ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ޔުމްނުގެ ބަޔާން ކޮމިޝަނަށް ދޭން ވެސް އާއިލާއިން އެއްބާރުލުމެއް ނުދިން

ކޮމިޝަނުން ވަނީ މަސައްކަތް ނިންމައި ރިޕޯޓު މިއަދު ރައީސްއަށް އަރުވާފައި

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ހާދިސާ ތަހުގީގު ކުރުމަށް އެފެއްދި ރިޔާސީ ކޮމިޝަނަށް ވެސް އޭނާ ބަޔާން ނުލިބުނު ކަމަށާއި އެ ކަމަށް އާއިލާގެ ފަރާތުން އެއްބާރުލުމެއް ނުދިން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 18 އޭޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން އައި ތަހުގީގަށް ވެސް ޔުމްނުގެ ބަޔާން ނަގަން މަސައްކަތް ކުރުމުން އާއިލާގެ އެއްބާރުލުން ނުލިބުނު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ސުވާލު އުފެދިފައިވާތީވެ، 27 އޭޕްރީލްގައި ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަންގެ މަސައްކަތް ނިންމައި ރިޕޯޓު ރައީސަށް އަރުވާފަ އެވެ.

ތަފްސީލު - ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ކޮމިޝަންގެ މަސައްކަތް ނިންމައި މިއަދު ރިޕޯޓު ހަވާލުކޮށްފައި ވަނީ ޔުމްނުގެ ބަޔާނާ ނުލާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިން [ޔުމްނުގެ] ބަޔާން ނަގަން. އެކަމަކު އާއިލާގެ ފަރާތުން އެއްބާރުލުން ނުލިބުނު،" އޭނާ ވިދާޅުވި އެވެ.

މިކަމުގެ ތަފްސީލު ރިޕޯޓުގައި ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް މުނައްވަރު ނުދެއްވަ އެވެ.

މި ރިޕޯޓު އެއްވެސް އުނިއިތުރެއް ނެތި އާންމު ކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ޔުމްނުގެ ބަޔާން ނުނެގިގެން ފުލުހުން ވަނީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. ޔުމްނުގެ ބަޔާން ނެގުމަށްޓަކައި އޭނާ މެލޭޝިއާއަށް ފުރި ފަހުން އެ ގައުމުގައި ދެ ފުލުހަކު ގާއިމްވެ ތިބި ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ. އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރެއް ހިމެނެ އެވެ.

އާއިލާގެ ފަރާތުން އޭރު ބުނެފައި ވަނީ ފުލުހުން ރަސްމީކޮށް ބަޔާން ނަގަން އެދިފައި ނުވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް