ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން: (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި

މި މައްސަލަގަނޑު ހޫނުވީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނުގެ ގޭގައި އޮތް ނަމަވެސް ފުލުހުން އެ ގޭގެ ނަން ފުރަތަމަ ހާމަނުކުރުމުން
29 އޭޕްރީލު 2025

ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ވައްދައިފި އެވެ.

ވީ ކިހިނެއް؟ - ހ. ފެންޓެނޯއީގެ ނުވަ ވަނަ ބުރިން ޔުމްނު، 21، ވެއްޓުނީ ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށެވެ. އޭގެ ކުރިން ޔުމްނު ވަނީ އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.

މި މައްސަލަގަނޑު ހޫނުވީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާ ވެސް ބައިވެރިވި ޕާޓީއެއް އަމީނުގެ ގޭގައި އޮތް ނަމަވެސް ފުލުހުން އެ ގޭގެ ނަން ފުރަތަމަ ހާމަނުކުރުމުންނެވެ. މީހުންގެ ޝަކުވާ ބޮޑުވި ފަހުން ފުލުހުން ފަހުން ވަނީ ގޭގެ ނަން ހާމަކޮށް އެ ޕާޓީގައި އަމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ސަރުކާރުގެ އިސް މަގާމެއްގައި ތިބި ދެ މީހަކު ވެސް ހިމެނެ އެވެ. 

ޕާޓީގައި ޔުމްނުއާ އެކީ އުޅުނު މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވެސް ފުލުހުންގެ ޖިނާއީ ތަހުގީގުތަކުގެ ޑިޕާޓްމަންޓް ހިންގާ އިމާރާތް ދޮށަށް ކޮންމެ ރެއަކު ޒުވާނުން އެއްވެ މުޒާހަރާކުރަން ފެށި ހިސާބުންނެވެ.

ތަހުގީގަށް އަމީންގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތު އަމާޒުވަނީ އެ ކަމާ ގުޅުވަ އެވެ. އޭގެ ފަހުން އެނގުނު ގޮތުގައި އަމީން ވެސް ދިރިއުޅުއްވާ މއ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖުތައް ވެސް ފުލުހުންނަށް ނުލިބޭ ކަމެވެ. ފުލުހުން ބުނެފައިވަނީ ގޭގެ ވެރިފަރާތުން ކެމެރާ ހަލާކުވެފައިވާ ކަމަށް ބުނި ކަމަށެވެ.

ތަފްސީލް - ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާ އެކު ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަމަކީ:

  • ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް

  • ސީސީޓީވީ ކެމެރާ އެ ގޭގައި ހަލާކުވެފައިވާ ކަމަށް ބުނެ ސީސީޓީވީ ފުޓޭޖުތައް ބަލަން ފުލުހުންނަށް ނުދިނުމަކީ ކަންބޮޑުވުމެއް

  • މި ކަންކަމުން އެކަނި ވެސް މަގާމުގެ ނާޖާއިޒު ނުފޫޒު ތަހުގީގަށް އަމީން ފޯރުވާފައިވާ ކަމަށް ބެލެވޭ

"މި ވަގުތު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ އިތުބާރެއް އެ މަނިކުފާނުގެ [އަމީނުގެ] މައްޗަކަށް ނެތް،" މީކާއީލް ވިދާޅުވި އެވެ.

އެނގުން މުހިންމު - އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވަ އެވެ. އަމީން ވިދާޅުވާ ގޮތުން:

  • ޕާޓީ ހިނގި ވަގުތު އޭނާ ރާއްޖެއަކު ނެތް

  • ޕާޓީ އޮތީ އަމީންއާ ސީދާ ގުޅުމެއް ނެތް އެޕާޓްމަންޓެއްގައި

  • ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ ކަން ހިނގި ދުވަހާ ޖެހިގެން އައި ދުވަހުގެ ހަވީރު

  • ފުލުހުންނަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރައްވާ

ފާހަގަކުރެވޭ - މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު އަހުމަދު ޒިލާލް، 21، ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް