ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭންގައި - (ފޮޓޯ/އެމްޑީޕީ)
ކުރީގެ ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވިކަން، އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެންގެވީ މިރޭ ބޭއްވި ބައްދަލުވުމެއްގައި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މެދުވެރިކުރައްވަ އެވެ.
ތަފްސީލު - ސޯލިހުގެ ސަޕޯޓަރުން މިރޭ ކެއުމަކާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ވަނީ އެމަނިކުފާނުގެ ނިންމެވުން އިއުލާންކުރެއްވިކަން 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.
މީގެ އަދި ތިން އަހަރު ފަހުން 2028ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނީ ސޯލިހު ކަމަށް ގަބޫލުކުރާ ސަޕޯޓަރުން މީގެ ކުރިން ވެސް ބައްދަލުވުންތަކެއް ބޭއްވި އެވެ. މި ބައްދަލުވުންތައް ލީޑްކުރައްވާ އެއް ބޭފުޅަކީ ސޯލިހުގެ ޅިޔަނެއް ކަމަށްވާ މުހައްމަދު ރަޝީދު ހުސައިނެވެ.
ސިޔާސީ ބައެއް ކަވަރޭޖްތައް
"ރިޔާސީ ޕްރައިމަރީގައި ރައީސް ވާދަކުރައްވާނެ ކަމާއި މިހާރުން ފެށިގެން އަންނަ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން އަދި ރިޔާސީ ޕްރައިމަރީ ރައީސަށް ކާމިޔާބުކޮށްދިނުމާ ގުޅޭ ގޮތުން ބައިވެރިން ވާހަކަ ދެއްކި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައިވެރިޔަކު ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ އިންތިހާބުގައި ސޯލިހު ވާދަކުރައްވާނެ ކަން މި އިއުލާން މި ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައި މާދަމާ ސަލްޓަން ޕާކުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ޖަލްސާއެއް ވެސް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.
ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ކުރިއަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުކުރެއްވި އެވެ. އޭގެ ކުރިން ނަޝީދު ވިދާޅުވެފައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.
މިދިޔަ ފަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދާއި ސޯލިހެވެ. ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތް ފަހުން ޕާޓީގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ފެށި އެވެ. ޕާޓީން ވަކިކުރުމުގެ މަސައްކަތްތައް ފެށުމާ އެކު، ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް ހެދި އެވެ.
ކޮމެންޓް (3)
ސެލެޑާ
ވެލާ
ދުރުމި