މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ (އެކްސް ފޮޓޯ/ހުސެން ޝާފިއު)

އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޫހު ހުރީ ނަޝީދަށް ހޫނު މަރުހަބާއެއް ކިޔަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ހިތްވަރެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށް ނިންމާފައިވާތީ، އެކަމަށް ހޫނު މަރުހަބާއެއް ކިޔުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟- ނަޝީދާއި ބައިވެރިންގެ އެނބުރި ވަޑައިގަތުމާ ގުޅިގެން ދެން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެރިވެވަޑައިގެން މެމްބަރަކު ވިދާޅުވީ އެންމެންގެ ވެސް ރޫހު ހުރީ ހޫނު މަރުހަބާއެއް ކިޔުމަށް ކަމަށެވެ.

"ޑެމްސްއަށް މަރުހަބާ ކިޔަން އެންމެން ވެސް އެއްބަސްވީ. އެކަކު ވެސް އެކަމާ ދެކޮޅެއް ނުހަދާ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ (އެކްސް ފޮޓޯ/ހުސެން ޝާފިއު)

އޭނާ ވިދާޅުވި ގޮތުގައި ދެން އެ ބައްދަލުވުމުގައި މަޝްވަރާކުރީ، މަރުހަބާ ކިޔާނެ ގޮތަކާ މެދު އެވެ. އެގޮތުން މެމްބަރުން ވާހަކަ ދެއްކެވީ:

  • ސްކޫލު ހޯލެއްގައި ޖަލްސާއެއް ބާއްވައި މަރުހަބާ ކިޔުމަށް

  • ހަރުގޭ ޖަލްސާއެއް ބާއްވަން

  • އެކަމާ ގުޅޭނެ ހާއްސަ ބޮޑު ޖަލްސާއެއް ބާއްވަން

ގިނަ މެމްބަރުންގެ ތާއީދު އޮތީ ބޮޑު ޖަލްސާއެއް ބާއްވައިގެން ނަޝީދަށް މަރުހަބާ ކިޔުމަށެވެ.

ފައްޔާޒު ވިދާޅުވީ އެއީ ލިބުނު ހިތްވަރެއް ކަމަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ނަޝީދާއި ޑިމޮކްރެޓިކްސްގެ މެމްބަރުންގެ އެނބުރި އައުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (އެކްސް ފޮޓޯ/ހުސެން ޝާފިއު)

އޭނާ ވިދާޅުވި ގޮތުގައި:

  • އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުކުރުމާ އެކު އިސްލާހަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި އުފެދުނު އަދި ރާއްޖޭގެ އެންމެ ދޮށީ ޕާޓީ

  • ރާއްޖެ ހަމަ މަގުން ނެއްޓޭ ކޮންމެ ފަހަރަކު ކަންކަން ހަމަ މަގަށް އެޅުވީ ޕާޓީގެ މެންބަރުންގެ ހިތްވަރުން

"އަޅުގަނޑުމެން ސަރުކާރުގެ އަމަލުތަކަށް އިންތިހާއަށް ފާރަވެރިވާން ޖެހޭ މިފަދަ ވަގުތެއްގައި، ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން މި ޕާޓީއާ ގުޅުމަކީ މި މަސައްކަތުގައި ލިބުނު އިތުރު ހިތްވަރެކެވެ،" އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

19 ޖޫން 2025
ނުހަނު ލޯބިން އިނދެގެން އުޅުނު މީހަކު ކެހި ދީފައި ދަމުން މުޅި އާއިލާ "ރޫޅާލާނަމޭ' ގޮވައި ރޫޅާލައި އަދި އެކަން ފާހަގަވެސްކޮށް ހިތުން ނުފިލާވަރުގެ ލަގާ ދީފައިވެސް އަނބުރައި އަންނަން ބޭނުންވުމުން (ވަކީން ޚާއްސަކޮށް ދަރީންގެ މުސްތަގުބަލަށް ވިސްނާފައި) ހޫނު މަރުހަބާ އެއް ކިޔުމަކީ ނެތްކަމެއް ނޫން. އެކަމަކު އެއްކަލަ ރޫޅާލި ހައިޖާނުގެ ޒިންމާ ނަގައި ހިތާމަކުރާކަން ބުނެ މައާފަށް އެދުމަކީވެސް ނެތްކަމެއް ނޫން.
2 0

ސިކުނޑ

19 ޖޫން 2025
@ތެފައާސާ. މަޢާފަށް އެދުމަކީ ރަނގަޅު ސިފައެއް! އެކަމަކު އެކަން ކުރި ނިޔަތާއި މަގުސަދުވެސް ހާމަކުރަންޖެހޭނެ! ކޮންމެއަކަސް މިހާރުގެ މަސްރަހަށް ބަލާއިރު ނަޝީދަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ޗޮއިސް! ލީޑަރުންގެ ގޮތުގައި ދިވެހީން ބަލައިގަންނަނީ ދޫފަރިތަ ތަޖުރިބާހުރި ހިކުމަތްތެރި ވެރިން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް