ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު (ކ) އަދި އޭނާގެ ކޮއްކޮ ރައުދު.

ޔުމްނުގެ ކޮމިޝަނަށް ދޮގު ބަޔާންދިން ދާއޫދު މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓަޖީގެ އަންޑަސެކްރެޓަރީގެ މަގާމުން ދާއޫދު ސަސްޕެންޑުކޮށް، ޔޫތު ކައުންސިލުން އޭނާ ހުރީ ވަކިކޮށްފައި؛ ރޭ ވަކިކުރީ އަންޑަސެކްރެޓަރީގެ މަގާމުން
19 ޖޫން 2025
1

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ ދާއޫދު އަހްމަދު ޒިލާލްއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އޭނާ ކޮމިޝަނަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެފައިވަނިކޮށް، އޭނާ މަގާމުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - 18 އޭޕްރީލްގައި ޔުމްނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ފަހު، އެ މައްސަލަ ހޫނުވެގެން ހިނގާ ދިޔަ ކަންތައްތަކުގައި ރައީސް އޮފީހުގެ ޑިޖިޓަލް ސްޓްރެޓަޖީގެ އަންޑަސެކްރެޓަރީގެ މަގާމުން ދާއޫދު ސަސްޕެންޑުކޮށް، ޔޫތު ކައުންސިލުން އޭނާ ވަނީ ވަކިކޮށްފަ އެވެ.

އެ މައްސަލަ ހޫނުވިއިރު، ޔުމްނުއާ އެކީ އޭނާ ވެއްޓުނު އިމާރާތަށް ވަނީ ދާއޫދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލް އެވެ. ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ތަފްސީލް - ކޮމިޝަނުން ދާއޫދު ދޮގު ބަޔާނެއް ދިން ކަމަށް ބުނާ މައްސަލަ އިތުރަށް ތަހުގީގުކުރަން ލަފާ ދީފައި ވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ދާއޫދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

"... މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު އެ މަގާމުން ވަކިކުރައްވައިފި،" ހީނާގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިންމު - މި މައްސަލަ ހޫނުވެފައި ވަނިކޮށް، ދާއޫދު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ތަން ފެންނަ ފޮޓޯ އާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އޭނާ ސަސްޕެންޑު ކުރީ އެ ހާދިސާއާ ގުޅިގެން އާންމުން އޭރު ކުރި މުޒާހަރާތަކުގައި އޭނާ މަގާމުން ވަކިކުރުމަށް ގޮވަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ރިޔާސީ ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދާއޫދު އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި އެ ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި ތަފާތުތަކެއް ހުރުމާ އެކު، އޭނާ ދިނީ ދޮގު ބަޔާންތަކެއްކަން ވަނީ ފާހަގަވެފަ އެވެ.

ތަފާތުތަކެއް ފާހަގަވާ ސަބަބު

ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވަނީ:

  • ރައުދުއާ ދިމާވީ 18 އޭޕްރީލްގެ ފަތިހު 5:30 އާއި 6:30އާ ދެމެދުގެ ވަގުތެއްގައި ކަމަށް

  • ހ. މާއިރާއަށް ރައުދު ވަނީ އަމިއްލައަށް ކަމަށާއި އޭނާ ގެއަށް ގެނައީ ކާކުކަން ނޭނގޭ ކަމަށް

  • ސަރުކާރުގެ އެއްވެސް އިސް މީހަކާ މި މައްސަލައިގެ ހާދިސާއާ ގުޅޭގޮތުން މުއާމަލާތް ނުކުރާ ކަމަށް

  • ޔުމްނު ވެއްޓުމާ ބެހޭ އެއްވެސް ވާހަކައެއް ރައުދު، ދާއޫދުގެ ގާތުގައި ނުބުނާ ކަމަށް؛ ޔުމްނު ވެއްޓުނުކަން އެނގުނީ ރައުދު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހު އައިއޯ ބުނުމުން ކަމަށް

ނަމަވެސް 18 އޭޕްރީލްގެ އެކި ވަގުތުތަކުގައި ދާއޫދު ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއަށް ގުޅައިގެންނާއި މެސެޖުން ވާހަކަ ދައްކާފަ އެވެ. ދާއޫދު އިހުސާންއާ ވާހަކަދެއްކީ ރައުދު ހައްޔަރުކުރުމާ ބެހޭގޮތުންނެވެ.

އެކަން ބަލަން ރައުދުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފުލުހުން އެ މައްސަލައިގައި ޕްރައިމް ސަސްޕެކްޓެއްގެ ގޮތުގައި ބަލަނީ ރައުދު ކަމާއި ނަމަވެސް މިއީ އޮޅިގެން ހިނގާ ކަންތައްތަކެއް ކަމަށް ވެސް ދާއޫދު ބުނެފައިވެ އެވެ.

ދާއޫދު ދިރިއުޅޭ ގޭގެ ބޭރުގައި ނޫސްވެރިން ތިބިކަން ހިއްސާކުރުމުން އެ ގޭގައި އެއްވެސް ކަމެއް ހިނގައިގެން އުޅޭތޯ ބަލަން އިހުސާން ވަނީ އޭރު ސީޕީއަކަށް ހުންނެވި އަލީ ޝުޖާއު ނުވަތަ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ އިސްވެރިޔާ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ގުޅުއްވާފަ އެވެ.

މީގެ އިތުރުން ދާއޫދު އާއި އޭނާގެ ރައްޓެހިން ދިން ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ހާދިސާއަށް ފަހު ރައުދު ގެއަށް ވަނީ އޭނާ އަމިއްލައަށް ކަމަށް ބުނި ނަމަވެސް، ދާއޫދު ރައުދު ބަލާ އެ ގޭ ތިރިއަށް ފޭބިކަމަށް، އެ ވަގުތު އެތަނުގައި ތިބި އޭނާގެ ދެ އެކުވެރިން ވަނީ ބުނެފަ އެވެ.

ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން ކޮމިޝަނުން ފާހަގަކުރީ އެ މީހުން ތަހުގީގަށް ކަމެއް ސިއްރު ކުރާ ކަމަށެވެ. އަދި ކޮމިޝަނުން ތުހުމަތު ކުރަނީ ޔުމްނު ވެއްޓުނުކަން ރައުދު، ދާއޫދުއާ ހިއްސާކުރި ކަމާއި ދާއޫދު ވެސް އެކަން ސިއްރުކުރީ ކަމަށެވެ.

އެކަމުގެ ސަބަބުން ޔުމްނު ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކޮށް ކޮމިޝަނުން ބުނީ "މި ހާދިސާގައި ރައުދު އަހްމަދުގެ އިހުމާލާ އެއްވަރަށް އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަހްމަދާއި އެވަގުތު ހ. މާއިރާއިން ރައުދު އަހްމަދުއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭކަމަށް މި ކޮމިޝަނަށް ފެންނާތީ އެކަން ކަމާބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރުމަށް" ފެންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ - ރަސްމީ އިދާރާތަކަށް ދޮގު ހެކި ދިނުމަކީ ގާނޫނުލްއުގޫބާތުގެ އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. އެއީ އަސާސީ މިންގަނޑު ބަލާއިރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. އަދި އެންމެ މަތީ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.

ގުުޅުން ހުރި -  އެ މައްސަލައިގެ ތެރޭގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

19 ޖޫން 2025
ސުބުހާނަﷲ. މި ބޭފުޅާ މަގާމުން ވަކިކުރީމާ ރައީސް އޮފީހުގެ ޑިޖިޓަލް އަންޑަސެކެރްޓަރީ ހިންގާނީ ދެން ކާކުބާ؟ ލަސްނުކުރައްވައި އެ މަގާމަށް ބޭކަލަކު އައްޔަންކުރައްވަން ސަރުކާރަށް އިލްތިމާސް ދަންނަވަން. އެހެން ނޫންނަމަ އަރައިނުގަނެވޭފަދަ އަޑިގަނޑަކަށް ގައުމު ވެއްޓިދާނެ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް