ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޔުމްނު ކޮމިޝަންގެ ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު އާންމު ކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 18 އޭޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގާ މެދު އާންމުންގެ ކަންބޮޑުވުން އުފެދިފައިވަނިކޮށް، ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ 27 އޭޕްރީލްގަ އެވެ. އެ ކޮމިޝަނުން މަސައްކަތް ނިންމައި މިއަދު ރައީސަށް ރިޕޯޓު ވަނީ އަރުވާފަ އެވެ.
ބުނީ ކީކޭ؟ - އެއާ އެކު، ރައީސް މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރިޕޯޓު އާންމު ކުރުމަށް އެ މަނިކުފާނު މިހާރު އަންގާވާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔުމްނު ވެއްޓުނު ހާދިސާއަށް މަދާމާއަށް ދެ މަސްދުވަސް ފުރޭއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލަށް މިދިޔަ ހަފްތާގައި ވަނީ ދައުވާކޮށްފަ އެވެ. އެގޮތުން:
-
ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ
-
އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން
ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
މި މައްސަލައިގައި ޔުމްނުގެ ބަޔާން ނުނެގޭތީވެ މިކަމާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު އާއިލާއިން ބުނެފައިވަނީ ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައި ނުވާ ކަމަށެވެ.