ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް. (ފޮޓޯ/ ރައީސް އޮފީސް)

ޔުމްނު ވެއްޓުނީ؛ އެކަމަކު ރައުދުގެ އިހުމާލު އޮތްކަމަށް ބުރަވެވޭ: ކޮމިޝަން

ދުރާލާ ރާވައިގެން ބަޔަކު ޔުމްނުއަށް އަނިޔާއެއް ދޭންޖެހޭ ސަބަބެއް ނެތްކަމާއި ހާދިސާ ހިނގި ވަގުތު ރައުދު ފިޔަވާ އިތުރު ބަޔަކު އެ ތަނުގައި ނެތް ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައި

ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގައި އޭނާ އަމިއްލައަށް ފުންމާލީ ކަމަށް ނުވަތަ ބަޔަކު އޭނާ ގަސްތުގައި ވައްޓާލީ ކަމަށް ނުފެންނަ ކަމަށް، އެ ހާދިސާ ތަހުގީގު ކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އޭޕްރީލް 18ގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 27 އޭޕްރީލްގަ އެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ނިންމައި މިއަދު ވަނީ ރިޕޯޓު އާންމުކޮށްފަ އެވެ.

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - އެ ރިޕޯޓުގައި ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު، ޔުމްނު އާއި އެ މައްސަލައިގައި މިހާރު ބަންދުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ފިޔަވައި އިތުރު މީހަކު ހ. ފެންޓަނޯއީގައި ހަރަކާތްތެރިވާ ތަން ނުފެންނަ ކަމަށެވެ.

ސީސީޓީވީ ފުޓޭޖުގެ އިތުރުން ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް އެ ތަނުގައި ހަރަކާތްތެރިވިކަމެއް ކޮމިޝަނަށް ހޯދިފައެއްނުވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި:

  • ދުރާލާ ރާވައިގެން ޔުމްނުއަށް ގަސްތުގައި އަނިޔާއެއް ދޭން ބޭނުންވާ ބަޔަކު ތިބިކަމެއް ނުވަތަ އަނިޔާއެއް ދޭން ޖެހޭ ފަދަ ސަބަބެއް އޮތްކަމެއް އެނގެން ނެތް

  • ހ. ފެންޓަނޯއީގެ ވެރިންގެ ތެރޭގައި އަދި އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ޔުމްނު ދަންނަ ބަޔަކު ނޫޅޭކަން ޔުމްނުގެ ރައްޓެހިން ދީފައިވާ ބަޔާންތަކުން އެނގޭ

  • ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު ހ. ފެންޓަނޯއީގެ އެއްވެސް އެޕާޓްމަންޓަކަށް ވަންނަ ތަނެއް ފުޓޭޖަކުން ނުފެނޭ؛ އެ ގޭގެ ވެރިފަރާތުން ފުލުހުންނާއި ކޮމިޝަނާ ހިއްސާކުރީ އެ ގޭގައި ހުރި ސީސީޓީވީ ކެމެރާތަކުގައި ރިކޯޑުވެފައި ހުރި ހުރިހާ ފުޓޭޖުތައް

  • ޔުމްނު އާއި ރައުދު ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ހަމައަށް އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގޭކަށް ނެތް

  • ޔުމްނު ފެންޓަނޯއީގެ ނުވަވަނަ ފަންގިފިލާއަށް ސިޑިން ފުރަތަމަ އަރަނީ އަމިއްލަ އިހުތިޔާރުގައި. އެއްވެސް މަޖުބޫރުކަމެއް ނެތްކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮވޭ

  • ހ. ފެންޓަނޯއީއަށް ޔުމްނު ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމާއި އެ ގެއަށް ފުރަތަމަ ވަނީ ވެސް އޭނާ ކަމަށް ވުމުން އަނިޔާއެއް ދިނުމުގެ މަގްސަދުގައި ރައުދު އޭނާ އެ ގެއަށް ގެންދިޔައީކަން އެނގޭކަށް ނެތް

  • ފުރާޅުގައި ޖެހުމުން ފިޔަވައި އިތުރު އެއްވެސް އަނިޔާއެއް ޔުމްނުއަށް ލިބިފައެއް ނުވޭ؛ މީހަކު ގަދަކަމުން ވައްޓާލަން މަސައްކަތްކުރި ކަމުގެ ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައިނުވާކަން މެޑިކަލް ރިކޯޑުތަކާއި ހެކިންގެ ހެކިބަހުން އެނގެން އޮވޭ

އެ ކަންކަމަށް ރިއާޔަތްކޮށް ކޮމިޝަނުން ބުނީ ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލާފައި ނުވަތަ ފުންމާލާފައި ނުވަތަ ވެއްޓިފައިވަނީ ހ. ފެންޓަނޯއީގެ ޓެރަހުން ކަމަށް ނުބެލެވޭ ކަމަށެވެ.

ޔުމްނު ވެއްޓުނު ހ. ފެންޓަނޯއީގެ އާއި އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ޔުމްނު ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލުމުގައި ނުވަތަ ވެއްޓުމުގައި ނުވަތަ ފުންމާލުމުގައި އަހްމަދު ރައުދު ފިޔަވައި އެހެން މީހެއްގެ ބައިވެރިވުން އަމަލީ ގޮތުން ނުވަތަ އެ ނޫން ގޮތަކަށް ވެސް އޮތް ކަމަށް ނުބެލެވޭ ކަމާއި ރައުދު އަހްމަދު ގަސްތުގައި ހައްވާ ޔުމްނު ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލި ކަމަށް ވެސް މި ކޮމިޝަނަށް ނުފެނެ އެވެ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޝަނުން ބުނީ ޔުމްނު އަމިއްލައަށް، ގަސްތުގައި ފުންމާލި ކަމަށް ވެސް ބެލެވެން ނެތް ކަމަށެވެ.

ކޮމިޝަނުން ބުނީ ޔުމްނު ވައްޓާލި ކަމަށް ނުބެލެވުނު ނަމަވެސް، އޭނާ ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް އެ ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ.

ސަބަބަކީ އެ ރޭ ހާދިސާ ހިނގި ވަގުތު ރައުދު އާއި ޔުމްނު ވެސް ތިބީ މަސްތުގެ ހާލަތުގައިކަން އެނގެން އޮތުމާއި ހާދިސާ ހިނގި ރޭ "މއ. މާންދޫގޭދެކުނުގެއިން ނުކުތް ފަހުން ހ. މާއިރާއަށް ދިއުމާ ދޭތެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާން ނެތް" ކަމަށް ރައުދު ބުނެފައިވާތީ އެވެ.

ކޮމިޝަނުން ބުނީ މަސްތުގެ ހާލަތަށް އައީ އެ ދެ މީހުންގެ އަމިއްލަ އިހުތިޔާރުގައި ކަމަށް ވާތީ އޭގެ ސަބަބުން ދިމާވާ ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ދެ މީހުން ކަމަށެވެ.

ކަން ހިނގާދިޔަ ގޮތް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާއިރު، ކޮމިޝަނުން ބުނީ އެ ހާދިސާއާ ގުޅޭގޮތުން ޔުމްނުގެ ބަހެއް އެ ކޮމިޝަނަށް ނުލިބޭ ކަމަށެވެ.

އެ ސަބަބުތަކާ އެކު ކޮމިޝަނުން ބުނީ "ޔުމްނު ހ. ފެންޓަނޯއީ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ވެއްޓުމުގައި ރައުދު އަހްމަދުގެ އިހުމާލު އޮތް ކަމަށް މި ކޮމިޝަނަށް ބުރަވެވޭ" ކަމަށެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް