މީގެ ކުރިން އޮތް އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން ނަޝީދު، އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދާ ސަލާމް ކުރައްވަނީ (ފައިލް ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީގެ ބޮޑު ޖަލްސާ އަންނަ ހޯމަ ދުވަހު

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ކިޔައި، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްެރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ އާއި އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ޕާޓީން ބާއްވާ ބޮޑު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކޮށް، ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމަށްޓަކައި ކަމަށް ބުނެ އެމްޑީޕީއާ އަލުން ގުޅުމަށް ޑިމޮކްރެޓްސް ޕާޓީން މިދިޔަ އަންގާރަދުވަހު ވަނީ ނިންމާފަ އެވެ. އެއާ އެކު، ނަޝީދު ހިމެނިވަޑައިގަންނަވާހެން ގުޅިވަޑައިގަންނަވާ މެންބަރުންނަށް ކުލަ ގަދަކޮށް މަރުހަބާ ދެންނެވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.

އެ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ސަލްޓަން ޕާކުގަ އެވެ. އެތަނުގައި ޖަލްސާ ބޭއްވުމަށް ސަރުކާރުން ހުއްދަ ދިނީ، ޖަލްސާ ބާއްވަން ތަނެއް ނުދިން ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވަނިކޮށެވެ. އޭރު އެމްޑީޕީން ބުނީ، ތަނެއް ނުދީފި ނަމަ ޖަލްސާ ބާއްވާނީ، ރައީސް ދިރިއުޅުއްވާ މުލީއާގޭ ކަންމަތީގައި ކަމަށެވެ.

އެކަމަކު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ ވަނީ އެމްޑީޕީގެ ޖަލްސާ ބޭއްވުމަށް ސަލްޓަން ޕާކު ކުއްޔަން ދިން ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެކަމަކު އޭގެ ކުރިން އެކަމާ ގުޅޭ ޖަލްސާ ބޭއްވުމަށް ނިންމީ އެވެ.

އެމްޑީޕީން މިހާރު އަންނަނީ ވީހާވެސް ގިނަ ބަޔަކު އެ ޖަލްސާގައި ބައިވެރިވުމަށް އެދި ދައުވަތު ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް