ޔުމުނު ވެއްޓުނު ކަމަށް ފުލުހުން ބުނި ހ. ފެންޓެނޯއީ ގޭގެ ކުޑަ ދޮރު: ޔުމްނުގެ އޮތީ ބަޔާން ނެގޭ ހާލަތުގައި ނޫން ކަމަށަް އާއިލާއިން މިއަދު ބުނި

ޔުމްނު ގެއަށް ދޫކޮށްލައިފި؛ 'އޮތީ ބަޔާން ދެވޭ ހާލަތެއްގައެއް ނޫން'

އާއިލާއިން ބުނި ގޮތުގައި ކޮމިޝަނަށް އެއްބާރުލުން ދީފައިވާނެ

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނު ރަޝީދު ފަރުވާއަށް ފަހު މެލޭޝިއާގެ ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ. ނަމަވެސް އޭނާ އަދި އޮތީ ބަޔާން ދެވޭ ހާލަތެއްގައި ނޫން ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ވެސް އަދި ރިޔާސީ ކޮމިޝަނަށް ވެސް ޔުމްނުގެ ބަޔާން ލިބިފައެއް ނުވެ އެވެ. ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ލިބިފައެއް ނުވެ އެވެ.

ނަމަވެސް މިކަން ޔުމްނުގެ އާއިލާއިން ދޮގުކުރެ އެވެ.

ތަފްސީލު - 18 އޭޕްރީލްގައި ހިނގި މި ހާދިސާއާ ގުޅިގެން 27 އޭޕްރީލްގައި އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ މަސައްކަތް ނިންމައި ރިޕޯޓު ރައީސް މުހައްމަދު މުއިއްޒަށް މިއަދު އަރުވާފަ އެެވެ. ކޮމިޝަނުން އެ ރިޕޯޓު ނިންމާފައިވަނީ ޔުމްނުގެ ބަޔާނާ ނުލަ އެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު، ޔުމްނު މެލޭޝިއާއަށް ގެންދިޔައީ 26 އޭޕްރީލްގަ އެވެ. އޭގެ ފަހުން އޭނާއަށް މެލޭޝިއާގެ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ.

އާއިލާގެ ފަރާތުން މިއަދު 'ދައުރު'އާ ވާހަކަ ދެއްކި ޔުމްނުގެ ޅިޔަނު މޫމިން މައުމޫން ބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

"ހާލު އަންނަނީ ރަނގަޅު ވަމުން. ނަމަވެސް އަދިވެސް އެދުމަތީގައި އޮތީ... މީގެ ހަތް ދުވަސް ކުރިން ހޮސްޕިޓަލުން ދޫކޮށްލައިފި،" މޫމިން ބުންޏެވެ.

ޔުމްނުގެ ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ނުލިބުނު ވާހަކައާ ގުޅޭ ގޮތުން ސުވާލު ކުރުމުން މޫމިން ބުނީ "އެއީ ބޮޑު ސިންގާ ދޮގެއް" ކަމަށެވެ. އާއިލާގެ ފަރާތުން އެއްބާރުން ދިން ކަމަށާއި ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތު ހުރީ ބަޔާން ދެވޭ ގޮތަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.

"ކޮމިޝަނަށް އިންނާނީ [ޔުމްނުގެ] މެޑިކަލް ރިޕޯޓް ހިއްސާކޮށްފައި. އޭގައި [އެ ރިޕޯޓުގައި] އިންނާނެ، ޝީ އިޒް ނޮޓް ފިޓް ޓު ގިވް އިންޓަވިއު... ސިއްހީ ހާލަތު އަދި ތަނެއް ނުދޭ ބަޔާން ދޭކަށް،" މޫމިން ބުންޏެވެ.

ޔުމްނު މިހާރު އެ އޮތް ހާލަތުގައި ދޭ ބަޔާނަކީ، މޫމިން ފާހަގަކުރި ގޮތުގައި، ޝަރީއަތުގެ މަޖިލީހެއްގައި ބަލައިގަންނާނެ ބަޔާނަކަށް ނުވާނެ އެވެ.

"އަހަރެމެން ވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެކަން ކުރަން [ބަޔާން ނަގަން]،" މޫމިން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޔުމްނުގެ ބަޔާން ނުނެގިގެން ފުލުހުން ވަނީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ވެސް މީގެ ކުރިން ބުނެފަ އެވެ. ޔުމްނުގެ ބަޔާން ނަގަން އޭނާ މެލޭޝިއާއަށް ފުރި ފަހުން އެ ގައުމުގައި ދެ ފުލުހަކު ތިބި ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ. އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނެ އެވެ.

އާއިލާގެ ފަރާތުން އޭރު ބުނެފައި ވަނީ ފުލުހުން ރަސްމީކޮށް ބަޔާން ނަގަން އެދިފައި ނުވާ ކަމަށެވެ.

ކޮމެންޓް (2)

މުހަންނަދު

17 ޖޫން 2025
މަސްތުވާތަކެތި ބޭނުން ކޮށްގެން ހުންނަ މީހަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.
0 0

ބެއްޔާގެ ދަރި

17 ޖޫން 2025
މަރު ތަންމަތީގައި އޮންނަ މީހާ ވެސް ގާޒީއެއް ކުރިމަތީގައި ބަޔާން ދީފި ނަމަ އެ ބަޔާން ގަބޫލުކުރާނެ ޝަރީއަތުން
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް