ފެންޓެނޯއީ ގޭގައި ރައުދު ހަރަކާތްތެރިވާތަން ފެންނަ ވީޑިއޯގެ ފޮޓޯއެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ވެއްޓުނު ރޭ ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ފުލުހުން ބުނޭ: ކޯޓު އަމުރު
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން، އޭނާ އާއި މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް، ފުލުހުންނާ ހަވާލާދީ ކޯޓު އަމުރެއްގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔުމްނު، 21، ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، އޭނާ އެ ވަގުތު ހުރި ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު ހައްޔަރުކުރީ އިއްޔެ އެވެ.
އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ. އެ ކޯޓު އަމުރުގައި، މައްސަލައާ ގުޅޭ ބައެއް ތަފްސީލުތައް ބަޔާންކޮށްފައިވެ އެވެ.
އަމުރުގައިވާ ގޮތުން:
-
ހާދިސާ ހިނގި ރޭ، ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ބުނި
-
ޔުމްނު ވެއްޓުމަށް ފަހު، އޭގެ މާ ގިނައިރެއް ނުވަނީސް، އޭނާ ކޮބައިތޯ އެހުމުން، ވީ ތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް އައިއޯ ފާހަގަކުރި
އެކަމަކު އެ ހަމަނުޖެހުންތަކެއް ހިނގީ ކޮން ތާކު، ކޮން އިރަކު، ކިހިނެއް ކަމެއް އަދި ޔުމްނު ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނީ ކާކު ކައިރީ ކަމެއް އަމުރަކުން އެނގޭކަށް ނެތެވެ.
އެނގުން މުހިއްމު - މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކޮމެންޓް (2)
މީހާ
ނުރަބޯ