އެޕްރީލް 30، 2025: ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ ރައީސް އޮފީސް)

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

ކޮމިޝަނުގެ މަސައްކަތް ނިންމާ މިދިޔަ މަހުގެ 17 ގައި ވަނީ ކޮމިޝަނުގެ ރިޕޯޓު ރައީސަށް އަރުވާފައި

މިދިޔަ އޭޕްރީލް18 ވަނަ ދުވަހު މާލޭ ގެޔެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ،27 އޭޕްރީލްގައި އުފެއްދެވި ކޮމިޝަން ރައީސްގެ ގަރާރަކުން މިއަދު އުވާލެއްވީ އެ ކޮމިޝަނާ މަތިކުރި މަސައްކަތް ފުރިހަމަކުރުމުން ކަމަށެވެ.

ތަފްސީލް - އެ ކޮމިޝަނާ މަތިކުރެއްވި މަސައްކަތްތަކަކީ:

  • ޔުމްނު ވެއްޓިފައި އޮތް މައްސަލަ ބަލާ އެ މައްސަލައިގެ މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރަން

  • އެ ހާދިސާގެ ހަގީގަތް ހޯދައި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުން

  • އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކޮށް، ރައީސް އަށް ލަފާ އެރުވުން

ކޮމިޝަނުގެ މަސައްކަތް ނިންމާ ރައީސް އަށް ރިޕޯޓު އެރުވީ މިދިޔަ މަހުގެ17 ގަ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން:

  • ހާދިސާ ހިނގި ވަގުތު، ޔުމްނު އާއި އެ މައްސަލައިގައި  ބަންދު ކުރި ރައުދު އަހުމަދު ޒިލާލް ފިޔަވައި އިތުރު މީހަކު ހ. ފެންޓަނޯއީގައި ހަރަކާތްތެރިވާ ތަން ނުފެނޭ

ސީސީޓީވީ ފުޓޭޖުގެ އިތުރުން ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް އެ ތަނުގައި ހަރަކާތްތެރިވިކަމެއް ކޮމިޝަނަށް ހޯދިފައެއްނުވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި:

  • ދުރާލާ ރާވައިގެން ޔުމްނުއަށް ގަސްތުގައި އަނިޔާއެއް ދޭން ބޭނުންވާ ބަޔަކު ތިބިކަމެއް ނުވަތަ އަނިޔާއެއް ދޭން ޖެހޭ ފަދަ ސަބަބެއް އޮތްކަމެއް އެނގެން ނެތް

  • ހ. ފެންޓަނޯއީގެ ވެރިންގެ ތެރޭގައި އަދި އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ޔުމްނު ދަންނަ ބަޔަކު ނޫޅޭކަން ޔުމްނުގެ ރައްޓެހިން ދީފައިވާ ބަޔާންތަކުން އެނގޭ

  • ހާދިސާ ހިނގި ރޭ ޔުމްނު އާއި ރައުދު ހ. ފެންޓަނޯއީގެ އެއްވެސް އެޕާޓްމަންޓަކަށް ވަންނަ ތަނެއް ފުޓޭޖަކުން ނުފެނޭ؛ އެ ގޭގެ ވެރިފަރާތުން ފުލުހުންނާއި ކޮމިޝަނާ ހިއްސާކުރީ އެ ގޭގައި ހުރި ސީސީޓީވީ ކެމެރާތަކުގައި ރިކޯޑުވެފައި ހުރި ހުރިހާ ފުޓޭޖުތައް

  • ޔުމްނު އާއި ރައުދު ބައްދަލުވި ހިސާބުން ފެށިގެން ހާދިސާ ހިނގި ވަގުތާ ހަމައަށް އެ ދެ މީހުންގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ހިނގިކަން ނުވަތަ ރުޅިވެރިކަމެއް އުފެދުނުކަން އެނގޭކަށް ނެތް

  • ޔުމްނު ފެންޓަނޯއީގެ ނުވަވަނަ ފަންގިފިލާއަށް ސިޑިން ފުރަތަމަ އަރަނީ އަމިއްލަ އިހުތިޔާރުގައި. އެއްވެސް މަޖުބޫރުކަމެއް ނެތްކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮވޭ

  • ހ. ފެންޓަނޯއީއަށް ޔުމްނު ދިޔައީ އަމިއްލަ އިހުތިޔާރުގައި ކަމާއި އެ ގެއަށް ފުރަތަމަ ވަނީ ވެސް އޭނާ ކަމަށް ވުމުން އަނިޔާއެއް ދިނުމުގެ މަގްސަދުގައި ރައުދު އޭނާ އެ ގެއަށް ގެންދިޔައީކަން އެނގޭކަށް ނެތް

  • ފުރާޅުގައި ޖެހުމުން ފިޔަވައި އިތުރު އެއްވެސް އަނިޔާއެއް ޔުމްނުއަށް ލިބިފައެއް ނުވޭ؛ މީހަކު ގަދަކަމުން ވައްޓާލަން މަސައްކަތްކުރި ކަމުގެ ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައިނުވާކަން މެޑިކަލް ރިކޯޑުތަކާއި ހެކިންގެ ހެކިބަހުން އެނގެން އޮވޭ

އެ ކަންކަމަށް ރިއާޔަތްކޮށް ކޮމިޝަނުން ބުނީ ހ. މިޓާޒް ފުރާޅު މައްޗަށް ވައްޓާލާފައި ނުވަތަ ފުންމާލާފައި ނުވަތަ ވެއްޓިފައިވަނީ ހ. ފެންޓަނޯއީގެ ޓެރަހުން ކަމަށް ނުބެލެވޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް