީ އެއްވެސް ނުފޫޒެއް ފޯރުވަން ކުރިކަމެއް ނޫން - މިނިސްޓަރު އަމީން pic.twitter.com/0nh7QmqW2A
— Dhauru (@Dhaurunews) May 15, 2025
"އަޅުގަނޑަކީ ކެބިނެޓްގެ މިނިސްޓަރަކަށްވެފައި، ދައުލަތުގެ އިދާރާއަކަށް ފަސޭހަކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ،" ޝުޖާއުއަށް ގުޅި ގުޅުން ދިފާއު ކުރައްވައި އަމީން ވިދާޅުވި އެވެ.
މިއަދުގެ މަޖިލީހުގައި ތަކުރާރުކޮށް އަމީން ވިދާޅުވީ، މި މައްސަލައިގައި އޭނާ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
"ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ފޯރުވާފައި ނުވާނެ. އަދި ފޯރުވަން ޖެހޭ އެއްވެސް ސަބަބެއްވެސް ނެތް،" އަމީން ވިދާޅުވި އެވެ.
ކޮމެންޓް (2)
ލައި
ނުފޫޒު